އާލިއާގެ ދަރިފުޅުގެ ފޮޓޯތައް، އޭނާއާއި ފިރިމީހާ ރަންބީރު ކަޕޫރުގެ ހުއްދަނެތި ނުނެގުމަށް އިންޑިއާގެ ނޫސްވެރިން ގާތު އޭނާ އެދިއްޖެއެވެ.
އާލިއާ އެފަދައިން އެދިފައިވަނީ، އޭނާއަށް 32 އަހަރުފުރުމުގެ މުނާސަބަތުގައި އިންޑިއާގެ ނޫސްވެރިން ބައިވެރިކޮށްގެން ބޭއްވި ހަފުލާއެއްގައެވެ.
އާލިއާގެ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން އިންޑިއާގެ މުމްބާއީގައި ބޭއްވި ކޭކު ފެޅުމުގެ ހަފުލާގައި އާލިއާގެ އިތުރުން ރަންބީރު ވެސް ވަނީ ދަރިފުޅު ރަހާގެ ޕްރައިވެސީއަށް އިހުތިރާމު ކުރުމަށް ނޫސްވެރިން ގާތު އެދިފައެވެ.
ދަރިފުޅު ރަހާގެ ފޮޓޯ ނެގުމާ ގުޅިގެން އާލިއާގެ ދެމަފިރިން ނިންމި ނިންމުމަށް މީޑިއާއިން އިހުތިރާމުކުރާނެ ކަމަށް އުއްމީދުކުރާ ކަމަށާއި އެކަމާ ގުޅިގެން ގާނޫނީ އެއްވެސް ފިޔަވަޅެއް އަޅަން ދެމަފިރިން ނިންމާފައިނުވާ ކަމަށް ރަންބީރު ވަނީ ބުނެފައެވެ.

ބަތަލާ އާލިއާ އާއި ރަންބީރު އާލިއާގެ އުފަންދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި--ފޮޓޯ/ޕިންކްވިލާ
އިންޑިއާގެ މީޑިއާގައި މަސައްކަތްކުރާ ނޫސްވެރިންނާއި ރިޕޯޓަރުންނަކީ އެ އާއިލާއާ ވަރަށް ގާތް ބަޔަކު ކަމަށް ދެކޭ ކަމަށާއި އެއްވެސް ބަޔަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަކީ ކުރަން ބޭނުންވާ ކަމެއް ނޫން ކަމުގައި ރަންބީރު ވަނީ ބުނެފައެވެ.
ނަމަވެސް ހުއްދަނެތި ރަހާގެ ފޮޓޯ ނަގާ އާލިއާ އާއި ރަންބީރުގެ އެދުމަށް ބޯނުލަނބާނަމަ އެފަދަ އަމަލު ހިންގާ މީޑިއާތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށާއި އެގޮތަށް އެކަން ކުރާނީ ވެސް އެ އާއިލާއަށް ވެސް އިތުރު އެހެން ގޮތެއް ނެތުމުން ކަމަށް އާލިއާ ވަނީ ބުނެފައެވެ.
އާލިއާ ވަނީ މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ދަރިފުޅު ރަހާގެ ފޮޓޯ ސޯޝަލް މީޑިއާގައި ޕޯސްޓުކުރުން ވެސް ހުއްޓާލާފައެވެ. މީގެކުރިން އަމިއްލަ އިންސްޓަގްރާމްގައި ރަހާގެ ފޮޓޯތައް ޕޯސްޓުކޮށްފައިވީ ނަމަވެސް އެ ފޮޓޯތައް ވެސް ބަތަލާ ވަނީ ފޮހެލާފައެވެ.
ބައެއް މީޑީއާތަކުން ބުނެފައިވާ ގޮތުގައި ރަންބީރު އާއި އާލިއާގެ މި ނިންމުމަކީ ރަންބީރުގެ ދެބެއިންގެ ދެދަރި ކަރީނާ ކަޕޫރުގެ އާއިލާއަށް ދާދިފަހުން ދިމާވި ނުރައްކާތެރި ހާދިސާއާ ގުޅިގެން ނިންމި ނިންމުމެކެވެ.
ކަރީނާ އާއި ސައިފްގެ ދެމަފިރިން ދިރިއުޅޭ ގެއަށް ވައްކަން ކުރުމުގެ ނަމުގައި ވަން މީހަކު ވަނީ ދެމަފިރިންގެ ހަގު ދަރިފުޅު ޖޭ ރަހީނުކުރުމަށް މަސައްކަތްކޮށްފައެވެ. މި ހާދިސާގައި އެކްޓަރު ސައިފް އަލީ ޚާންއަށް ބޮޑެތި ގެއްލުންތަކެއްވެ ހޮސްޕިޓަލުގައި އެޑުމިޓުކޮށް ވަނީ ފަރުވާދީފައެވެ.