ޔުއޭފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްއިން މެންޗެސްޓާ ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ކްއާޓާ ފައިނަލްއިން ޔުނައިޓެޑް ޖަގަހޯދާފައިވަނީ ރައުންޑް އޮފް 16 ގައި ރެއާލް ސޮސިއެޑާޑް އާ ބައްދަލުކޮށް ފަސް ލަނޑު ދެ ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ.
މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ސޮސިއެޑާޑްގެ ދަނޑުގައި ކުޅެ އެއް ލަނޑު އެއް ލަނޑުން ދެ ޓީމުވީ އެއްވަރެވެ. އަދި ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގު ހަތަރު ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ޔުނައިޓެޑުންނެވެ.
ދެވަނަ ލެގުގައި ޔުނައިޓެޑްގެ ތަރިއަކަށް ވެގެންދިޔައީ ފަހަކަށް އައިސް ކޮންމެ މެޗެއްގައިވެސް އެންމެ ރަނގަޅު ކުޅުމެއް ދައްކާ މުހިންމު ލަނޑުތަކެއް ޖަހާދެމުން ގެންދާ ކެޕްޓަން ބްރޫނޯ ފެނާންޑޭޒްއެވެ. އޭނާ ވަނީ މިމެޗުގައި ތިން ލަނޑު ޖަހާ ހެޓްރިކެއް ވެސް ފުރިހަމަ ކޮށްފައެވެ.
ޔުނައިޓެޑުން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ޖަހާ މެޗުގެ ލީޑު ނަގަައިފާވަނީ ސޮސިއެޑާޑްއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީ އެގްރިގޭޓް ނަތީޖާއިން އެ ޓީމަށް ލީޑު ނަގައިދިނީ ކެޕްޓަން މިކޭލް އޮޔަރުޒަބާލްއެވެ.
ނަމަވެސް މި ލަނޑު ޖެހިތާ ހަ މިނެޓް ފަހުން ޔުނައިޓެޑަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައިވަނީ ލިބުނު ޕެނަލްޓީ އަކުން ފެނާންޑޭޒްއެވެ. މި މެޗުގައި ޔުނައިޓެޑަށް މެޗުގެ ލީޑު ނަގައިދީ އެގްރިގޭޓް ނަތީޖާއިންވެސް ލީޑު ނަގައިދިނީ 50 ވަނަ މިނެޓްގައި ލިބިގެންދިޔަ ޕެނަލްޓީ އަކުން ފެނާންޑޭޒްއެވެ.
މި މެޗުގައި ސޮސިއެޑާޑްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ ކުރަމުންދިޔަ މަސައްކަތަށް އިތުރަށް ހުރަސް އެޅިގެންދިޔައީ މެޗުގެ 63 ވަނަ މިނެޓުގައި ޖޮން އަރަންބުރޫއަށް ދެއްކި ރަތް ކާޑާއެކުއެވެ. މި މެޗުގައި ފެނާންޑޭޒް ކާމިޔާބު ކުރި ތިން ވަނަ ލަނޑު ޖަހާ ހެޓްރިކް ފުރިހަމަ ކޮށްފައިވަނީ 87 ވަނަ މިނެޓުގައި ކާމިޔާބު ކުރި ލަނޑުންނެވެ. އަދި އެ ޓީމުގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ އެއްވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޑިއޮގޯ ޑާލޮޓްއެވެ.
މި ކާމިޔާބީއާއެކު ޔުނައިޓެޑް ކްއާޓާ ފައިނަލުން ޖާގަހޯދާފައިވާއިރު ކްއާޓާ ފައިނަލްގައި ބައްދަލުކުރާނީ އޮލިމްޕިކް ލިއޯން އާއެވެ.
މި މުބާރާތުގެ ކްއާޓާ ފައިނަލުން ލިއޯން ޖާގަހޯދީ ރައުންޑް އޮފް 16 ގައި އެފްސީއެސްބީ އާ ބައްދަލުކޮށް ހަތް ލަނޑު އެއް ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ. މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު އެފްސީއެސްބީގެ ދަނޑުގައި ތިން ލަނޑު އެއް ލަނޑުން ލިއޯން ކާމިޔާބު ކުރިއިރު ލިއޯންގެ ދަނޑުގައި ކުޅުނު ދެވަނަ ލެގު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ ހަތަރު ލަނޑު ސުން ލަނޑުންނެވެ. މި މެޗުގައި ލިއޯން ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖިއޮޖެސް މިކައުޓަޑްޒީ ކާމިޔާބު ކޮށްދިންއިރު އަނެއް ދެ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އާނެސްޓް ނުއާމާއެވެ.