ވޮޝިންޓަން (8 މާޗް 2025): އެމެރިކާ ސަރުކާރުގެ އެންމެ ނުފޫޒު ގަދަ ވަޒީރުކަމަށްވާ މަހުޖަނު އެލޮން މަސްކް އާއި އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޮބިއޯ ވަރަށް ވަރުގަދައަށް ޒުވާބުކޮށް އެއްބޭފުޅަކު އަނެއް ބޭފުޅެއްގެ ގަޔަށް އަތްލާ ހިސާބަށް ކަންތައް ދުއްވާލައިފިއެވެ.
މިކަން ހިނގީ ވައިޓް ހައުސްގައި ބޭއްވި އެމެރިކާ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައެވެ. އެމެރިކާގެ ގިނަ މީޑީއާތައް ބުނާގޮތުން މަސްކު އާއި ރޮބިއޯ ދެބޭފުޅުން ވަރުގަދައަށް ޒުވާބުކޮށް އެއްބޭފުޅަކު އަނެއް ބޭފުޅަކަށް އަތުންވެސް ހަމަލާ ދިނެވެ. ނަމަވެސް އަނެއްބައި ރިޕޯޓްތައް ބުނާގޮތުން ގަޔަށް އަތްލާ ހިސާބަށް ރުޅިވެރިކަން އިސްކޮށް ހުތުރު ބަހުން ދެބޭފުޅުން ވަރުގަދައަށް ޒުވާބު ކުރިއެވެ. ނަމަވެސް ގަޔަށް އަތްލައި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ސީދާ ހަމަލާ ދީފައެއް ނުވެއެވެ.
އެލޮން މަސްކް އަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ކެމްޕެއިނަށް އެންމެ ގިނައިން ޚަރަދުކުރި މަހުޖަނު ކަމަށްވާތީ ޓްރަމްޕްގެ ސަރުކާރުގައި އެންމެ ބާރުގަދަ ވަޒީރަކީ މަސްކު އެވެ. މަސްކު އަކީ ޓްރަމްޕްގެ ސަރުކާރުގެ ޑިޕާޓްމަންޓް އޮފް ގަވަމަންޓް އެފިޝެންސީ (ޑީއޯޖީއީ) އާބެހޭ ވަޒީރެވެ. މަސްކުގެ މައިގަނޑު މަސައްކަތަކީ އެމެރިކާ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމެވެ.
ޚަރަދު ކުޑަކުރުމަށްޓަކައި އޭނާ ގެންދަވަނީ އެމެރިކާ ސަރުކާރުގެ ހުރިހާ މުއައްސަސާއަކުން މުވައްޒަފުން ވަކި ކުރަމުންނެވެ. އެމެރިކާ ސަރުކާރުގައި ދެމިލިޔަން މުވައްޒަފުން ތިބިއިރު އޭގެތެރެއިން ދޮޅު މިލިޔަން މީހުން ވަޒީފާއިން ވަކިކުރާނެކަމަށާ އަނެއް ބައިމިލިޔަން މީހުންނަށް ސަރުކާރުގެ ވުޒާރާތަކާއި އިދާރާތައް ހިންގެން ޖެހޭނެކަމަށް މަސްކު ވަނީ ވިދާޅުވެފައެވެ. މަސްކުގެ ބާރުގައި މިހާތަނަށް އެެމެރިކާގެ ސިވިލް މުވައްޒަފުންގެ ތެރެއިން ގާތްގަނޑަކަށް ހަތަރު ލައްކައަށްވުރެ ގިނަ މުވައްޒަފުން ވަނީ ކަނޑައި ގެއަށް ފޮނުވާލާފައެވެ.
މިމައްސަލާގައި އެމެރިކާގެ އާންމުންގެ މެދުގައިވަނީ ރުޅިވެރިކަން ވަރަށް ބޮޑަށް އިތުރުވެފައެވެ. މިއާއެކު އެމެރިކާގެ އެތެރެ ދަނީ ވަރަށް ބޮޑަށް ގަޑުބަޑުވަމުންނެވެ. މުޒާހަރާތައް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
އެމެރިކާގެ ނޫހެއްކަމަށްވާ ނިޔުޔޯކް ޓައިމްސް ބުނާގޮތުން، ޚާރިޖީ ވަޒީރު މާކޯ ރޮބިއޯ އާއި މަސްކް "ތަޅައިފޮޅައިގަތީ" އެމެރިކާ ސަރުކާރުގެ މުވައްޒަފުން ކަނޑައި ގެއަށް ފޮނުވާލުމަށް މަސްކު ކުރައްވާ މަސައްކަތްތަކަށް ރޮބިއޯ އެއްބާރުލުން ނުދެއްވާ މައްސަލާގައި ވަރަށް ހަރުކަށިކޮށް މަސްކު، ރޮބިއޯއަށް ބަހުގެ ހަމަލާތައް ދެއްވުމުންނެވެ.
މަސްކު، ރޮބިއޯއަށް ހުތުރުބަހުން އެއްޗެހި ވިދާޅުވުމުން ރޮބިއޯ ވަނީ މަސްކުގެ ސަބަބުން އެމެރިކާގެ ޚާރިޖި ވުޒާރާގެ މުވައްޒަފުން މަދުވެ އެ ވުޒާރާ ހިންގަން ދަތިވާ ހިސާބަށް ކަންތައް ގޮސްފައިވާ ކަމަށް ވިދާޅުވު މަސްކަށް ހުތުރުބަހުން ބަހުގެ ހަމަލާތައް ދެއްވާފައެވެ. މިގެއިތުރުން އެމެރިކާ ސަރުކާރުގައި މަސްކުގެ ބާރައި ނުފޫޒު ގަދަކަމުން މަސައްކަތް ކުރެވެންނެތް ހާލަތަށް ގޮސްފައިވާކަމަށާއި މަސްކަކީ ކުރިމަތިވެފައިވާ އުނދަނގުލެއްކަމަށް ރޮބިއޯ ސިފަކުރެއްވިކަމަށް ނިޔުޔޯކް ޓައިމްސް ބުނެއެވެ.
މި ޚަބަރުތައް އެމެރިކާގެ މީޑިޔާ ތަކުން ލީކުކޮށްލުމުން ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިއީ ނުހިނގާ ކަމެއް ކަމަށް ވިދާޅުވެ މިކަން ދޮގުކުރައްވާފައެވެ.
ނިޔުޔޯކް ޓައިމްސް ބުނާގޮތުން، މަސްކު އާއި ރޮބިއޯ ގެ "ތަޅައިފޮޅުންތައް" އެންމެފަހުން ހުއްޓުވީ ސީދާ ޓްރަމްޕް އެދެބޭފުޅުންގެ މެދަށް ވަދެވަޑައިގެންނެވެ. ނަމަވެސް ޓްރަމްޕް ވަނީ މިހުރިހާ ކަމެއް ދޮގުކުރައްވައި ވަޒީރުންގެ މަޖިލީހުގައި އެއްވެސް އާދަޔާ ޚިލާފު ކަމެއް ނުހިނގާ ކަމަށް ވިދާޅުވެފައެވެ.