އިސްރާއީލުން ހިންގި ގަތުލުއާންމުތަކާ ދެކޮޅަށް އަޑުއުފުލުމުން އެމެރިކާގައި އަދަބު ދީފި

އެމެރިކާގެ ފުލުހުން މިދިޔަ އަހަރު ކޮލަންބިއާ ޔުނިވާސިޓީގެ ދަރިވަރުން ހައްޔަރު ކުރަނީ

ވޮޝިންޓަން (8 މާޗް 2025): އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގި ގަތުލުއާންމުތައް ކުށްވެރިކޮށް އެ ޖަރީމާތަކާ ދެކޮޅަށް އެމެރިކާގެ ކޮލަންބިއާ ޔުނިވާސިޓީގެ ދަރިވަރުން މުޒާހަރާކޮށްފައިވާތީ އެމެރިކާ ސަރުކާރުން އެ ޔުނިވާސިޓީއަށް އަދަބު ދީފިއެވެ.

އެމެރިކާގެ ޖަސްޓިސް މިނިސްޓާ ޕާމް ބޮންޑީ ވަނީ އިސްރާއީލާ ދެކޮޅަށް މުޒާހަރާކުރުމަކީ ކޮލަންބިއާ ޔުނިވާސިޓީގެ ދަރުވަރުން ހިންގި ވަރަށް ގޮތެއްފޮތެއްނެތް ހަޑިހުތުރު އަމަލެއްކަމަށް ސިފަކޮށްފައެވެ.

"އިސްރާއީލާ ދެކޮޅަށް ކުރި މުޒާހަރާތަކަކީ ޔަހޫދީންނާ ޖައްސާލުން ނުވަތަ އެންޓި ސެމިޓިޒަމް، މިއަށްވުރެ ހަޑި ހުތުރު އަމަލެއް ނޯންނާނެ، މިއީ އެމެރިކާ ލަދުގަންނަން ޖެހޭ ކަމެއް" ޕާމް ބޮންޑީ ވިދާޅުވިއެވެ.

ބޮންޑީ ވިދާޅުވިގޮތުގައި އެފަދަ ހަޑިހުތުރު އަމަލުތައް ހިންގުމުގެ ފުރުސަތު އެމެރިކާގައި ދެވިގެން ނުވާނެއެވެ.

އެމެރިކާ ސަރުކާރުން ކޮލަންބިއާ ޔުނިވާސިޓީއަށް ގްރާންޓްގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ އެތަށް ސަތޭކަ މިލިޔަން ޑޮލަރު، މި މުޒާހަރާތަކުގެ އަދަބެއްގެ ގޮތުން އެ ޔުނިވާސިޓީއަށް ނުދިނުމަށް ނިންމާފައިވާ ކަމަށް އެމެރިކާގެ ޖަސްޓިސް މިނިސްޓާ ޕާމް ބޮންޑީ ވިދާޅުވިއެވެ.

ޣައްޒާގެ އާންމުންގެ ނަސްލު ނައްތާލުމަށްޓަކައި އިސްރާއީލުން ހިންގި ގަތުލުއާންމުތައް ކުށްވެރިކުރުމަށް އެމެރިކާގެ ޔުނިވާސިޓީތަކުގެ ދަރިވަރުން މިދިޔަ އަހަރު ކުރި މުޒާހަރާތަކާއި އިހުތިޖާޖްތަކުގައި ކޮލަންބިއާ ޔުނިވާސިޓީގެ އިތުރުން އެމެރިކާގެ އެތަށް ޔުނިވާސިޓީއެއްގެ ދަރިވަރުންވެސް ބައިވެރިވިއެވެ.

ނަމަވެސް އެންމެ ދިގުލީ މުޒާހަރާތަކެއް އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ކޮށްފައިވަނީ ކޮލަންބިއާ ޔުނިވާސިޓީގެ ދަރިވަރުންނެވެ.

މުޒާހަރާކުރި ދުވަސްވަރު އެމެރިކާގެ ފުލުހުންވަނީ ޔުނިވާސިޓީތަކުގެ ކެންޕަސްތަކަށް ހަތިޔާރާ އެކު ވަދެ ބާރުގެ ބޭނުންކޮށް އެތަށް ހާސް ކިޔަވާކުދިން ދުވަސްމަތިން ހައްޔަރުކޮށް ބައެއް ކުދިންނަށް އަނިޔާވެސްކޮށްފައެވެ.

އެމެރިކާ ސަރުކާރުންވަނީ އެ ޔުނިވާސިޓީތަކަށް ޕްރެޝަރުކޮށްގެން މުޒަހަރާ ތަކުގައި އެކްޓިވިސްޓުންގެ ގޮތުގައި އިސްކޮށް އުޅުނު ގިނަ އަދަދެއްގެ ދަރިވަރުން ޔުނިވާސިޓީތަކުން ކަނޑާލައި އެދަރިވަރުން ކިޔެވުމުންވެސް މަހުރޫމްކޮށްފައެވެ.

އިސްރާއީލާ އިދިކޮޅު މުޒާހަރާތަކަށް ފުރުސަތު ދިންކަމަށް ބުނެ ކޮލަންބިއާ ޔުނިވާސިޓީއާއި އެނޫން ބައެއް ޔުނިވާސިޓީތަކުގެ ބައެއް އެކަޑަމިކުންނާއި އިސްވެރިން ވެސް ވަނީ އެބޭފުޅުންގެ މަގާމުތަކުން ވަކިކޮށްފައެވެ.

މިއީ ގާނޫނުތަކުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދީފައިވަ އެމެރިކާގައި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް މުޒާހަރާކުރުމުން އަމަލުކުރި ގޮތެވެ.

އެމެރިކާއާއި ޔޫރަޕްގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ގާނޫނުތަކުން ލިބިދީފައި ވިޔަސް އިސްރާއީލު ނުވަތަ ޔަހޫދީންނާ ޖެހުނީމާ މިގާނޫނުތައް ތަންފީޒެއް ނުކުރެވެއެވެ.

އެކަންވަނީ މިދިޔަ އަހަރު އިސްރާއީލާ ދެކޮޅަށް އެމެރިކާއާއި ޔޫރަޕްގައި ކުރި މުޒާހަރާތަކުން ވަރަށް ބޮޑަށް ފެނިގެން ގޮސްފައެވެ.

އިސްރާއީލުން ހިންގާ ގަތުލުއާންމުތަކާ ދެކޮޅަށް ޣައްޒާގެ ރައްޔިތުންގެ ހައްގުގައި މުޒާހަރާ ކުރުމުން ކޮލަންބިއާ ޔުނިވާސިޓީއާ ދެކޮޅަށް އެމެރިކާ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރެއިން އެ ޔުނިވާސިޓީއަށް ކުރިން ދޭން ހަމަޖެހިފައިވާ 400 މިލިޔަން ޑޮލަރު ކަނޑާލި ކަމަށް އެމެރިކާގެ ނޫސްތައް ބުނެއެވެ.

އެމެރިކާއާއި ޔޫރަޕް އޮންނަނީ ޔަހޫދީ ޒަޔަނިސްޓުންގެ ބާރައި ނުފޫޒު ދަށުގައެވެ. އިސްރާއީލަކީ ޒަޔަނިސްޓުން ފަލަސްތީނުގެ ބިމުގައި އުފެއްދި އިސްތިއުމާރީ އެންޓިޓީ އެކެވެ.

ޔަހޫދީ ޒަޔަނިސްޓުންގެ މި ނުފޫޒުގެ ސަބަބުން ފަލަސްތީނު އަދި މުސްލިމް އެހެން ގައުމުތަކާ ދެކޮޅަށް އިސްރާއީލު ހިންގާ ލާއިންސާނީ އަނިޔާތަކާއި ޓެރަރިޒަމްގެ އަމަލުތައް ކުށްވެރި ކުރުން އެމެރިކާއާއި ޔޫރަޕްގައި ސިފަކުރަނީ އެއީ ޔަހޫދީންނާ ޖައްސާލުން ނުވަތަ ޔަހޫދީންނަށް ނަފްރަތު ކުރުން (އެންޓި ސެމިޓިޒަމް)ގެ އަމަލެއްގެ ކަމުގައެވެ.

އިސްރާއީލުގެ ޓެރަރިޒަމް، ސްޕޮންސާކުރާ މައިގަނޑު ދެފަރާތަކީވެސް އެމެރިކާއާއި ޔޫރަޕްއެވެ. އެއީ ޔަހޫދީ ޒަޔަނިސްޓުން އެމެރިކާއާއި ޔޫރަޕަށް ހިންގާފައިވާ ބާރާއި ނުފޫޒުގެ ސަބަބުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު