ގާހިރާ (5 މާޗް 2025): އިސްރާއީލުން ބޮންއަޅައި މުޅިން ފުނޑާލައި ބިމާ ހަމަކޮށްލާފައިވާ ފަލަސްތީނުގެ ޣައްޒާ އަލުން ބިނާކޮށް އާރާސްތު ކުރުމަށް މިސްރުން ހުށަހެޅި ޕްލޭނަށް، ގާހިރާގައި އިއްޔެ ބޭއްވި އަރަބި ގައުމުތަކުގެ އިސްވެރިންގެ ސަމިޓުން ރުހުން ދީފިއެވެ.
މި ޕްލޭން ބިނާކޮށްފައިވަނީ ޣައްޒާގެ ރައްޔިތުން ޣައްޒާއިން ބޭރުނުކޮށް ޣައްޒާ އަލުން ބިނާކޮށް އާރާސްތު ކުރުމުގެ މައްޗަށެވެ. އަދި ޣައްޒާގެ އިދާރީކަންކަން ބެލެހެއްޓުން ވަގުތީގޮތުން ފަލަސްތީނުގެ ވެރިކަމުގެ އިދާރާއާ ހަވާލުކުރުމުގެ މައްޗަށެވެ. އެއަށްފަހު ހުޅަނގު އައްސޭރިއާއި ޣައްޒާ ހިމެނޭގޮތަށް ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް އުފައްދައިގެން ފަލަސްތީނުގެ މައްސަލަ ދާއިމީ ގޮތަކަށް ހައްލުކުރާ ގޮތަށެވެ.
ޣައްޒާގެ ރައްޔިތުން ޣައްޒާއިން ބޭރުކޮށް އެމެރިކާ ނޫނީ އިސްރާއީލުގެ ކޮންޓްރޯލްގެ ދަށުގައި ޣައްޒާ ބޭއްވުމަށް އެމެރިކާއާއި އިސްރާއީލުން ގެންގުޅޭ ތަސައްވުރަށް އަރަބި ސަމިޓްގެ އިއްތިފާގުންވަނީ ދެކޮޅު ހަދާފައެވެ.
ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާއަތުން ހަތިޔާރު ނިގުޅައިގަތުމަށް އިސްރާއީލާއި އެމެރިކާ އެދޭއެދުމާ އަދި ގޮވާލާ ގޮވާލުންތަކާމެދު ސަމިޓުން ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.
ޣައްޒާ އަލުން ބިނާކޮށް އާރާސްތު ކުރުމާބެހޭގޮތުން މިސްރުން ހުށަހެޅި ޕްލޭންގައި ހިމެނެނީ މައިގަނޑު ތިން ކަމެކެވެ. ފުރަތަމަ ކަމަކީ އިންތިގާލީ މަރުހަލާއެވެ. ދެވަނަ ކަމަކީ ޣައްޒާ އަލުން ބިނާކޮށް އާރާސްތު ކުރުމުގެ މަސައްކަތް ފެށުމެވެ. ތިންވަނަ ކަމަކީ ފަލަސްތީނުގައި އުފައްދާ މިނިވަން ދައުލަތެއްގެ ބައެއްގެ ގޮތުގައި ޣައްޒާ ހަދައި އެދައުލަތުގެ ނިޒާމުގެ ދަށުން ދާއިމީ ގޮތަކަށް ޣައްޒާގައި ވެރިކަން ކުރުމެވެ.
މި ޕްލޭންގައި ހިމެނޭ ދެވަނަ ބައިކަމަށްވާ ޣައްޒާ އަލުން ބިނާކޮށް އާރާސްތު ކުރުމުގެ ކަންތައް ކުރިޔަށް ގެންދިޔުމަށް ރާވާފައިވަނީ ތިން މަރުހަލާއެއްގެ ތެރެއިންނެވެ. ފުރަތަމަ މަރުޙަލާގެ މުއްދަތަކީ ހަ މަސް ދުވަހެވެ. އެއީ ޣައްޒާގައި ބިމާހަމަކޮށްލާފައިވާ އިމާރާތްތަކުގެ ގައުކުޑި ނަގައި ޣައްޒާ ސާފުކުރުމުގެ މަރުހަލާއެވެ.
ދެވަނަ މަރުހަލާއަކީ ޣައްޒާގެ ހާލުގައިޖެހިފައިވާ ރައްޔިތުންނަށް ވަގުތީ ހިޔާވަހިތައް ބިނާކޮށްދިނުމުގެ މަރުހަލާއެވެ. ތިންވަނަ މަރުހަލާ އަކީ އަމަލީގޮތުން ޣައްޒާ ބިނާކުރުމުގެ މަސައްކަތް ފަށައި އެމަސައްކަތް ނިންމުމުގެ މަރުހަލާއެވެ.
މިސްރުގެ ޕްލޭންގައި ވާގޮތުން ދެވަނަ މަރުހަލާއާއި ތިންވަނަ މަރުހަލާ ދާނީ އެކުއެކީގައެވެ. މި ދެމަރުހަލާގެ މުއްދަތަކީ ހަތަރު އަހަރާއި ފަސްއަހަރުގެ މުއްދަތެކެވެ.
އިސްރާއީލުން ޣައްޒާއަށް ދީފައިވާ އާދަޔާ ޚިލާފު ގެއްލުމާއި ޝަހީދުކޮށްލާފައިވާ މީހުންނާއި ޒަޚަމްކޮށްލާފައިވާ މީހުންގެ އަދަދުތަކަށް ބަލާއިރު އަދި އިސްރާއީލުން މިހާރުވެސް ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސައި ފަލަސްތީނުގެ މިނިވަން ދައުލަތަކަށް އިސްރާއީލު ކަނޑައެޅިގެން އިންކާރު ކުރާއިރު, މިކަންކަމަށް އެކަށޭނަ މިންވަރާ ގާތްކުރާ ރައްދެއްވެސް އަރަބި ސަމިޓުން އިސްރާއީލަށާއި އިސްރާއީލުގެ ޓެރަރިޒަމަށް ވާގިވެރިވާ އެެމެރިކާއަށް ދެވިފައި ނުވާކަމަށް މުހައްލިލުން ވިދާޅުވެއެވެ.
މިސާލަކަށް ދެދައުލަތުގެ ހައްލަށް އިސްރާއީލު ދެކޮޅު ހަދާނަމަ އިސްރާއީލާ ގުޅުންކަނޑާލާނެކަމުގެ އިންޒާރު ދިނުން ފަދަ އެއްވެސް ކަމެއް އަރަބި ސަމިޓުން ނެރުނު ބަޔާނުގައި ނުހިމެނެއެވެ. އަދި ފަލަސްތީނުގެ ދައުލަތް އުފެއްދުމުގެ ކުރިން އަރަބި އިތުރު ގައުމަކުން އިސްރާއީލާ ގުޅުންތައް ގާއިމް ނުކުރާނެކަމުގެ އިންޒާރުވެސް ސަމިޓްގެ ބަޔާނުގައި އެމެރިކާއާއި އިސްރާއީލަށް ދީފައެއް ނުވެއެވެ.
ސަމިޓުން އެމެރިކާއާއި އިސްރާއީލަށް ދިން ހަމައެކަނި މެސެޖަކީ ޣައްޒާގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކުރުމުގެ ފުރުސަތު ނުދޭނެކަމުގެ މެސެޖެވެ.
އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ އަނިޔާތަކާއި ޣައްޒާގެ އިތުރުން ހުޅަނގު އައްސޭރީގައިވެސް ކޮންމެ ދުވަހަކު އިސްރާއީލު ހިންގާ ޖަރީމާތައް އާދައިގެ ގޮތަކަށް ކުށްވެރިކޮށްލުން ފިޔަވައި އެހެންކަމެއް އަރަބި ސަމިޓުން ކޮށްފައެއް ނުވެއެވެ.
ޣައްޒާގެ އިތުރުން ފާއިތުވި މަހެއްހަ ދުވަހުގެ ތެރޭގައި ހުޅަނގު އައްސޭރީގައި ވެސް އިސްރާއީލުވަނީ ސަތޭކައަށް ވުރެގިނަ މީހުން ޝަހީދުކޮށް އެތަށް ހާސް ބަޔަކު އެމީހުންގެ ވަޒަނުން ބޭރުކޮށްލާފައެވެ. އަދި ހުޅަނގު އައްސޭރީގެ ޖެނީން ރެފިއުޖީ އަވަށް އެއްކޮށް (އެތަށް ހާސް ގެއެއް) އިސްރާއީލުން ވަނީ ތަޅައި ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.
މި މުހިންމު އަރަބި ސަމިޓަށް އަރަބި އެތަށް ގައުމެއްގެ އިސްވެރިން ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ. ހާޒިރު ނުވި ލީޑަރުންގެ ތެރޭގައި ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން، މަޣްރިބުގެ ރަސްގެފާނު މުހައްމަދު ދެވަނަ، އަލްޖަޒާއިރުގެ ރައީސް އަބްދުލްމަޖީދު ތަބޫން، ތޫނިސްގެ ރައީސް ގައިސު ސުއައްޔިދު، ޔޫއޭއީ ގެ ރައީސް ޝައިޚް މުހައްމަދު ބިން ޒާޔިދު، އަދި އުރުދުންގެ ރަސްގެފާނު އަބްދުﷲ ދެވަނަ ފަދަ އިސްވެރިން ހިމެނިވަޑައިގަންނަވައެވެ. މިގައުމުތަކުން އަރަބި ސަމިޓްގައި ތަމްސީލް ކުރީ އެގައުމުތަކުގެ ޚާރިޖީ ވަޒީރުންނެވެ.