ފަޒީން ސުލޫކާ ޚިލާފުވިކަމަށް ކޮމިޓީން ނިންމި މައްސަލަ އިތުރަށް ބަލަން އަނބުރާ ކޮމިޓީއަށް

ބްރޯޑްކޮމްގެ ނައިބު ރައީސް, މުޙައްމަދު ފަޒީން: ފަޒީން ސުލޫކާ ޚިލާފުވިކަމަށް ކޮމިޓީން ނިންމި މައްސަލަ އިތުރަށް ބަލަން އަނބުރާ ކޮމިޓީއަށް --

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސް, މުޙައްމަދު ފަޒީން އެ ކޮމިޝަންގެ މެންބަރުކަމުގެ ސުލޫކީ މިންގަނޑާ ޚިލާފުވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމި ނިންމުން އިތުރަށް ބަލައި ދިރާސާކުރުމަށް އަނބުރާ އެ ކޮމިޓީއަށް މަޖިލީހުގެ ތަޅުމުން މިއަދު ފޮނުވައިފިއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ފަޒީންގެ މައްޗަށް ތުހުމަތު ކުރަނީ އެތަނުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި ކަމަށެވެ.

އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއްސަސާތަކުގެ ކޮމިޓީން ނިންމީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ. އެއަށްފަހު އެ މައްސަލަ މަޖިލިސް ތަޅުމުގައި އިއުލާނުކުރުމަށް ވަނީ ތަޅުމަށް ފޮނުވައިފައެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް -- ފޮޓޯ/ މަޖިލީސް

އެއާއެކު މިއަދުގެ ޖަލްސާގައި ރައީސްގެ މޭޒުން ހުށަހަޅާ ކަމެއް ގޮތުގައި އެ މައްސަލަ ވަނީ އިއުލާނުކޮށްފައެވެ. އަދި އެ މައްސަލައިގައި ކޮމިޓީ ރިޕޯޓު ވަނީ ތަޅުމަށް ހުށަހަޅައިފައެވެ.

ކޮމިޓީ ރިޕޯޓުން އެނގޭ ގޮތުގައި އެ މައްސަލައިގައި ޖިންސީ ފުރައްސާރަ ލިބުނު އަންހެން މުވައްޒަފާއި ކޮމިޝަންގެ އިތުރު މުވައްޒަފުން ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އެގޮތުން އަންހެން މުވައްޒަފު ކޮމިޓީއަށް ހާޒިރުކުރުމުން، އޭނާގެ ގައިގައި ނުރުހުމުގައި އަތްލާފައިވާ ކަމަށާއި އަދި ބޭއަދަބީ ބަހުރުވައިން ފަޒީން އޭނާއާ ވާހަކަދައްކާފައިވާ ކަމަށް ކޮމިޓީގައި އޭނާ ވަނީ ބުނެފައެވެ. އަދި ކޮމިޝަންގެ އެހެން އަންހެން މުވައްޒަފަކާ ވެސް ބޭއަދަބީ ބަހުރުވައިން ފަޒީން ވާހަކަދައްކާ ކަމަށް ކޮމިޓީގައި އޭނާ ވަނީ ބުނެފައެވެ.

އެ މައްސަލަ ކޮމިޝަންގެ ޖިންސީ ފުރައްސާރައާއި ބެހޭ ކޮމިޓީއަށް ހުށަހެޅި ކަމަށް ހާޒިރުވި މުވައްޒަފުން ވަނީ ބުނެފައެވެ.

މަޖިލީހުގެ އަމީންއާއްމު، ކޮމިޓީ ރިޕޯޓު އިއްވަވަނީ -- ފޮޓޯ/ މަޖިލިސް

އެހެންކަމުން އަންހެން މުވައްޒަފުންނާ ބޭއަދަބީ ބަހުން ވާހަކަދެއްކުމާއި، އަދި މުވައްޒަފުގެ ގައިގައި އަތްލުމަކީ މުޖުތަމައު ގަބޫލުކުރާ އަޚުލާގީ މިންގަނޑާ ޚިލާފު އަމަލެއް ކަމަށް ކޮމިޓީން ދެކޭ ކަމަށް ކޮމިޓީ ރިޕޯޓުގައި ވަނީ ބުނެފައެވެ. އަދި އެކަމަކީ ކޮމިޝަންގެ މެންބަރުކަމުގެ ސުލޫކީ ހަމަތަކާ ޚިލާފު ކަމެއް ކަމަށް ވެސް ކޮމިޓީން ވަނީ ނިންމައިފައެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

މިކަމާ ގުޅިގެން "ސަން" އަށް މައުލޫމާތު ދެއްވަމުން މީގެ ކުރިން ފަޒީން ވިދާޅުވީ، އޭނާގެ މައްސަލައެއް މަޖިލީހުން ބަލަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކާކަށް ފަޒީން ބޭނުމެއް ނުވިއެވެ.

ކުރިން ރާއްޖެ ޓީވީގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި, ފަޒީން, ބްރޯޑްކޮމްގެ ނައިބު ރައީސްގެ މަގާމަށް އައްޔަނުކުރީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައެވެ.

comment ކޮމެންޓް