އުމްރާއަށް ގެންދަންކަމަށް ބުނެ ބަޔަކަށް ލަނޑުދިންކަމަށް ބުނާ އަސްކޮއި ގްރޫޕުގެ މައްސަލަ ބަލަނީ

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު: އުމްރާއަށް ގެންދަންކަމަށް ބުނެ ބަޔަކަށް ލަނޑުދިން އަސްކޮއި ގްރޫޕުގެ މައްސަލަ ބަލަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އުމްރާއަށް ދާން ފައިސާ ދެއްކި ބަޔަކު އުމްރާއަށް ނުގެންދިކަމަށް ބުނާ އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޓެޑްގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފިއެވެ.

މިދިޔަ ހަފުތާގެ ފަހުކޮޅު ސޯޝަލް މީޑިއާގައި ބަޔަކު ވަނީ އަސްކޮއި ގުރޫޕުގެ އެހީގައި ރަމަޟާން މަހު އުމްރާއަށްދާން ފައިސާ ދެއްކި ބަޔަކަށް ނުފުރިފައި ވާކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި، އަސްކޮއި ގުރޫޕުން ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އެތައް ދުވަހަކު އެމީހުން އޮޅުވާލުމެއްގެ ތެރޭގައި ބައިއްތިއްބާފައި ވާކަމަށެވެ.

އަދި ދިމާވި މައްސަލައެއްގެ ސަބަބުން ފައިސާ ދައްކައިފައިވާ އުމްރާ ދަތުރު ކުރެވެން ނެތް ކަމަށް މި ރަމަޟޯން މަހުގެ ހަވަނަ ދުވަހުގެރޭ ބުނެފައި ވާކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ. އެމީހުން އުމްރާއަށްދަން ދެއްކި ފައިސާ އަނބުރާ ދެވޭނީ އަންނަ މަހުގެ 15ގައި ކަމަށާއި އުމްރާއަށް ދިއުމަށް ދައްކާފައިވާ 252000 ރުފިޔާ އަނބުރާ ދީފައި ނުވާކަމަށް ވެސް އެ ޕޯސްޓުގައި ވެއެވެ. އެހެންކަމުން އެކަމަށް ސަމާލުވުމަށް މެސެޖުގައި ވަނީ އިލްތިމާސްކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން އުމްރާއަށް ނުދެވިފައި ތިބި ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށާއި އަސްކޮއި ގުރޫޕަށް ދީފައިވާ ހުއްދަ ބާތިލްކުރުމަށް ސޯޝަލް މީޑީއާގައި ވަނީ ގޮވައިލައިފައެވެ. އަދި އެ ގުރޫޕަށް ހައްގުވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ވަނީ ގޮވާލާފައެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި ވަނީ އަސްކޮއި ޖަމާއަތުގެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައި ވާކަމަށެވެ. އަދި ކަމާބެހޭ ޔުނިޓުތަކުން އެ މައްސަލަ ބަލަމުން ދާކަމަށް މިނިސްޓްރު ވިދާޅުވިއެވެ.

މިިނިސްޓަރުގެ މެސެޖުގައި ވަނީ އުމްރާއަށް މީހުން ގެންދިއުމުގެ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ. އެގޮތުން މި ފަހުންވެސް ޖަމާއަތްތަކެއްގެ ހުއްދަ ބާތިލުކޮށްފައި ވާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން އެ ގްރޫޕުގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް، ބަހެއް ލިބިފައެއް ނުވެއެވެ.

އުމްރާއަށް ގެންދާނެ ކަމަށް ބުނެ ފައިސާ ނެގުމަށްފަހު އުމްރާވެރީންނަށް ލަނޑުދޭ މައްސަލަތައް މިހާރަކަށް އައިސް ދޭތެރެއަކުން ފެންމަތިވެއެވެ.

https://www.sun.mv/201269

މިދިޔަ އަހަރުވެސް ވަނީ ރަމަޟާން މަހު ބަޔަކު އުމްރާއަށް ގެންގޮސް އަނބުރާ ރާއްޖެ ނާދެވިފައިވާ މައްސަލައެއް ފެންމަތިވެފައެވެ.

comment ކޮމެންޓް