ޖޯގުރަފީ ގޮތުން ބަލާއިރު ގައުމު އޮންނަ ތަނުގެ ނިސްބަތުން އެކި ގައުމުތަކުގައި ރޭދުވާ ބަދަލު ވާ ވަގުތު ތަފާތު ވެއެވެ. ވިންޓަރ އާއި އޯޓަމްގައި ފިނި ވެފައި ދުވަސް ކުރެވެ. މިއާ ޚިލާފަށް ސްޕްރިންގ އާއި ސަމަރ ގައި ހޫނު ގަދަ ވެފައި ދުވަސް ދިގެވެ. ދުނިޔެ ދައުރު ވާ ގޮތުން ބައެއް އަހަރުތަކުގައި ފިނި މޫސުމުގައި ރޯދަ މަސް އަންނަ އިރު އަނެ ބައި އަހަރުތަކުގައި ރޯދަ މަސް ދިމާ ވަނީ ހޫނު މޫސުމާއެވެ. އެގޮތުން މި ހިނގާ 2025 (1446 ހ) ވަނަ އަހަރުގެ ރޯދަ މަސް ދިމާ ވެފައި މި ވަނީ ޔޫރަޕުގެ ހޫނު މޫސުމާއެވެ.
ރޭދުވާ ބަދަލު ވާ ވަގުތުގެ ތަފާތުގެ ސަބަބުން ބައެއް އަހަރުތަކުގައި، ޔޫރަޕުގެ ބައެއް ގައުމުތަކާއި ކެނެޑާގެ ބައެއް ހިސާބުތަކުގައި 19 ވަރަކަށް ގަޑި އިރު ރޯދަ އަށް ތިބެން ޖެހެއެވެ. އަދި ބައެއް ފަހަރު މި މިންވަރު 20 ގަޑި އިރަށް ނުވަތަ އެއަށް ވުރެ ވެސް ދިގު ވެގެން ދެއެވެ. މިސާލަކަށް އައިސްލެންޑްގެ މުސްލިމުން 2017 (1438 ހ) ވަނަ އަހަރުގެ ރަމަޟާން މަހު ގާތްގަނޑަކަށް 22 ގަޑި އިރު ރޯދަ އަށް ތިބެން ޖެހުނެވެ (ހަސަން އެސެން، 2017).
މި ރަމަޟާން މަހު ދުނިޔޭގެ ތަފާތު ގައުމު ތަކުގައި ރޯދަ އަށް ތިބެން ޖެހޭ ވަގުތުގެ ދިގު މިން އާއްމު ގޮތެއްގައި ހުރީ 12 ގަޑި އިރާއި 16 ގަޑި އިރާ ދެމެދު ގައެވެ. އެގޮތުން، ގްރީންލެންޑާއި އައިސްލެންޑް ގައި ފުރަތަމަ ދުވަހު 12 ގަޑި އިރު ރޯދަ އަށް ތިބެން ޖެހޭ އިރު، އެންމެ ފަހު ދުވަހު 16 ގަޑި އިރު ރޯދަ ހިފުމުގައި ހޭދަ ކުރަން ޖެހޭނެއެވެ. ފިންލެންޑާއި ނޯވޭ އަދި ސްކޮޓްލެންޑް ގައި ފުރަތަމަ ދުވަހު 12 ގަޑި އިރު އަދި އެންމެ ފަހު ދުވަހު 15 ގަޑި އިރު ރޯދަ އަށް ތިބެން ޖެހޭނެއެވެ. މީގެ އިތުރުން ޖަރުމަނާއި، ރަޝިޔާ އާއި ނެދަލެންޑްސް އަދި ޕޮލެންޑް ގައި ފުރަތަމަ ދުވަހު 12 ގަޑި އިރު ރޯދައަށް ތިބެން ޖެހޭ އިރު އެންމެ ފަހު ދުވަހު ރޯދަ ހިފުމުގައި ހޭދަ ކުރަން ޖެހޭނީ 14 ގަޑި އިރެވެ (އަލްޖަޒީރާ، 2025).
ދުވާލުގެ ވަގުތު އާދައިގެ މިންވަރަށް ވުރެ ދިގު ގައުމު ތަކުގައި ދިރިއުޅޭ މުސްލިމުން ރޯދަ ހިފުމުގައި ތަފާތު ގޮތް ގޮތަށް ޢަމަލު ކުރެއެވެ. އެއީ އެފަދަ ގައުމުތަކުގައި ރޯދަ ހިފުމާ މެދު އިސްލާމީ ޢިލްމުވެރިން ދެއްވާފައި ވާ ފަތުވާ ތަކަށް ބިނާ ކޮށެވެ. އެ ގޮތުން ދުވާލާއި ރޭގަނޑުގެ ވަގުތުގައި މާ ބޮޑު ފަރަގެއް ނެތް، އެ ގައުމަކާ އެންމެ ކައިރީގައިވާ އިސްލާމީ ގައުމެއްގެ ވަގުތަށް ބަލައިގެން ރޯދަ ހިފިދާނެ ކަމަށް އޮތުމުން، އުތުރު ޔޫރަޕުގެ ގިނަ ގައުމުތަކުގެ މުސްލިމުން ރޯދަ ހިފުމުގައި ބަލަނީ ތުރުކީގެ ވަގުތަށެވެ. އެއީ އެ ގައުމުތަކާ އެންމެ ކައިރީގައި އޮތް އިސްލާމީ ގައުމަކީ ތުރުކީ ކަމަށް ވާތީއެވެ. ދެވަނަ ގޮތަކީ މައްކާ ނުވަތަ މަދީނާގެ ވަގުތަށް ބަލައިގެން ރޯދަ ހިފުމެވެ. އަދި ތިން ވަނަ ގޮތަކީ އާއްމު މިންގަނޑަށް ވުރެ ވަގުތު ދިގުވި ކަމުގައި ވިޔަސް، އެ ގައުމެއްގައި އިރު އަރާ އޮއްސޭ ވަގުތާ އެއް ގޮތަށް ރޯދަ ހިފުމެވެ (އިންތިޚާބު އަޙްމަދު، 2014).
ދުވާލުގެ ވަގުތު މާ ބޮޑަށް ދިގު ވުމުގެ ސަބަބުން ރޯދަ އަށް ހުންނަން ވަރަށް ބޮޑަށް ދަތިވެ އުނދަގޫކަން ތަޙަންމަލު ކުރަން ޖެހޭނަމަ ނުވަތަ އެ ކަމުގެ ސަބަބުން ސިއްހަތަށް ގެއްލުމެއް ލިބިދާނެ ކަމަށް ޑަކުޓަރުން ބުނާ ހާލަތުގައި، ރޯދަ ދޫކޮށްލައި ދުވާލުގެ ވަގުތު ކުރު ދުވަސް ވަރެއްގައި އެ ރޯދަ ޤަޟާ ކުރުން ހުއްދަ ވާނެ ކަމަށް ޢިލްމުވެރިން ވިދާޅު ވެއެވެ (ހައިއަތު ކިބާރުލްޢުލަމާއު، 1398 ހ).
ޔޫރަޕުގެ ހުޅަނގު އުތުރުގައި އޮންނަ ގައުމެއް ކަމަށް ވާ ނެދަލެންޑްސް ގެ ގިނަ މުސްލިމުން، ރަމަޟާން މަހުގެ ދުވަސް ނަވާރަ ވަރަކަށް ގަޑި އިރަށް ދެމިގެންދާ އަހަރުތަކުގައި ވެސް މުޅި ދުވަހު ރޯދަ ހިފައެވެ. އެ ގޮތަށް ރޯދަ ހިފާ ބައެއް މީހުން ބުނެފައި ވަނީ އެއީ އެމީހުންނަށް ބުރަ ކަމެއް ނޫން ކަމުގައެވެ. ނަމަވެސް އަނެއް ބަޔަކު ބުނާ ގޮތުގައި އެހައި ގިނަ އިރު ވަންދެން ރޯދަ އަށް ތިބުމަކީ ބުރަ ކަމެކެވެ. މި ގޮތަށް - އެހެން ގައުމެއްގެ ވަގުތަށް ނުބަލައި - މުޅި ދުވަހު ރޯދަ ހިފާ މީހުން އެކަން ކުރަނީ އެމީހުންގެ ދީނީ ގަބޫލު ކުރުމާއި (އަލްބަޤަރާ، 187) ، ކާބަފައިންގެ ފަރާތުން ދަސްވެފައިވާ ގޮތަށް ޢަމަލު ކުރުމުގެ ބޭނުމުގައެވެ. ދުވާލުގެ ވަގުތު ދިގު މޫސުމެއްގައި ރަމަޟާން މަހާ ބައްދަލު ވާ ހާލަތުގައި، ނެދަލެންޑުގެ ބައެއް މީހުން ރޯދަ ހިފުމަށް ޓަކައި، ރޭގަނޑާއި ދުވާލުގެ ވަގުތު އެއްވަރެއްގައި ހުންނަ އެހެން ގައުމުތަކަށް ދިއުމަކީ ވެސް ކުރާ ކަމެކެވެ (އަޙްމަދު ނަޖީބު، 2004).
ރަމަޟާން މަހާ ބައްދަލު ވުމުން އެއްބަޔަކު އަނެއް ބަޔަކަށް ތަހުނިޔާ ކިޔައި އުފާ ފާޅު ކުރުމީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް މުސްލިމުންގެ މެދުގައި އޮންނަ ޒަމާން ވީ ސަގާފަތެކެވެ. ޒަމާނާއި ވަސީލަތްތަކަށް އައި ބަދަލާއެކު މިހާރު އާއްމު ގޮތެއްގައި މި ކަން ކުރުމަށް ޓަކައި ކޮންމެ މީހަކު ވެސް މުވާސަލާތީ ވަސީލަތެއް މެދުވެރި ކޮށް ތަހުނިޔާގެ މެސެޖުތައް ފޮނުވައި ލައެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި، މުވާސަލާތު ކުރުމަށް ބޭނުން ކުރާ ސުމޭކު (ޑިޖިޓަލް) ވަސީލަތްތަކުން ފަސޭހަތަކެއް ލިބުނު ކަމުގައި ވިޔަސް، އެ ފަދަ ވަސީލަތްތަކުން ކުރެވޭ މުވާސަލާތުގައި، ދެމީހަކު ސީދާ ކޮށް ބައްދަލު ވެގެން ކުރެވޭ މުވާސަލާތުގައި އެ ހުންނަ ކަހަލަ ޖަޒުބާތީ ގުޅުމެއް ނޫފެދެއެވެ (ކާލޯސް، ޒެޒްހީ، ޔުހޭ، 2003). ރޯދަ އާއި ޢީދު ފަދަ މުނާސަބަތުތަކާ ގުޅިގެން މީހުން ފޮނުވާ މެސެޖުތައް ނުކިޔައި އަދި ރަނގަޅަށް ނުވެސް ބަލައި "އެއްޗަކަށް އެއްޗެއް" ފޮނުވައި ލަނީ ކިތައް މީހުން ހެއްޔެވެ؟

ތަފާތު ބަސްބަހުން ރޯދަ މަހުގެ ތަހުނިޔާ ކިޔާ ގޮތް --- ފޮޓޯ / އަލްޖަޒީރާ.ކޮމް
މަތީގައި އެ ވަނީ މުސްލިމުންގެ އަދަދު ގިނަ ނުވަ ގައުމެއްގެ ބަހުން ރޯދަ މަހުގެ ތަހުނިޔާ ކިޔާ ގޮތް ލިޔެ، ބައިނަލްއަޤުވާމީ ނޫހެއް ކަމަށް ވާ "އަލްޖަޒީރާ.ކޮމް" ގައި އާއްމު ކޮށްފައި ވާ ޕޯސްޓަރެކެވެ. ދުނިޔޭގެ މަޝްހޫރު ނޫހަކުން އާންމު ކުރި މި ޕޯސްޓަރުގައި ދިވެހި ބަހުން ރޯދަ މަހުގެ ތަހުނިޔާ އޮތުމުން އުފަލެއް ނުވޭ ހެއްޔެވެ؟