ރޯދަ އަށް ތިބޭ އިރު ދެމަފިރީން ސަމާލުކަން ދޭން ޖެހޭ ވަރަށް މުހިއްމު ކަންތައްތައް ހުރޭ -- ފޮޓޯ/ ޓައިމްސްނައުނިއުސް.ކޮމް

އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރޭގައި ހިމެނޭ އެހެނިހެން އަޅުކަންތަކާ ޚިލާފަށް، ރޯދައިގެ އަޅުކަމަކީ ރޯދަ ވެރިޔާ ވަކި ކަންތައްތަކަކާ ދުރު ވެގެން ހުރެ ފުރިހަމަ ކުރަން ޖެހޭ އަޅުކަމެކެވެ. ރޯދަ ހިފުމަކީ ﷲ އަށް ޓަކައި އަދާ ކުރާ އަޅުކަމެއްގެ ނިޔަތުގައި، އިރު އެރީއްސުރެ އިރު އޮއްސިއްޖައުމަށް ދާންދެން، ކެއުމާއި ބުއިން އަދި ރޯދަ ގެއްލޭ އެންމެހައި ކައްތައްތައް ނުކޮށް ހުރުމެވެ (އަލްޖުރްޖާނީ، 2024). ވުމާއެކު ރޯދަ އަށް ހުންނަ އިރު ދުރުހެލި ވާން ޖެހޭ ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެ ފަދަ ކަމެއް ކުރެވިގެން ރޯދަ ގެއްލި ދާނެ ކަމާ މެދު ކޮންމެ ރޯދަ ވެރިޔަކުމެ ހޭވެރި ވާން ޖެހޭނެއެވެ.

ބަޤަރާ ސޫރަތުގެ 187 ވަނަ އާޔަތުން އެނގޭ ގޮތުގައި، ކެއުމާއި ބުއިން އަދި އެއްދާން ކުރުން ރޯދަ ވެރިޔާ އަށް ހުއްދަ ވަނީ ރޭގަނޑުގެ ވަގުތުގައި އެކަންޏެވެ. އެހެންކަމުން ރޯދަ އަށް ހުންނަ މީހާ ދުވާލުގެ ވަގުތުގައި އެއިން ކަމެއް ކުރުން ހަރާން ވާނެއެވެ. ޤުދުސިއްޔަ ޙަދީޘެއްގައި ވެއެވެ. "ރޯދަވެރިޔާ އޭނާގެ ކެއުމާއި ބުއިމާއި އަދި ޝަހުވަތުން (އެބަހީ: އެއްދާން ކުރުމުން) އެއްކިބާ ވެގެން ހުންނަނީ ތިމަން ރަސްކަލާނގެ އަށް ޓަކައެވެ" (ބުޚާރީ، 1894).

ޤުރުއާނާއި ސުންނަތުން އަދި އިޖުމާޢުން ސާބިތު ވާ ގޮތުގައި ރޯދަ ވެރިޔާ، ބުނެވި ދިޔަ ތިން ކަމުން ކުރެ ކަމެއް ކޮށްފި ނަމަ އޭނާގެ ރޯދަ ގެއްލޭނެއެވެ (އިބުނުލްމުންޡިރު، 1999، އިބުނު ޙަޒުމް، 1998). މީގެ ތެރެއިން މި ލިޔުމުގައި ބަލައިލާނީ ރޯދަ އަށް ހުރެ އެއްދާން ކުރުމާ ބެހޭ ގޮތުންނެވެ. ރޯދަ މަހުގެ ދުވާލު އެއްދާން ކުރުމުގައި ދިމާ ވެދާނެ ތަފާތު ހާލަތް ތަކެއް ހުރެއެވެ.

ފުރަތަމަ ހާލަތަކީ ރޯދަ އަށް ހުރެ އެއްދާން ކުރުމަކީ ހަރާން ކަމެއްކަން އިނގި ހުރެ ގަސްތުގައި އެ ކަން ކުރުމެވެ. މި ހާލަތުގައި މަނި ބޭރު ވިޔަސް ނުވަތަ ނުވިޔަސް ރޯދަ ގެއްލޭނެއެވެ (އިބުނު ޤުދާމާ، 1997). ވުމާއެކު އެ ރޯދަ ޤަޟާ ކޮށް އަދި ކައްފާރާ ދިނުން ވާޖިބު ވާނެއެވެ (އަލްބަހޫތީ، 2021).

ދެވަނަ ހާލަތަކީ ރޯދަ އަށް ހުރިކަން ހަނދާން ނެތިގެން ނުވަތަ އޮޅުމަކުން ނުވަތަ ރޯދަ އަށް ހުރެ އެއްދާން ކުރުމަކީ ހަރާން ކަމެއްކަން ނޭގި ހުރެ އެ ކަން ކުރެވުމެވެ. ޙަނަފީންނާއި މާލިކީން އަދި ޝާފިޢީން ދެކެވަޑައި ގަންނަވާ ގޮތުގައި މި ހާލަތުގައި ކައްފާރާ ދޭކަށް ނުޖެހޭނެއެވެ. ނަމަވެސް އެ ދުވަހުގެ ރޯދަ ޤަޟާ ކުރަން ޖެހޭނެއެވެ (އަލްބާބަރަތީ، 1970، އައްނަވަވީ، 1980، އިބުނުލްމުލައްޤިން، 1986).

ޙަންބަލީންގެ ރައުޔުގައި ވާ ގޮތުން މި ހާލަތުގައި ރޯދަ ޤަޟާ ކުރުމާ އެކު ކައްފާރާ ދޭން ޖެހޭނެއެވެ (އަލްމަރްވަޒީ، 2004، އިބުނު ޤުދާމާ، 1997). ދަލީލުތަކަށް ބަލާއިރު މި މައްސަލައިގައި އެންމެ ރަނގަޅު ކަމަށް ބުރަވެވެނީ ޖުމުހޫރުންގެ ރައުޔަށެވެ.

ކައްފާރާ
ކައްފާރާ ދިނުމަކީ އަޅަކު މިނިވަން ކުރުން ނުވަތަ ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފުން ނުވަތަ ފަސްދޮޅަސް މިސްކީނުންނަށް ކާން ދިނުމެވެ (މުސްލިމް، 1947). ކައްފާރާ ދިނުމުގައި ބަލާނީ ތަރުތީބުން އެ މީހަކަށް ކުޅަދާނަ ވެގެން ވާ ކަމެއް ކުރުމަށެވެ. އެންމެ ފުރަތަމަ އަޅަކު މިނިވަން ކުރުމެވެ. މިނިވަން ކުރާނޭ އަޅަކު ނުލިބޭ ނަމަ ވިދިވިދިގެން ދެމަސް ދުވަހު ރޯދަ ހިފުމެވެ. މިގޮތަށް ރޯދަ ހިފާއިރު އުޒުރަކާ ލައިގެން މެނުވީ ރޯދަ ހިފުން މެދު ކަނޑާލައިގެން ނުވާނެއެވެ. ރޯދަ ހިފުން މެދު ކެނޑި ދާނެ ޝަރުޢީ އުޒުރުގެ ތެރޭގައި، ބަލިވުމާއި ދަތުރެއް ކުރަން ޖެހުމާއި އަދި ޙައިޟު ނިފާސް ވުން ފަދަ އުޒުރުތައް ހިމެނެއެވެ (އަލްޖުޒައިރީ، 2003).

ވިދިވިދިގެން ދެ މަސްދުވަހު ރޯދަ ހިފަން ކުޅަދާނަ ނުވާ ނަމަ ދެން ޖެހޭނީ ފަސްދޮޅަސް މިސްކީނުންނަށް ކާންދޭށެވެ. މިސްކީނަކީ ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭ ހާލަތުގައި ވާ މީހާއެވެ (އިބުނު ދުރައިދު، 1986). ކާން ދޭނީ އެ ތަނެއްގައި އާންމުކޮށް ކައި އުޅޭ މައިގަނޑު ކެއުމަކުން ކޮންމެ މިސްކީނަކަށް މުއްދެއްގެ މިންވަރެވެ (އިބުނު ޤުދާމާ، 1997). މުއްދެއްގެ މިންވަރަކީ އެ ތަނެއްގައި ދިރި އުޅޭ މީހުންގެ ތެރެއިން މެދު މިނުގެ އިންސާނެއްގެ ދެ އަތްގޮށި ހުންނަ މިންވަރެވެ (އިސްލާމްވޭ.ނެޓް، 2008). ކިލޯ ގުރާމުން ބަލާ ނަމަ އެއީ ގާތްގަޑަކަށް 544 ގުރާމެވެ (މަޖައްލަތުލްބުޙޫޘުލްއިސްލާމީ، 59/179). ފަސްދޮޅަސް މިސްކީނުންގެ ކެއުން ވަކިވަކިން ފަސްދޮޅަސް މީހުންނަށް ނުދީ އެންމެ މިސްކީނަކަށް ވެސް ދެވިދާނެ ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ (އައްސަރުޚަސީ، 1989، އިބުނު ޤުދާމާ، 1997).

ޖުމުހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ކައްފާރާގެ ގޮތުގައި، ކާ ތަކެތީގެ އަގު ދިނުމުން އެއީ ކައްފާރާ އަދާ ކުރެވުނު ކަމަކަށް ނުވާނެއެވެ (އިބުނުލްޢަރަބީ، 2003، އަލްމާވަރުދީ، 1994، އިބުނު ޤުދާމާ، 1997). ނަމަވެސް ޙަނަފީންނާއި އަދި ޙަންބަލީންގެ އެއް ރިވާޔަތުގައި ވާ ގޮތުން، ކާ ތަކެތީގެ ބަދަލުގައި އޭގެ އަގު ދިނުން ހުއްދަ ވާނެއެވެ. އެހެން ހަދައިފި ނަމަ އެއީ ކައްފާރާ އަދާ ކުރެވުނު ކަމަށް ވާނެއެވެ (އަލްޖައްޞާޞް، 1992، އަލްމަރްދާވީ، 1956). މިސްރުގެ ދާރުލްއިފްތާގެ ރައުޔަކީ ވެސް މިއެވެ (ދާރުލްއިފްތާ، 2000).

ކައްފާރާ ދޭން ޖެހޭ ހާލަތުގައި، ފިރިމީހާ އެކޭ އެއްގޮތަށް އަނބިމީހާ ވެސް ކައްފާރާ ދިނުން ވާޖިބު ވާނެއެވެ. އެއް ކައްފާރާގައި ދެމީހުން ބައިވެރި ވާ ގޮތަށް (މިސާލަކަށް، ދެ މަސް ދުވަހުގެ ރޯދަ ކޮންމެ މީހަކަށް ތިރީސް ދުވަސް ބަހާލައިގެން) އަދައެއް ނުކުރެވޭނެއެވެ. ކޮންމެ މީހަކުވެސް ކައްފާރާ ދޭން ޖެހޭނީ ވަކި ވަކީންނެވެ (އިބުނު ޤުދާމާ، 1997).

އެއްދާން ކުރުމުގެ އިތުރުން، ރޯދައަށްހުރެ ގަސްތުގައި މަނި ބޭރު ކުރުމަކީ ވެސް ރޯދަ ގެއްލޭނެ ކަމެއްކަމަށް ޢިލްމުވެރީން އިއްތިފާޤުވެއެވެ (އިބުނު ޤުދާމާ، 1997). ނަމަވެސް އެއްދާން ކުރުން ނޫން ގޮތަކަށް މަނި ބޭރު ކުރި ނަމަ ކައްފާރާ ދޭކަށް ނުޖެހޭނެއެވެ. އެ ހާލަތުގައި ޖެހޭނީ ރޯދަ ޤަޟާކުރާށެވެ (އަލްބަހޫތީ، 2021).

ބަޔާން ވެ ދިޔަ މައުލޫމާތުން އެނގުނު ގޮތުގައި، ރޯދަ މަހު ދުވާލުގެ ވަގުތުގައި ކެއުމާއި ބުއިން އަދި އެއްދާން ކުރުމަކީ ހަރާން ކަމެކެވެ. މި ކަންތައްތައް ހުއްދަ ވަނީ ރޯދަ ވީއްލުމަށް ފަހު ރޭގަނޑުގެ ވަގުތުގައެވެ. ރޯދަ އަށް ހުރެ ގަސްތުގައި އެއްދާން ކޮށްފިނަމަ ރޯދަ ގެއްލޭނެއެވެ. އަދި އެ ރޯދަ ޤަޟާ ކުރުމާ އެކު ކައްފާރާ ދިނުން ވާޖިބު ވާނެއެވެ. ހަނދާން ނެތިގެން ނުވަތަ އޮޅުމަކުން ނުވަތަ އެ ކަމުގެ ހުކުން ނޭގި ހުރެ އެއްދާން ކުރެވުމުން ކައްފާރާ ދޭން ނުޖެހޭނެ ކަމަށާއި ނަމަވެސް އެ ދުވަހުގެ ރޯދަ ޤަޟާ ކުރުން ވާޖިބު ވާނެ ކަމަށް ޖުމުހޫރު ޢިލްމުވެރިން ވިދާޅުވެއެވެ.

comment ކޮމެންޓް