އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދާ ޚާއްސަ ކެމްޕެއިން "ރޯދައިގެ ނޫރު"ގެ ދަށުން ކުޑަ އަންހެން ކުއްޖަކު ރޯދަމަސް ތަޖުރިބާކުރާ ގޮތް ދައްކުވައިދޭން ފަށައިފިއެވެ.
"ރޯދައިގެ ނޫރު" މި ކެމްޕެއިނުން ދައްކުވައިދެނީ "ނޫރު" ނަމަކަށްކިޔާ ކުޑަ އަންހެން ކުއްޖަކު އަލަށް ރޯދަމަސް ތަޖުރިބާކުރާ ދަތުރު ކަމަށް އުރީދޫން ވަނީ ބުނެފައެވެ.
ރޯދަމަހު ނޫރުގެ ބައްޕަ ހަދިޔާކުރާ "ރޯދައިގެ ނޫރު" ފޮތުގެ ޒަރީއާއިން، އިސްލާމީ އިބުރަތްތެރި ފިލާވަޅުތަކާއި، ރިވެތި އަޚްލާޤުން ފުރިގެންވާ ކަންކަން ނޫރަށް ދަސްވާ ދާކަމަށާއި އެފޮތުގެ ޞަފުހާތަކުން ކެތްތެރިކަމާއި އޯގާތެރިކަމާއި ޝުކުރުވެރިކަމާއި ރޯދަމަހުގެ މާތްކަން ނޫރު ދަސްކުރާތަން ފެންނާނެ ކަމަށް އުރީދޫއިން ބުނެއެވެ.
އެ ހިތްގައިމު ކެމްޕެއިން މެދުވެރިކޮށް އުރީދޫން މަސައްކަތް ކުރަނީ ރަމަޟާން މަހު ޖީލުތަކުގެ މެދުގައި ހިއްސާކުރެވިފައިވާ އާދަކާދަތަކަށް އަލިއަޅުވާލުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
އަދި އެ ކެމްޕެއިންގެ ސަބަބުން ރަމަޟާން މަހުގެ ހަނދާންތައް ހުރިހާ އުމުރުފުރައަކަށް ވެސް ގުޅޭ އަދި އުފާވެރި މަޖާގޮތަކަށް ހަނދާންވާނެކަމަށް އުއްމީދު ކުރެވޭ ކަމަށްވެސް އުރީދޫއިން ބުނެއެވެ.
ރަމަޟާން މަހަކީ ދީލަތިކަމާއި އެއްބައިވަންތަކަމުގެ ދުވަސްވަރެކެވެ. އުރީދޫއިން ބުނީ "ރޯދައިގޭ ނޫރު"އާއެކު، މި ބަރަކާތްތެރި މައްސަރުގެ ރޫހު ހިފަހައްޓައި، އޭގެ އަސާސްތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދީ، ލޯބިވާ މީހުންނާއެކު މާނަހުރި ވަގުތުތަކެއް އުފެއްދުމަށް އާއިލާތަކަށް ހިތްވަރު ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ.
އަދި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މުޖުތަމައުތައް ގުޅާލައި، މާނަފުން މެސެޖުތަކެއް އެކުލެވޭ ކެމެޕެއިނުތަކެއް ކުރިއަށް ގެނެސްދިނުމަށް ކަމަށާއި މި ރަމަޟާން މަހު އެ ކުންފުނިން ދައުވަތު ދެނީ "ނޫރު"އާއި އެކު ރަމަޟާން މަސް ތަޖުރިބާ ކުރުމަށް ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.