ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާ ގުޅޭ ގޮތުން ބަލަމުން އަންނަ އިތުރު މައްސަލައެއްގައި ވެސް، އަޑުއެހުންތައް ހުޅުވައިނުލަން އެ ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީން އަންނަނީ، މިދިޔަ މަހުގެ 26ގައި އެ ކޮމިޝަނުން ސަސްޕެންޑުކުރި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަޒްމިރަލްދާއާއި މަހާޒް އަލީ ޒާހިރުގެ މައްސަލަ ބަލަމުންނެވެ.
އެ މައްސަލައިގައި ތުހުމަތު ކުރަނީ، މިދިޔަ ޑިސެމްބަރު މަހު އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް ހައްޔަރުކުރުމުން އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމަށެވެ.
އެ މައްސަލައިގައި މިދިޔަ އަންގާރަ ދުވަހު އަޒްމިރަލްދާ ޖަވާބުދާރީވާން ހާޒިރުކުރިއިރު، އެ އަޑުއެހުން ހުޅުވާލައިގެން ކުރިއަށްގެންދަން އޭނާ އެދިވަޑައިގަތެވެ. ނަމަވެސް އަޑުއެހުން ކުރިއަށްގެންދިޔައީ ސިއްރުކޮށްގެންނެވެ.
އަޒްމިރަލްދާގެ ގާނޫނީ ވަކީލު އިބްރާހިމް ޝަމީލް މިއަދު "ސަން"އަށް ވިދާޅުވީ އެ ކޮމިޝަނުން ބަލަމުންދާ އިތުރު މައްސަލައެއްގައި ވެސް އަޑުއެހުން ހުޅުވާލައިގެން ކުރިއަށްގެންދަން އެދިފައިވާ ކަމަށެވެ. ނަމަވެސް އާންމު މަސްލަހަތަށް ގެއްލުންވެދާނެތީ ކަމަށް ބުނެ، ޖޭއެސްސީން ނިންމީ އަޑުއެހުން ހުޅުވާނުލާން ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަމީލް ވިދާޅުވި ގޮތުގައި އެ ދެވަނަ މައްސަލަ ތަހުގީގު ކުރަން ނިންމިކަން ޖޭއެސްސީން އެންގީ މިދިޔަ ހޯމަ ދުވަހެވެ. އެއީ، ހައިކޯޓުގެ ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް، އޮކްޓޫބަރު 25، 2022ގައި ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު އޭނާއާ ހުތުރުބަހުން މުއާމަލާތުކޮށްފައިވާ ކަމަށް ތުހުމަތުކުރާ މައްސަލައާ ގުޅުންހުރި މައްސަލައެކެވެ.
އެގޮތުން ސުއޫދު އެގޮތަށް ވާހަކަދެއްކެވީ އަޒްމިރަލްދާއާއި މަހާޒުގެ ހާޒިރުގައި ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ. އެހެންވެ، އެ މައްސަލައިގައި އަޒްމިރަލްދާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭތީ އެ ކޮމިޝަނުން އިސް ނަގައިގެން ބަލާ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ނިންމީ ކަމަށް ޖޭއެސްސީން އަޒްމިރަލްދާއަށް އަންގައިފައިވެއެވެ.
މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު މަހާޒު ވެސް ޖޭއެސްސީއަށް ހާޒިރުކޮށްފައިވާއިރު ދެ ބޭފުޅުން ވެސް ވަނީ ތުހުމަތުތަކަށް އިންކާރު ކުރައްވައިފައެވެ.
އެ މައްސަލައިގައި އަޒްމިރަލްދާ ޖޭއެސްސީއަށް ދެއްވި ބަޔާނުގައިވަނީ، ފިރިކަލުންގެ މައްސަލަ ބޭނުންކޮށްގެން ސަރުކާރުން އޭނާއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.
އެ އަޑުއެހުމުގައި އަޒްމިރަލްދާގެ ގާނޫނީ ވަކީލަށް ވާހަކަ ދެއްކުމުގެ ފުރުސަތު އެއްވެސް ވަރަކަށް ނުދެވޭނެ ކަމަށް ކޮމިޝަނުން ބުންޏެވެ. އެ ނިންމުމަށް ފާޑު ކިޔުން އަމާޒުވިއިރު، އެ ނިންމުމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ދެ ބަންޑާރަނައިބުން ކަމަށްވާ އާއިޝަތު އާޒިމާ ޝަކޫރާއި ފާތިމަތު ދިޔާނާ ސައީދު ހިމެނިވަޑައިގަތެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރަލްދާއާއި މަހާޒާއެކު ސަސްޕެންޑުކުރި ފަހުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދު ވެސް ވަނީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ހިމެނޭ ގޮތަށް ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.
އެ ބޭފުޅުން ވިދާޅުވާ ގޮތުގައި ސަރުކާރުން ބޭނުންވަނީ އެ ކޯޓުގައި މިހާރު އޮތް ދުސްތޫރީ މައްސަލަ ބެލުން ހުއްޓުވުމަށެވެ. އެއީ ޕާޓީ ބަދަލު ކުރުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލު ކުރުމަށް ހުށަހަޅާއިފައިވާ މައްސަލައެކެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދާ ޖިނާއި މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ޖޭއެސްސީން ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ އެ ދުސްތޫރީ މައްސަލައިގައި ވަގުތީ އަމުރެއް ނިންމުމާ ގުޅޭ ގޮތުން ގޮތް ނިންމަން، މިދިޔަ މަހުގެ 26ގެ 11:00އަށް އަޑުއެހުމެއް ތާވަލުކޮށްފައި އޮއްވައި އެ ދުވަހުގެ ހެނދުނެވެ.
ހަމަ އެ ދުވަހު ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް ފާސްކޮށްފައެވެ. ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުއިއްޒުވަނީ އެ ބިލާ މެދު އަލުން ވިސްނުމަށް އެދިވަޑައިގެން، ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިފައެވެ.
ރައީސް އެގޮތަށް ނިންމެވީ ބަންޑާރަނައިބު އަހުމަދު އުޝާމްގެ ލަފާގެ މަތިންނެވެ. އެ އޮފީހުން ބުނި ގޮތުގައި އުޝާމް އެގޮތަށް ލަފާ ދެއްވީ، ފަނޑިޔާރުން ވަކި ކުރާގޮތް އިންސާފުވެރި ނޫންކަމަށް ގަބޫލުކުރެވޭތީ އެކަމާމެދު ކަންބޮޑުވުންތަކެއް ހުރުމުންނެވެ.