ކަރަންޓު މައްސަލައިގައި އައްޑޫ ރައްޔިތުން އިހުތިޖާޖަށް ނިކުމެއްޖެ

އައްޑޫން ކަރަންޓު ކެނޑޭ މައްސަލައިގައި ސުލްހަވެރިކަމާއެކު އިހުތިޖާޖު ކުރަނީ --

އައްޑުއަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުނުވުމުން އެ ސިޓީގެ ރައްޔިތުން ފެނަކަ އޮފީސް ދޮށުގައި އިހުތިޖާޖުކޮށްފިއެވެ.

ހިތަދޫ ފެނަކަ އޮފީސް ދޮށުގައި މިއަދު ހަވީރު ކުރަން ފެށި އިހުތިޖާޖުގެ ބައިވެރިން ވަނީ ކަރުދާސް ގަނޑުތަކުގައި އެ މީހުންގެ ކަންބޮޑުވުންތައް ލިޔެ، ސުލްހަވެރިކަމާއެކު ޝުއޫރު ފާޅުކޮށްފައެވެ.

އެ ގޮތުން އިރުއިރުކޮޅުން ކަރަންޓު ކެނޑޭތީ ރައްޔިތުން ބޭނުންކުރަމުންދާ ފްރިޖާއި އޭސީފަދަ ކަރަންޓުން ސާމާނު ހަލާކުވަމުންދާ ކަމަށް ބުނެފައިވާއިރު، އަނެއްބައި ރައްޔިތުންވަނީ ފެނަކައާއި ސަރުކާރުގެ ވެރިން ދޮގު ހަދަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ.

އައްޑޫން ކަރަންޓު ކެނޑޭ މައްސަލައިގައި ސުލްހަވެރިކަމާއެކު އިހުތިޖާޖު ކުރަނީ --

އައްޑޫއަށް ކަރަންޓުގެ ޚިދުމަތް ދެނީ ފެނަކައިންނެވެ.

މި ސަރުކާރުގެ ދައުރު ފެށުނީއްސުރެ އައްޑޫގެ ގުޅިފައިވާ ރަށްތަކުްނ ކަރަންޓު ކެނޑޭ މައްސަލައިގެ ޝަކުވާ އަންނަނީ ކުރަމުންނެވެ.

އެހެންވެ އެ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރުމަށް 1.8 މެގަވޯޓުގެ ޖެނަރޭޓަރު ސެޓެއް އިންސްޓޯލްކުރީ މިދިޔަ މަހުގެ 21ވަނަ ދުވަހެވެ. އެހެން ނަމަވެސް، އަނެއްކާ ވެސް އައްޑޫން ކަރަންޓު ކެނޑުމުގެ މައްސަލަ ވަނީ ދިމާވާން ފަށައިފައެވެ.

ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ، އެ ސިޓީގެ ރައްޔިތުން އިހުތިޖާޖަށް ނިކުތުން ނޫން ގޮތެއް ނެތް ކަމަށް އައްޑޫގެ މޭޔަރު، އަލީ ނިޒާރު ވިދާޅުވެފައިވަނިކޮށް، މިދިޔަ ބުދަ ދުވަހުގެ ރޭ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާރިފްވަނީ އައްޑުއަށް ވަޑައިގެންފައެވެ.

https://sun.mv/203365

އެއާއެކު އައްޑޫގެ ރައްޔިތުން ވަނީ އެއާޕޯޓު ދޮށަށް އެއްވެ، އެ މައްސަލައިގައި ވަނީ އަޑު އުފުލާފައެވެ. ރައްޔިތުން ވަނީ އަވަސް އަވަހަށް ކަރަންޓު ކެނޑޭ މައްސަލަ ހައްލުނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލަ ހައްލުވާނީ ކޮން އިރަކުންތޯ ސުވާލުކޮށްފައެވެ. އަދި، އައްޑުއަށް ވަރަށް އަވަހަށް ގެންނާނެ ކަމަށް ބުނި އިންޖީނު ނުވަތަ ޖަނަރޭޓަރު ކޮބައިތޯ ސުވާލުކޮށްފައިވެއެވެ.

އަންނަ ހަފުތާގައި އެ ސިޓީއަށް 1.8 މެގަވޯޓުގެ ޖަނެރޭޓަރެއް ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ކައުންސިލާއި އެ ސިޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަޖިލިސް މެންބަރުން ވެސް ދަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، ފެނަކައިގެ އިހުމާލު އޮތްކަމުގެ ތުހުމަތު ކުރައްވަމުންނެވެ.

comment ކޮމެންޓް