އާ ރެޒިޑެންޓް އީވިލް ފިލްމު އަންނަ އަހަރަށް

މަޝްހޫރު ބިރުވެރި ގޭމް ފްރެންޗައިޒް "ރެޒިޑެންޓް އީވިލް"އަށް ބިނާކޮށް އަލަށް ނެރުމަށް ހަމަޖެހިފައިވާ ފިލްމު އަންނަ އަހަރު ރިލީޒް ކުރުމަށް ތާވަލުކޮށްފިއެވެ.

ރެޒިޑެންޓް އީވިލްގެ އާ ފިލްމެއް ނެރެން އުޅޭކަން އިއުލާނު ކޮށްފައިވަނީ މި އަހަރުގެ ޖެނުއަރީ މަހު ކުރީކޮޅުގައެވެ. ނަމަވެސް އޭރު ފިލްމު ރިލީޒްކުރާނެ ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ.

ދާދިފަހުން ސޮނީއިން ހާމަކޮށްފައިވާ ގޮތުގައި އަލަށް ނެރޭ ރެޒިޑެންޓް އީވިލް ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ މެދުތެރޭގައެވެ.

އަލަށް ނެރޭ ފިލްމު އުފެއްދުމުގެ މަސައްކަތް ކުރާނީ ޒެކް ކްރެގާއެވެ. ޒެކަކީ މަގުބޫލު ފިލްމުތައް ކަމަށްވާ "ބާބޭރިއަން" (2022) އާއި "މިސް މާޗު" (2016)، އުފައްދާފައިވާ ޑައިރެކްޓަރެކެވެ. އޭނާ ބުނާގޮތުގައި އަލަށް ނެރޭ ރެޒިޑެންޓް އީވިލް ފިލްމަކީ އޮރިޖިނަލް ގޭމާ އެއްގޮތަށް ބިރުވެރި ރަހަތައް ގިނަ ފިލްމަކަށް ވާނެއެވެ.

ރެޒިޑެންޓް އީވިލް އެންމެ ފުރަތަމަ ސްކްރީނަށް އައިސްފައިވަނީ ފިލްމު ސީރީޒްއެއްގެ ގޮތުގައި 2002ވަނަ އަހަރެވެ. އެ ފިލްމު ސީރީޒް ބޮކްސް އޮފީހުގައި ކާމިޔާބު ވިޔަސް، ގޭމުގެ ފޭނުންނަށް ފިލްމު ކަމަކުނުދިޔައެވެ.

އެއަށްފަހު 2021ވަނަ އަހަރު ވެސް ވަނީ ރެޒިޑެންޓް އީވިލްގެ ފިލްމެއް ނެރެފައެވެ. ގޭމުގެ އޮރިޖިނަލް ބައެއް ކެރެކްޓާސް އެ ފިލްމުން ފެނުނު ނަމަވެސް ޕްލޮޓް ގޯސްކަމުން އެ ފިލްމު ވެސް އާންމުންނަށް ކަމަކުނުދިޔައެވެ.

އެހާ ހިސާބުން ނިންމާނުލައި ނެޓްފްލިކްސްއިން ވަނީ ރެޒިޑެންޓް އީވިލްގެ ދުނިޔެއަށް ބިނާކޮށް ސީރީޒް އެއް 2022ވަނަ އަހަރު ނެރެފައެވެ. މި ސީރީޒް ވެސް ވެގެން ދިޔައީ ބޮޑު ފްލޮޕަކަށެވެ. އެހެންވީމާ އަލަށް ނެރޭ ފިލްމާ ދޭތެރޭގައި ވެސް މީހުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އެބަހުއްޓެވެ.

comment ކޮމެންޓް