ފިލްމު "ޖާނޭ ތޫ... ޔާ ޖާނެ ނާ"އިން 2008ވަނަ އަހަރު ބޮލީވުޑަށް ތައާރަފުވި އެކްޓަރު އިމްރާން ޚާން ފިލްމު ކުޅުމާ ދުރުގައި އުޅުމަށް ފަހު އިންޑަސްޓްރީއަށް އެނބުރި އަންނަ ފިލްމުގެ ބަތަލާއަކީ ބޫމީ ޕެޑްނޭކަރު ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ރިޕޯޓުތައް ބުނާގޮތުން މި ފިލްމަކީ ނެޓްފްލިކްސްއިން އުފައްދާ ފިލްމެކެވެ. ފިލްމުގެ މަސައްކަތް ކުރިއަށް އޮތް އޭޕްރިލް މަހު ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ވަކި ނަމެއް ހަމަޖެހިފައިނުވާ މި ފިލްމުގެ ޕްރީ-ޕްރޮޑަކްޝަން މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާއިރު ކެމެރާ ރޯލް ކުރުމަށް ފިލްމު ކްރޫއިން ތިބީ ތައްޔާރަށް ކަމަށް ފިލްމީ ރިޕޯޓުތައް ބުނެއެވެ.
އިމްރާން އެނބުރި ފިލްމީ ދާއިރާއަށް ނުކުންނަން އުޅޭކަމުގެ އަޑުތަކެއް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުތެރޭ ވެސް ވަނީ އަރާފައެވެ.

އިމްރާން ޚާން އަދި ކަންގަނާ ފިލްމު "ކައްޓީ ބައްޓީ"ގެ މަންޒަރެއްގައި--ފޮޓޯ/ޕިންކްވިލާ
އޭރު ބައެއް މީޑިއާތަކުން ބުނިގޮތުގައި އިމްރާން އެކްޓިންގްއަށް އެނބުރި އަންނަ ފިލްމަކީ ބަތަލާ ދީޕިކާ ޕަދުކޯންއާ އެކު އެކްޓަރު 2010ވަނަ އަހަރު ކުޅުނު ފިލްމު "ބްރޭކް ކޭ ބާދު"ގެ ޑައިރެކްޓަރު ދާނިޝް އަސްލަމް ލިޔެ، ޕްރޮޑިއުސްކުރާ ރޮމޭންޓިކް ކޮމެޑީއެކެވެ. ނަމަވެސް، މިހާތަނަށް އިމްރާންގެ ފިލްމާ ގުޅޭ ގޮތުން މާގިނަ ތަފުސީލުތަކެއް މީޑިއާއަށް ހާމަކޮށްފައެއް ނުވެއެވެ.
އާމިރު ޚާންއަށް ބޮޑުބޭބެ ކިޔާ އެކްޓަރު އެންމެ ފަހުން ބެލުންތެރިންނަށް ފެނުނީ 2015ވަނަ އަހަރު ރިލީޒްކުރި ފިލްމު "ކައްޓީ ބައްޓީ"އިންނެވެ.
ބަތަލާ ކަންގަނާ ރަނާވަތުއާ އެކު އިމްރާނު ކުޅުނު އެ ފިލްމު ބިނާކޮށްފައިވާ ހާދިސާ އެ ދުވަސްވަރު ވަރަށް ބޮޑަށް މަޝްހޫރުވެ ސޯޝަލް މީޑިއާގައި ވަނީ ޓްރެންޑްވެފައެވެ.