ސޫރިޔާގެ ސަރުކާރުން ހިންގާ އަސްކަރީ އޮޕަރޭޝަންގައި ހާހަކަށްވުރެ ގިނަމީހުން މަރާލައިފި

ސޫރިޔާގެ މިހާރުގެ ރައީސް އަހްމަދުއްޝަރުއު (އަބޫ މުހައްމަދުލްޖޫލާނީ)

ދިމިޝްގު (9 މާޗް 2025): ސޫރިޔާގެ ސަރުކާރުގެ ބާރުތަކުން އެގައުމުގެ ކުރީގެ ރައީސް ބައްޝާރުލްއަސަދަށް ތާއީދުކުރާ ހަނގުރާމަ ވެރިންނާ ދެކޮޅަށް ހިންގަމުން ގެންދާ ލޭ އޮހޮރުވުން ބޮޑު އަސްކަރީ އޮޕަރޭޝަންގައި ހާހަކަށް ވުރެ ގިނަ މީހުން މަރާލައިފިއެވެ.

މި ކުރިމަތިލުންތައް ހިނގަމުންދަނީ ސޫރިޔާގެ ހުޅަނގުގެ ދެ ސަރަހައްދެއްކަމަށްވާ ލާޒިގިއްޔާ އާއި ތަރުތޫސް ގައެވެ. މިއީ ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދަށް ތާއީދުކުރާ ގިނަ ބަޔަކު ދިރިއުޅޭ ދެ ސަރަހައްދެވެ. އަދި ބައްޝާރު ނިސްބަތްވެ ވަޑައިގަންނަވާ ސޫރިޔާގެ އަލަވީ މަޒުހަބު ގެ މީހުންވެސް އެންމެ ގިނައީ މިދެ ސަރަހައްދުގައެވެ.

ސޫރިޔާގެ މިހާރުގެ ސަރުކާރަކީ ބައްޝާރުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރި ތަކްފީރީ ޓެރަރިސްޓް ޖަމާއަތްތަކުގެ ތެރެއިން ޖަބްހަތުއްނުސްރާ ނުވަތަ ހައިއަތު ތަހްރީރު އައްޝާމް ނަމަކަށް ކިޔާ ޓެރަރިސްޓް ޖަމާއަތުގެ ހަނގުރާމަވެރިން މިދިޔަ ޑިސެންބަރު މަހުގެ އަށްވަނަ ދުވަހު ސޫރިޔާގެ ވެރިރަށް ދިމިޝްގަށް އަރައި ބައްޝާރުގެ ވެރިކަން ވައްޓާލުމަށްފަހު އުފައްދާފައިވާ ސަރުކާރެކެވެ.

މިޖަމާއަތުގެ ހަނގުރާމަވެރިން ދިމިޝްގަށް އެރުމާއެކު ބައްޝާރާއި އޭނާގެ އާއިލާ ވަނީ ވެރިކަން ދޫކޮށް ފިއްލަވާފައެވެ. ފިއްލަވައިގެން ދުވަސްކޮޅަކު ސޫރިޔާގައި އުޅުއްވުމަށްފަހު ބައްޝާރުވަނީ ރަޝިއާއަށް ވަޑައިގެން ހިމާޔަތް ހޯއްދަވާފައެވެ.

ސޫރިޔާގެ މިހާރުގެ ސަރުކާރު ބުނާގޮތުން ހަމަލާތައް ފެށުނީ ބައްޝާރުގެ ސަރުކާރަށް ތާއީދުކުރާ ހަތިޔާރުއެޅި ބަޔަކު ދިން ހަމަލާތަކެއްގައި ސޫރިޔާ ގެ ދާޚިލީ ބާރުތަކުގެ ބަޔަކު މަރުވުމާ ގުޅިގެންނެވެ.

ސޫރިޔާގެ މިހާރުގެ ސަރުކާރުގެ ބާރުތައް ބައްޝާރަށް ތާއީދުކުރާ ފަރާތްތަކާ ދެކޮޅަށް ހަނގުރާމަ ކުރަނީ

މިކަމަށް ބަދަލު ހިފުމުގެ ގޮތުން ސޫރިޔާގެ ސަރުކާރުގެ ބާރުތަކުންވަނީ ލާޒިގިއްޔާ އާއި ތަރުތޫސް ހިމެނޭ ގޮތަށް ސޫރިޔާގެ ހުޅަނގު އުތުރުގައިވާ މެޑިޓަރޭނިޔަން ކަނޑުގެ އައްސޭރި ފަށުން ފެށިގެން އުތުރުގައިވާ އިދްލިބް އާ ހަމައަށް ވަރަށް ވަރުގަދަ އަދި ލޭއޮހޮރުވުން ބޮޑު އަސްކަރީ އޮޕަރޭޝަނެއް ފަށާފައެވެ.

އިދްލިބް އަކީ ސޫރިޔާގެ ވެރިކަމުގައި މިހާރު ތިބި ފަރާތްތައް ބައްޝާރުގެ ވެރިކަމާ ދެކޮޅަށް ކުރި ދާޚިލީ ހަނގުރާމައިގައި އެމީހުންގެ އެންމެ ބޮޑު މަރުކަޒެކެވެ. މިހާރުވެސް އިދްލިބް ގައި ސޫރިޔާގެ ސަރުކާރަށް ތާއީދުކުރާ ތަކްފީރީ ޓެރަރިސްޓް ޖަމާއަތްތަކަށް ނިސްބަތްވާ އެތަށް ހާސް ހަނގުރާމަވެރިން އެބަތިއްބެވެ.

ސޫރިޔާގެ ދާޚިލީ ވުޒާރާ ބުނާގޮތުން ބައްޝާރަށް ތާއީދުކުރާ ހަތިޔާރުއެޅި ފަރާތްތަކާ ދެކޮޅަށް ލާޒިގިއްޔާ އާއި ތަރުތޫސް ގައި ހަނގުރާމަ ކުރަމުން ގެންދަނީ އިދްލިބްއިން އެދެ ސަރަހައްދަށް ގެންދިޔަ ހަނގުރާމަވެރިންގެ ގުރޫޕަކުންނެވެ.

އެގުރޫޕުން އިއްޔެ އާއި މިއަދު ދިން ވަރުގަދަ ހަމަލާތަކުގައި ބައްޝާރަށް ތާއީދުކުރާ ހާހެއްހާ ހަނގުރާމަވެރިން މަރާލައި އެތަށް ސަތޭކަ ބަޔަކު ޒަޚަމްކޮށްލާފައިވާ ކަމަށް ސޫރިޔާގެ ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއް ބުނެއެވެ. ނަމަވެސް މީޑީއާ ރިޕޯޓްތައް ބުނާގޮތުން ސޫރިޔާގެ މިހާރުގެ ސަރުކާރުން ދިން ހަމަލާތަކުގައި ގިނައިން މަރާލާފައިވަނީ ލާޒިގިއްޔާ އާއި ތަރުތޫސްގެ އާންމުންނެވެ. އެއީ ބައްޝާރަށް ތާއީދުކުރާ އާންމުންނެވެ.

އިސްރާއީލުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ސޫރިޔާއަށް ހަމަލާދީ ސޫރިޔާގެ ބައެއް ބިންތައް ހިފަމުން ގެންދާއިރު ސޫރިޔާގެ ކުރީގެ ސަރުކާރެކޭ އެއްގޮތަށް މިހާރުގެ ސަރުކާރުން ވެސް އެކަމާ އަޅައެއް ނުލައެވެ. އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކާ އެއްވެސް ވަރަކަށް ކުރިމައްޗެއް ނުލައެވެ. އިސްރާއީލުގެ އުދުވާނަށް ރައްދު ހަމަލާއެއްވެސް ނުދެއެވެ.

ނަމަވެސް ބައްޝާރަށް ތާއީދުކުރާ ހަތިޔާރު އެޅި ފަރާތްތަކުގެ ހަމަލާތަކާ ދެކޮޅަށް ހަނގުރާމަ ކުރިމަށް ސޫރިޔާ ސަރުކާރުން ވަނީ ގިނަ އަދަދެއްގެ ހަތިޔާރާއެކު ވަރުގަދަ ލަޝްކަރެއް ނެރެފައެވެ. ބައްޝާރުގެ ދުވަސްވަރުގައި ވެސް ކަންކޮށްފައިވަނީ މި ބީދައިންނެވެ.

އަނެއްކޮޅުން އިސްރާއީލުން ސޫރިޔާއަށް ދޭ ވަރުގަދަ ހަމަލާތަކާއި އިސްރާއީލުން ހިފާ ސޫރިޔާގެ ބިންތަކާމެދު އަޅާނުލައި އަދި އެކަމަށް ބީރު ކަންފަތެއް ދެމުންގެންދާ ޔޫރަޕްގެ ގައުމުތަކުން ވެސް ބައްޝާރަށް ތާއީދުކުރާ ހަނގުރާމަވެރިން ސޫރިޔާގެ މިހާރުގެ ސަރުކާރާ ދެކޮޅަށް ދިން ހަމަލާތައް ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އަދި ހަރުކަށި ބަޔާންތައް ވެސް ވަނީ ނެރެންފަށާފައެވެ.

މަގާމުން ދުރުކޮށްފައިވާ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރި ތަކްފީރީ ޓެރަރިސްޓް ޖަމާއަތްތަކަށް ފާޅުކަން ބޮޑުގޮތެއްގައި ވާގިވެރިވެފައިވަނީ ތުރުކީންނެވެ. ބައްޝާރަށް ވާގިވެރިވީ ރަޝިއާއާއި އީރާން އަދި ލުބްނާނުގެ ހިޒްބުﷲ އެވެ.

ބައްޝާރުގެ ސަރުކާރު ވައްޓާލުމަށްޓަކައި އަލްގާއިދާއާއި ޖަބްހަތުއްނުސްރާ ފަދަ ޓެރަރިސްޓް ޖަމާއަތްތައް ސޫރިޔާއަށް ވަދެފައިވަނީ ވެސް ތުރުކީގެ ބޯޑަރު ހުރަސްކޮށެވެ. އެ ޓެރަރިސްޓް ޖަމާއަތްތަކަށް ނުސީދާ ގޮތެއްގައި ވާގިވެރިވާ ކަމުގެ ތުހުމަތު ކުރެވިފައިވަނީ ޔޫރަޕްގެ ގައުމުތަކަށާއި އެމެރިކާގެ މައްޗަށެވެ.

އެޖަމާއަތްތަކަށް ދުނިޔޭގެ ގައުމުތަކުން ޚާއްސަކޮށް އިސްލާމީ ގައުމުތަކުން ހަނގުރާމަ ވެރިން ރެކްރޫޓް ކުރުމަށް ޚަރަދުކުރިކަމުގެ ތުހުމަތު އެންމެ ބޮޑަށް ކުރެވެނީ ގަތަރުގެ މައްޗަށެވެ. މީގެއިތުރުން ގަލްފުގެ އެެހެން ބައެއް ގައުމުތަކުގެ މައްޗަށެވެ.

ކުރީގެ ޖަބްހަތުއްނުސްރާ (ފަހުން ހައިއަތު ތަހްރީރުއްޝާމް) ޖަމާއަތުން ސޫރިޔާގައި އެކުލަވާލި ސަރުކާރަށް ދުނިޔޭގެ ވަރަށް މަދު ގައުމަކުން ނޫނީ އިއުތިރާފު ވެފައެއް ނުވެއެވެ. އެ ސަރުކާރަށް އެންމެ ފުރަތަމަ އިއުތިރާފު ވި ދެގައުމަކީ ތުރުކީއާއި ގަތަރެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު