ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ހާޒިރުކޮށްގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ކުރިއަށްގެންދާ އަޑުއެހުންތައް އާންމުންނަށް ފެންނާނެހެން ހުޅުވައިލައިގެން ކުރިއަށް ގެންދަން އަޒްމިރަލްދާގެ ފަރާތުން އެދިއްްޖެއެވެ.
އެންމެ ފުރަތަމަ އަޒްމިރަލްދާއަށް ޖޭއެސްސީއަށް ހާޒިރުވާން އަންގައި، ލިޔުމުން ނޯޓިސް ދީފައިވަނީ މިއަދު ހެނދުނު 11:00 އަށެވެ.
ނަމަވެސް މިހާރު މާދަމާއަށް ފަސްވެފައިވާކަން އަންގައިފައިވާކަމަށް އަޒްމިރަލްދާގެ ވަކީލު އިބްރާހިމް ޝަމީލު މިއަދު ވަނީ "ސަން"އަށް ވިދާޅުވެފައެވެ.
ނަމަވެސް އެ ކަން ލިޔުމުން ނާނގާކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަމީލް ވަނީ އަޒްމިރަލްދާ ހާޒިރުކުރާ އަޑުއެހުންތަކަކީ އާންމުންނަށް ހުޅުވައިލައިގެން ކުރިއަށްގެންދާ އަޑުއެހުންތަކަކަށް ހަދަން ވެސް ޖޭއެސްސީގައި އެދިފައިވާކަމަށް ވިދާޅުވެފައެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މިހާރު ހުންނެވީ ޖޭއެސްސީން ސަސްޕެންޑުކޮށްގެން ސަސްޕެންޝަނުގައެވެ. އެއީ ފަނޑިޔާރު ޑރ. މަހާޒު އަލީ ޒާހިރާއި، އަޒްމިރަލްދާއެވެ.
ސޯޝަލް މީޑިއާގައިވަނީ، އަޒްމިރަލްދާ ސަސްޕެންޑުކުރީ އޭނާގެ ފިރިމީހާ ޑރ. އިސްމާއީލް ލަތީފް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހައްޔަރުކުރުމުން، އޭނާ ދޫކޮށްލުމަށް އެދި ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމުން ކަމަށް ބުނާ ވާހަކަތަކެއް ފެންމަތިވެފައެވެ.
އެ ތުހުމަތުތަކާ ގުޅިގެން ޑރ. އިސްމާއީލް ލަތީފް އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ މަސާޖު ކުރާ ތަނެއްގައި، އެ ޚިދުމަތް ހޯދަން ހުއްޓާ ފުލުހުން ވަދެ އެ ތަނުގައި ތިބި އެންމެން ހައްޔަރުކުރިއިރު އޭނާ ވެސް ހައްޔަރުކުރި ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އޭނާ އެއްވެސް ކުށެއް ކުރިކަން ނުދެކޭ ކަމަށް ކްރިމިނަލް ކޯޓުގައި ފުލުހުން ބުނި ކަމަށާއި ފަނޑިޔާރު އަޒްމިރަލްދާ އެ މައްސަލައަށް އެއްވެސް ނުފޫޒެއް ފޯރުވަން މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އަޒްމިރަލްދާގެ ގާނޫނީ ޓީމުން އިއްޔެ ނެރުނު ބަޔާނުގައިވަނީ، ޑރ. އިސްމާއީލްގެ ބަންދުން ދޫކުރުވުމަށް އޭނާ އެއްވެސް ފަނޑިޔާރަކަށް ގުޅައި އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވައިފައި ނުވާނެ ކަމަށެވެ.