ދެބައޮޑުވުމާއި، ޣީބަބުނުމާއި، ދޮގުވާހަކަތަކާއި، ހަޑިހުތުރު ބަސްތަކުން މީސްތަކުންގެ އަބުރަށް އަރައިގަނެ އުނދަގޫ ކުރުމަކީ މިއަދު ފާޅުކަން ބޮޑު ގޮތެއްގައި އެއްވެސް ޖެހިލުމެއްނެތި ކުރާ ކަންކަން ކަމަށާއި، އެއީ މާތްﷲ ޙަރާމްކުރައްވައިފައިވާ ބޮޑު ފާފައެއް ކަމުން، އެކަމުން ރައްކާތެރިވުމަށް ހުކުރު ޚުތުބާގައި މިއަދު ހަނދާންކޮށްދީފައެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ "ރޯދައިގެ ޙިކުމަތް"، މި މައުޟޫއުގެ މައްޗަށެވެ.
ޚުތުބާގައި ބުނީ މާތްﷲ އެކަލާނގެ ޛާތުފުޅަށް ނިސްބަތް ކުރައްވާފައިވާ ސިފަފުޅުތަކުގެ ތެރެއިން އެއް ސިފަފުޅަކީ ޙިކުމަތްވަންތަކަން ކަމަށެވެ. އެކަލާނގެއީ اَلْـحَكِيْمُއެވެ. އެހެނީ އެންމެހައި ޙުކުމްތަކެއް ވަނީ އެކަލާނގެއަށް ކަމަށް ޚުތުބާގައި ބުންޏެވެ. އަދި އެކަލާނގެ އެންމެހައި ޙުކުމްފުޅުތަކެއް ކަނޑައަޅުއްވައިފައިވަނީ، މަތިވެރިވެގެންވާ ޙިކުމަތާއެކު ނުހަނު ފުރިހަމަ ގޮތުގައި ކަމަށް ބުންޏެވެ. މާތްﷲ ޚަލްޤުކުރެއްވި ކޮންމެ އެއްޗަކުން ވެސް އަހަރެމެންނަށް ފެންނަނީ، ޙިކުމަތްވަންތަކަމުގެ އިންތިހާ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
މާތްﷲ ޝަރުޢުކުރައްވާފައިވާ ބައެއް އަޅުކަންތަކުގެ ޙިކުމަތް ޞަރީޙަކޮށް ބަޔާންކުރައްވައިފައިވާއިރު، އަނެއްބައި އަޅުކަންތަކުގެ ޙިކުމަތް ބަޔާންނުކުރައްވައި، ދޫކޮށްލައްވައިފައިވީ ނަމަވެސް އެކަލާނގެ އެއްވެސް އަޅުކަމެއް، ބޮޑުވެގެންވާ ޙިކުމަތަކަށްޓަކައި މެނުވީ، ޝަރުޢުކުރައްވައިފައެއް ނުވެއެވެ. އެގޮތުން އެކަލާނގެ ރޯދަ ފަރުޟުކުރެއްވި ޙިކުމަތް ޞަރީޙަކޮށް ބަޔާން ކުރައްވައިފައިވާ ކަމަށް ޚުތުބާގައި ބުންޏެވެ.

ފީއަލީ ފުޓުބޯޅަ ދަނޑުގައި ބޮޑު ޖަމާއަތުގައި ނަމާދު ކުރަނީ --- ސަން ފޮޓޯ
ރޯދައަކީ މާތްﷲ ގެ އަމުރުފުޅުތައް ޤާއިމުކޮށް، އެކަލާނގެއަށް ކިޔަމަންތެރިވުމާއި، އެކަލާނގެ ނަހީކުރެއްވި ކަންތައްތަކާ ދުރުހެލިވުމަށް އެންމެ ބޮޑަށް އެހީވެދޭ އެއް އަޅުކަމެވެ. ޚުތުބާގައި ބުނީ ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، އެތައް ކަމެއް ޢިލްމުވެރީން ބަޔާންކުރައްވައިފައިވާ ކަމަށެވެ. އަދި އެ ހުރިހާ ކަންކަމަކީ ވެސް ތަގުވާވެރިކަން ޙާސިލުކޮށްދޭ ކަންކަން ކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ހިމެނެނީ:
- މާތްﷲ ދެއްވި ނިއުމަތްތަކަށް ޝުކުރުވެރިވާން ދަސްކޮށްދިނުން.
- އަޅާ ރޯދައަށް ހުންނަ އިރު، ކެއިންބުއިމާއި، އެންމެހައި ޝަހުވާނީ އެދުންތަކުން އޭނާގެ ނަފުސު ހިފަހެއްޓުން.
- މާތްﷲ އޭނާއަށް ހުއްދަކުރައްވައިފައިވާ ބައެއް ނިޢުމަތްތަކާ ކުޑަ ވަގުތުކޮޅަކަށް ވިޔަސް ދުރުހެލިވުމުން، އެ ނިޢުމަތްތަކުގެ އަގު ވަޒަންކުރާން ދަސްވުން.
- ނިޢުމަތްތަކަށް ޝުކުރުވެރިވެ އުޅުމަށް މަގު ފަހިވުން. އޭގެ ނަތީޖާއެއްގެ ގޮތުން ރޯދަވެރިޔާގެ ކިބައިގައި އަވަށްޓެރީންނަށް ކަމޭހިތުމާއި، ނިކަމެތީންނަށް ހެޔޮފޯރުވުމާއި، ފަޤީރުންގެ ޙާލު ބަލައި އުޅުމުގެ މަތިވެރި އާދަ އަށަގަތުން.
- ނަފުސު އެދޭ އެދުންތަކުގެ މައްޗަށް ގަދަވެގަތުމުގެ ބާރު ލިބުން.
ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ޙަރާމް ކަންތައްތަކާ ރޯދަވެރިޔާ ދުރުހެލިކުރުވުން ވެސް ހިމެނެއެވެ. ޚުތުބާގައި ބުނީ މާތްﷲގެ ރުހިވޮޑިގަތުން ހޯދުމަށާއި، އެކަލާނގެ ޢަޛާބުން މިންޖުވުމަށްޓަކައި ހަލާލު ކާބޯތަކެއްޗާއި، އޭނާއަށް ހަލާލު ކުރައްވައިފައިވާ އަނބިފިރިކަމުގެ ގުޅުމާ އެކަހެރިވެ ހުންނަ ހުރުމުން، އެކަލާނގެ ހަރާމްކުރައްވައިފައިވާ ކަންކަމުން ދުރުހެލިވެ އުޅުމަށް އޭނާއަށް ވަރުގަދަ ތަމްރީނެއް ލިބޭނެ ކަމަށެވެ.

މީހަކު އިސްލާމީ މަރުކަޒުގައި ނަމާދު ކުރަނީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ
އެހެންކަމުން ރޯދައަކީ، އިންސާނާގެ ނަފުސު ހެޔޮ ކަންކަމަށް ހާނުވައިދޭ ތަރުބަވީ އަޅުކަމެއް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި މާތް ނަބިއްޔާގެ ޙަދީޘް ބަސްފުޅުން އެނގޭ އެއްޗަކީ ރޯދަ ހިފުމަކީ، ހަވާ ނަފުސުގެ އެދުންތަކާ ދުރުހެލިވުމަށާއި، ކެތްތެރިވުމަށް މަގުފަހިކޮށްދޭ އަޅުކަމެއްކަން ކަމަށް ޚުތުބާގައި ބުންޏެވެ.
ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ރޯދަވެރިޔާގެ ކިބައިގައި ރަޙުމާއި، ކުލުނު އުފެދުން ހިމެނެއެވެ. ރޯދައަށް ހުންނަ ހިނދު އިޙްސާސްވާ ކަރުހިއްކުމާއި، ބަނޑުހައިހޫނުކަމުގެ ސަބަބުން، މުޅި އަހަރު ހައިހޫނުކަމުގައި އުޅޭ ނިކަމެތި ފަޤީރުންނާއި، މިސްކީނުންގެ އިޙްސާސްތައް ދެނެގަނެވޭނެއެވެ. އަދި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އޭނާގެ ނަފުސު އެދި ގޮވާނެއެވެ. އެ ރިވެތި އަޚްލާޤީ ސިފަތަކުގެ ސަބަބުން، ރޯދަވެރިޔާގެ ނަފުސު ޠާހިރުކޮށް ޒީނަތްތެރިކޮށްދެއެވެ. ހަމަ މި ފަދައިން ދޮގުހެދުމާއި، ޒުވާބުކުރުމާއި، ހަޑިހުތުރު ބަސްތަކުން މީހުންނާ މުޚާޠަބުކުރުމާ އޭނާ އެއްކިބާކުރުވައެވެ.
މިފަދަ ގޮތަކަށް އަރައިރުންވެ، ޒުވާބުކޮށް އުޅޭ މީހުންގެ ރޯދައިން އެ މީހުންނަށް ލިބޭނެ މާގިނަ ޘަވާބެއް ނެތްކަން އަންގަވައި، ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައިވެއެވެ. "ދޮގު ވާހަކަދެއްކުމާއި އެފަދަ އަމަލުތައް ކުރުމާއި، ޒުވާބުކޮށް ހުތުރު އެއްޗެހި ގޮވައި، ޖާހިލުކަން އިސްކޮށް އުޅޭ މީހަކު، ކެއުމާއި ބުއިމުން ދުރުހެލިވެ ހުރުމަކަށް، މާތްﷲ ބޭނުންވެވޮޑިއެއް ނުގަންނަވައެވެ." ހުކުރު ޚުތުބާ
މިއަދު މާބޮޑު ކަމެއްގެ ގޮތުގައި ނުދެކި އަހަރެމެންނަށް އަރައިގަނެވޭ އެންމެބޮޑު އެއް ފާފައަކީ ދެބައޮޑުވުމާއި، ޣީބަބުނުމާއި، ދޮގުވާހަކަތަކާއި، ހަޑިހުތުރު ބަސްތަކުން މީސްތަކުންގެ އަބުރަށް އަރައިގަނެ އުނދަގޫ ކުރުން ކަމަށް ޚުތުބާގައި ބުންޏެވެ. ޚާއްސަކޮށް މީސްމީޑިޔާގެ މަންސަތަކުގައި އަހަރެމެން މިއަދު އެ ކަންކަން ކުރަނީ ފާޅުކަން ބޮޑު ގޮތެއްގައި އެއްވެސް ޖެހިލުމެއްނެތި ކަމަށާއި އެއީ މާތްﷲ ޙަރާމްކުރައްވައިފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ހިމެނޭ އަނެއް ކަމަކީ، ޝައިޠާނާ ނިކަމެތިކޮށް ބަލިކަށިކޮށްލުމެވެ. ނަތީޖާއެއްގެ ގޮތުން ޝައިޠާނާގެ ވަސްވާސްތަކާ މީހާ ދުރުކޮށްދީ، ހެޔޮ އަމަލުތަކުގައި މީހާ މަޝްއޫލުކުރުވައި، ނުބައި އަމަލުތަކާ އޭނާ ދުރުހެލިކުރުވާ ކަމަށް ޚުތުބާގައި ބުންޏެވެ. ނަމަވެސް ރޯދަ ފަރުޟުކުރެވުނު ޙިކުމަތާއި، އޭގެ ފައިދާ ހާސިލުކުރެވޭނީ މާތްﷲ އެންގެވިގޮތަށް ރޯދަ ހިފައި، ރޯދަ ހިފުމުގައި ކީރިތި ރަސޫލާގެ ސުންނަތަށް ތަބައަވެގެން ކަމަށް ޚުތުބާގައި ބުންޏެވެ.

ބަޔަކު ނަމާދަށް ދިއުމުގެ މަގުމަތީގައި -- ސަން ފައިލް ފޮޓޯ/ ނާއިލް ހުސްއިން
ޚުތުބާގައި ބުނީ ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ކަމަކީ ސިއްރާއި ފާޅުގައި، ތިމާ ކުރާ އަމަލުތައް މާތްﷲ ބައްލަވައިވޮޑިގެންވާކަން ދަނެ، ތިމާގެ ނަފުސު ތަހުޒީބުކުރުން ކަމަށެވެ. އެގޮތުން ރޯދައަކީ، ރޯދަވެރިޔާއާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ސިއްރެއް ކަމަށް ޚުތުބާގައި ބުންޏެވެ.
ރޯދަވެރިޔާ ރޯދަ ގެއްލޭ ކަންތައްތަކުން ދުރުހެލިވެ ހުންނަނީ، މާތް ﷲގެ ރުހިވޮޑިގަތުން ލިބިގަތުމަށް. އެހެނީ ރޯދައަށް ހުރެ ސިއްރިޔާތުގައި ކައިބޮއި އުޅުނަސް، މީހަކަށް އެ ކަމެއް ނޭނގޭނެ. ރޯދަވެރިޔާއަށް އޭގެ މިންވަރު ނޭނގޭ ގިނަގުނަ ދަރުމަ ދެއްވުމަށް މާތްﷲ ވައުދުވެވޮޑިގެންފައިވަނީ، މި އަޅުކަމުގައި ހުރި އިޚްލާސްތެރިކަމުގެ ބޮޑުކަމުން، ހުކުރު ޚުތުބާ
ރޯދައިގެ ޙިކުމަތަކީ، މާތްﷲ އަށް ބިރުވެތިވެ، ތަގުވާވެރިވުންކަން ފާހަގަކޮށް ޚުތުބާގައި ބުނީ ކުރާން އާދަވެފައިވާ ކަންތައްތަކުން ދުވަސްކޮޅަކަށް ނަމަވެސް އެއްކިބާވެ ހުރުމީ، ދުނިޔޭގެ އެދުންތަކުން ނަފުސު ސަލާމަތްކުރުމަށް ދެވޭ ތަރުބަވީ ފިލާވަޅެެއް ކަމަށެވެ.
މުޅި ދުވާލު ކެއިން ބުއިމުން އެއްކިބާވެ ހުރުމުގެ ސަބަބުން ޝަހުވަތްތެރިކަމާއި، ދުނިޔޭގެ ދަހިވެތިކަން ތިމާގެ ހިތުތެރެއިން ކުޑަވެ، ރޫޙާނީ ބާރު ގަދަވާ ކަމަށް ޚުތުބާގައި ބުންޏެވެ. ނަތީޖާއަކަށް ވަނީ ނުބައި ކަންތައްތަކަށް އަރައިގަތުމާ ދުރުހެލިވެ، ދުލުން ހަޑިހުތުރު ބަސްތައް ބުނުމާއި، މީހުންނާ ޒުވާބުކުރުން ހުއްޓުން ކަމަށް ޚުތުބާގައި ބުންޏެވެ. އަދި ފަގީރުންނާއި ނިކަމެތީންގެ ހާލަތު އިހުސާސްވެ، އެފަދަ މީހުންނަށް އެހީތެރިވުމަށް ހިތްވަރު ލިބުން ކަމަށް ޚުތުބާގައި ބުންޏެވެ.
އެހެންކަމުން ރޯދައަކީ ހުރިހާ މާނައެއްގައި ވެސް ރައްކާތެރިކަން ކަމަށް ޚުތުބާގައި ބުންޏެވެ.