ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން, މަރުވާ މީހުން ވަޅުލުމުގެ މަސައްކަތްކުރާ މީހުންނަށްދޭ އެލަވަންސް އުވާލައިފިއެވެ.
ކައުންސިލްތަކުގެ ސެކެޓްރީ ޖެނެރަލުންނަށް މިދިޔަ ބުރާސްފަތި ދުވަހު ސީއެސްސީން ނެރުނު ސާކިއުލާއެއްގައިވަނީ، މަރުވާ މީހުން ވަޅުމުގެ މަސައްކަތްކުރާ މީހުންނަށްދޭ "ޖަމާއަތްތެރިންނާއި ގަބުރުސްތާނު އެލަވަންސް" މިއަދުން ފެށިގެން އުވާލައިފައިވާ ކަމަށެވެ.
އެހެން ކަމުން "ޖަމާއަތްތެރިންނާއި ގަބުރުސްތާނު އެލަވަންސް" ދިނުމުގައި މާލިއްޔަތު ގަވާއިދާ ފުށުނާރާ ގޮތަށް، ކައުންސިލްތަކުގެ ފުދުންތެރިކަމަށް ރިއާޔަތްކޮށް، ކައުންސިލްތަކުން ކަނޑައަޅާ ގޮތެއްގެ މަތިން އަމަލު ކުރުމަށް ވަނީ އަންގައިފައެވެ.
އެހެން ކަމުން "ޖަމާއަތްތެރިންނާއި ގަބުރުސްތާނު އެލަވަންސް" ދެން ދޭނީ ރަށު ކައުންސިލްތަކުންނެވެ.
ޖަމާއަތްތެރިންނާއި ގަބުރުސްތާން މަސައްކަތު އެލަވަންސަކީ އަތޮޅުތަކުގެ ރަށްރަށުގައި މަރުވާ މީހުން ވަޅުލުމުގެ މަސައްކަތްކުރާ މީހުންނަށް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސެކެވެ. މީގެ ކުރިން އެ އެލަވަންސް ދެމުން އައީ، އެ މީހުން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 50 ރުފިޔާގެ މަގުންނެވެ.
މި ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ދަށުން އެލަވަންސްތަކަށް ބަދަލު ގެނައުމަށް ނިންމައިފައިވެއެވެ. އެގޮތުން ސަރުކާރުގެ ވަޒީފާތަކުގެ ތެރެއިން 'ޑަަބަލް ޕެންޝަން' ލިބޭ އިދާރާތަކުން އަލަށް ރިޓަޔާވާ މީހުންނަށް ކޮންމެ މަހަކު ދެމުން އަންނަ އެލަވަންސް ކަނޑާލަން މިދިޔަ ނޮވެންބަރު މަހު ސަރުކާރުން ނިންމިއެވެ. ނަމަވެސް، އެ ނިންމުން ބަދަލުކޮށް އެ އެލަވަންސް ދޭން ފަހުން ވަނީ ނިންމައިފައެވެ.