އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ސުޕްރީމް ކޯޓުން ކުރި އަމުރަކާ ޚިލާފުވެފައިވާ ކަމަށް ބުނެ އެ ކޯޓަށް ހުށަހަޅައިފައިވާ ތުހުމަތު ދޮގުކުރައްވައި، އެއީ ފިތުނަ އުފެއްދުމަށް ދައްކާ ވާހަކައެއް ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވީ ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިނެވެ.
މިދިޔަ ފެބްރުއަރީ 18ގައި ސުޕްރީމް ކޯޓުގައި ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި، ދައުލަތުގެ ފަރާތުން އެދުނު ގޮތަށް ފަނޑިޔާރުންގެ ބެންޗުން ނިންމީ ޖަވާބުދާރީވުމަށް 10 ދުވަހުގެ ފުރުސަތެއް ދިނުމަށެވެ.
އެ މުއްދަތުގެ ތެރޭގައި އޭޖީން ޖަވާބު ހުށަހަޅާފައިނުވާ ކަމަށް ވިދާޅުވެ، އެ މައްސަލައިގައި އުޝާމަށް ފިޔަވަޅުއަޅައިދިނުމަށް އެދި އަލީވަނީ މިއަދު ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުއްވައިފައެވެ. އޭގައިވަނީ ސުޕްރީމް ކޯޓުންކުރި އަމުރާ އޭޖީން ޚިލާފުވެ، ކޯޓުގެ ހުރުމަތް ކަނޑާފައިވާތީ ފިޔަވަޅު އަޅައިދިނުމަށް އެދިފައެވެ.
މި މައްސަލައިގައި އަލީ ކުރެއްވި ތުހުމަތުތަކަށް ޖަވާބު ދެއްވައި އުޝާމް ވިދާޅުވީ، ކޯޓުގައި ހިނގަމުންދާ މައްސަލައިގައި އޭޖީއަށް ދިން ރަސްމީ 10 ދުވަހުގެ މުއްދަތުގެ ތެރޭގައި އެ އޮފީހުން ކުރަންޖެހޭ ކަންކަން ކޮށްފައިވާނެ ކަމަށެވެ. އަދި މިހާރު ފެންނަނީ، ފާޅުގައި ފެންނަން ހުންނަ ކަންކަމުގައި ވެސް ދޮގު ހަދައި އޮޅުވާލާ މަންޒަރު ކަމަށާއި އެކަމުން އެ ވާހަކަތައް ދައްކާ މީހާގެ ނިޔަތް ސާފުވާ ކަމަށް އުޝާމް ވިދާޅުވެފައިވެއެވެ.
"ރަސްމީ ދުވަސް ގުނަންޖެހޭ ގޮތް އަޅުގަނޑު ކިޔައިނުދިނަސް އެނގޭނެކަމަށް ދެކެން. މިބަރަކާތްތެރި ރަމަޟާން މަހު ތިޔަފަދަ ދޮގު ވާހަކަތައް ފަތުރައި، ފިތުނަފަސާދަ އުފެއްދުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ކޮންމެވެސް ހެޔޮ އަމަލެއް ކުރުމުގައި ޝާމިލްވުމަށް ނަސޭހަތްތެރިވަން،" އަލީއަށް އިޝާރާތް ކުރައްވައި، އުޝާމް ވިދާޅުވިއެވެ.
ޕާޓީ ބަދަލުކުރުން، އަދި ޕާޓީން ވަކިކުރުމުން ވެސް މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީ އިސްލާހުކުރީ ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުންނެވެ.
އެ އިސްލާހު ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ހިނގަމުންދަނިކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށްބުނެ މިދިޔަ ހަފުތާގައި ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ން ހުސްނުއްސުއޫދާއި، ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑުކުރިއެވެ.
މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެ ދިނުމަށް އެދުމުން، އެ ކަމާ ގުޅޭ އަޑުއެހުމެއް ބުދަ ދުވަހުގެ 11:00އަށް ތާވަލުކުރިއެވެ. އެހެން ނަމަވެސް ހަމަ އެ ދުވަހު ހެނދުނު، ވެރިކަން ކުރާ ޕާޓީގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހުން ވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ފާސްކޮށްފައެވެ.
މަޖިލިސް ޖަލްސާ ނިމުނު ފަހުން، ފަނޑިޔާރުން ސަސްޕެންޑުކުރިކަން ޖޭއެސްސީން ހާމަކުރިއެވެ. އެއާއެކު އެ ދުވަހު 11:00ގައި އޮތް އަޑުއެހުން ވެސް ކެންސަލްކުރިއެވެ.
މި މައްސަލައިގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތުން ދަނީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ.