ވޮޝިންޓަން (6 މާޗް 2025): ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާތީ އެމެރިކާއާއި އިސްރާއީލުން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހަމާސް ޖަމާއަތާއެކު ސީދާ ގޮތެއްގައި އެމެރިކާ ސަރުކާރުން ވާހަކަ ދައްކައިފިއެވެ.
އެމެރިކާ ސަރުކާރުން ވަނީ ހަމާސް އާ ސީދާ ގޮތެއްގައި ވާހަކަދައްކައި މުއާމަލާތް ކުރިކަން ކަށަވަރު ކޮށްދީފައެވެ. ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކަރޮލިން ލީވިޓް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި ގަތަރުގެ ވެރިރަށް ދައުހާގައި އެމެރިކާގެ މަސްއޫލުވެރިއަކު ހަމާސް ޖަމާއަތުގެ މަސްއޫލުވެރިއަކާ ސީދާ ގޮތެއްގައި އިއްޔެވަނީ ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރައްވާފައެވެ.
ދެފަރާތުން މަޝްވަރާކުރީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގައި އެ ޖަމާއަތުން ރަހީނުކޮށްފައިވާ އެމެރިކާގެ ރައްޔިތުން މިނިވަންކުރުމާ ބެހޭގޮތުން ކަމަށް ކަރޮލިން ވިދާޅުވިއެވެ.
ރިޕޯޓްތައް ބުނާގޮތުން އެމެރިކާގެ ފަރާތުން ހަމާސް އާ ބައްދަލުކޮށް މަޝްވަރާކުރެއްވީ ރަހީނުންގެ ކަންތައްތަކާބެހޭ އެމެރިކާގެ ޚާއްސަ މަންދޫބު އެޑަމް ބޮހޮލަރ އެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ވިދާޅުވިގޮތުގައި އެމެރިކާގެ ރައްޔިތުންގެ މަސްލަހަތަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ރައީސް ޓްރަމްޕްގެ ސަރުކާރުން ކުރާނެއެވެ. ކޮންމެ ފަރާތަކާ ވާހަކަދައްކަން ޖެހުނު ނަމަވެސް ވާހަކަދައްކާނެއެވެ.
އެމެރިކާ އަމިއްލައަށް ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާއަތްތަކާ މުއާމަލާތް ކުރުމަކީ އަދި ވާހަކަ ދެއްކުމަކީ އެމެރިކާ އާންމު ގޮތެއްގައި ކުރާކަމެއް ނޫނެވެ. ނަމަވެސް އެއީ އެމެރިކާގެ ގާނޫނުތައް މަނާކުރާ ކަމެއްވެސް ނޫނެވެ.
އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތަކީ ވެސް އެމެރިކާ އަމިއްލައަށް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާއަތެކެވެ. ނަމަވެސް 2021 ވަނަ އަހަރު އެމެރިކާވަނީ ތާލިބާން ޖަމާއަތާއެކު އެތައް ފަހަރެއްގެ މަތިން ބައްދަލުކޮށް ތާލިބާންގެ އިސް ލީޑަރުންނާ މަޝްވަރާކޮށްފައެވެ.
ރަހީނުން މިނިވަންކުރުމާބެހޭގޮތުން ހަމާސް އާއެކު އެމެރިކާ މަޝްވަރާ ކުރިނަމަވެސް އެމެރިކާގެ ރަހީނުން މިނިވަންކުރާމެދު މި މަޝްވަރާތަކުން ގޮތެއް ނިންމިފައެއް ނުވެއެވެ. އެމެރިކާއާއި ހަމާސްގެ ސީދާ މަޝްވަރާތަކާބެހޭ ގޮތުން ހަމާސްއިން ބުނެފައިވަނީ ޣައްޒާގެ ހަނގުރާމަ ދާއިމީ ގޮތަކަށް ހުއްޓާލުމުގެ ޑީލުގެ ދަށުން އެމެރިކާގެ ރަހީނުން މިނިވަންކުރަން ހަމާސް ތައްޔާރަށް އޮތްކަން އެ ޖަމާއަތުން އެމެރިކާގެ މަންދޫބަށް ދެންނެވި ކަމުގައެވެ.
އެމެރިކާ ސަރުކާރުން ސީދާގޮތެއްގައި ހަމާސް އާ ވާހަކަ ދައްކައި މުއާމަލާތް ކުރުމުން އިސްރާއީލުވަނީ އެކަމާމެދު ކަންބޮޑުވާކަން ހާމަކޮށް އެކަަމާމެދު ވަރަށް ބޮޑަށް ނުރުހިފައެވެ. އިސްރާއީލު ކަންބޮޑުވަނީ މިއީ ހަމާސްއަށް ޝަރުއިއްޔަތު ލިބިގެންދާނެކަމަކަށް ވެފައި، އިސްރާއީލާއި އަރަބި ގައުމުތަކާ ވެސް ނުލައި ސީދާ އެމެރިކާ ހަމާސްއާ މުއާމަލާތް ކުރަން ފެށުމަކީ ހަމާސްގެ އަޑު އަހައިގެން އެއާ އެއްގޮތަށް އެމެރިކާގެ ސިޔާސަތުތަކަށް ބަދަލުގެނުވަފާނެ ކަމަކަށްވާތީ ކަމަށް މުހައްލިލުން ވިދާޅުވެއެވެ.
އިސްރާއީލު ގެންދަނީ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ ދެވަނަ މަރުހަލާއަށް ދިޔުމަށް ދެކޮޅު ހަދައި އަލުން ހަނގުރާމަ ފަށާނެކަމުގެ އިންޒާރުތައް ދެމުންނެވެ. ހަމާސްއާއެކު އެމެރިކާ ސީދާގޮތެއްގައި ވާހަކަ ދައްކަން ފެށުމަކީ ހަނގުރާމައާނުލައި ސުލްހަވެރި ޑީލެއްގެ ދަށުން ރަހީނުން މިނިވަންކުރާނެކަމުގެ މެސެޖް ހަމާސްގެ ފަރާތުން އެމެރިކާއަށް ލިބޭނެކަމެކެވެ.
މިއީ އަލުން ހަނގުރާމަ ފަށަން އިސްރާއީލު ގެންގުޅޭ ސިޔާސަތާ ފުށުއަރާކަމެކެވެ. ޣައްޒާއާ ދެކޮޅަށް އަލުން ހަނގުރާމަ ފަށަން ތާއީދު ނުކުރާކަން އެމެރިކާގެ މަންދޫބު އިއްޔެވަނީ ހާމަކުރައްވާފައެވެ. މިއީ އިސްރާއީލުގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.