ފިލްމު "ސަނަމް ތޭރީ ކަސަމް"ގެ އެކްޓަރު ހަރްޝްވަރުދަން އަލަށް ސޮއިކުރި ލޯބީގެ ފިލްމު "ދީވާނިޔަތު"ގެ ބަތަލާގެ ރޯލަށް ސޯނަމް ބާޖްވާ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ފިލްމު އިއުލާނުކޮށް ފިލްމުގެ ލީޑް ރޯލަށް ހަރްޝްވަރުދަން ސޮއިކުރިއިރު ފިލްމުގެ ލީޑް ބަތަލާއަކަން ގެންނާނެ ފަރާތެއް ވަނީ ނުނިމި ބޮޑު ބަހުސަކަށް ގޮސްފައެވެ.
މި ފިލްމަކީ ސޯނަމް އާއި ހަރްޝް އެކީގައި ސްކްރީނުން ފެންނާނެ އަދި ދެ ތަރިން އެކީގައި އަލަށް މަސައްކަތް ކުރާނެ ފުރަތަމަ ފިލްމު ވެސް މެއެވެ. ސޯނަމް ބާޖްވާއަކީ ޕަންޖާބު ފިލްމުތަކުގައި މަސައްކަތްކުރާ އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ ބަތަލާއެކެވެ.
މި އަހަރު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ބޮލީވުޑްގެ ބޮޑު ދެ ފިލްމު ކަމަށްވާ "ހައުސްފުލް 5" އަދި "ބާޣީ 4"ގެ ބަތަލާގެ ރޯލްއިން ވެސް ސޯނަމް ބެލުންތެރިންނަށް ފެންނާނެއެވެ.

ހަރްޝް ބަތަލާ ތާޕްސީ އަދި އެކްޓަރު ވިކްރާންތު މަސޭއާ އެކު ފިލްމު "ހަސީން ދިލްރުބާ"ގެ މަންޒަރެއްގައި--ފޮޓޯ/ފިލްމުފެއަ
ފިލްމު "ދީވާނިޔަތު"އަކީ ވަރަށް ވަރުގަދަ އެހާމެދު ޖަޒުބާތީ ލޯބީގެ ފިލްމެއް ކަމުން ހަރްޝްއާ އެކު ފިލްމަށް ގެންނަން ބޭނުންވީ މުޅިން އާ މޫނެއް ކަމަށާއި ސޯނަމް އަކީ އެ ރޯލަށް އެންމެ ފިޓް ބަތަލާކަމަށް ފިލްމު ގެނެސްދޭ ޕްރޮޑަކްޝަން ހައުސްއާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ.
ފިލްމުގެ ސްޓޯރީއާ އެއްވަރަށް ފިލްމުގެ މިއުޒިކު ވެސް ވަރަށް މުހިއްމު ދައުރެއް އަދާކުރާނެ ކަމަށާއި މިއީ ބެލުންތެރިންނަށް ވަރަށް ބޮޑަށް ކަމުދާނެ ފިލްމެއް ކަމަށް ޕްރޮޑަކްޝަން ހައުސްއިން ވަނީ ބުނެފައެވެ.
މި ފިލްމަކީ މިދިޔަ އަހަރު ރިލީޒްކޮށް ގިނަ ބައެއްގެ މަގުބޫލުކަން ލިބުނު ފިލްމު "ދަ ސަބަރުމަތީ ރިޕޯޓު" ގެނެސްދިން ވިކިރު މޯޝަން ޕިކްޗާސްއިން ގެނެސްދޭ ފިލްމެކެވެ. މުސްތާގް ޝޭހް އަދި މިލަޕް މިލަން ޒަވޭރީ ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވަނީ މި އަހަރުގެ ފަހުކޮޅެވެ.