ރާއްޖޭގައި އެންމެ ހަލުވި 5ޖީ ނެޓްވޯކުގެ އެވޯޑް ދިރާގަށް

ބާސެލޯނާގައި ކުރިއަށްދާ މޯބައިލް ވޯލްޑް ކޮންގްރެސްގައި ދިރާގަށް ލިބުނު 'ފާސްޓެސްޓް 5ޖީ ނެޓްވޯކް އިން މޯލްޑިވްސް' އެވޯޑު:---ޕޮޓޯ/ދިރާގު

ރާއްޖޭގެ އެންމެ ހަލުވި 5ޖީ ނެޓްވޯކްގެ އެވޯޑް ދިރާގަށް ލިބިއްޖެއެވެ.

އެ އެވޯޑް ދިރާގަށް ލިބިފައިވަނީ ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދާ މޯބައިލް ވޯލްޑް ކޮންގްރެސްގައެވެ. އެއީ މޯބައިލް ޓެކްނޮލޮޖީގެ އެންމެ ޒަމާނީ ކުރިއެރުންތައް ދައްކުވައިދޭ އެންމެ ވަރުގަދަ އެއް ގްލޯބަލް ޕްލެޓްފޯމެވެ.

ދިރާގަކީ 2019 ވަނަ އަހަރު، ސައުތު އޭޝިއާ އަދި ރާއްޖޭގައި 5ޖީ ޚިދުމަތް ތައާރަފުކުރި ފުރަތަމަ ސާވިސް ޕްރޮވައިޑާއެވެ. މިހާރު ދިރާގުން ވަނީ ރާއްޖޭގެ އާބާދީގެ 60 އިންސައްތައަށް ދިރާގުގެ 5ޖީ ނެޓްވޯކު ފޯރުކޮށްދީފައެވެ.

ދިރާގުގެ ފަރާތުން މި އެވޯޑާ ހަވާލުވެވަޑައިގެންފައިވަނ،ީ އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިސްމާޢީލް ރަޝީދާއި ކުންފުނީގެ ޗީފް ޓެކްނޮލޮޖީ އެންޑް އިންފޮމޭޝަން އޮފިސަރު މުޙައްމަދު މުސްޢަދެވެ.

މި ކާމިޔާބީއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އިސްމާޢީލް ރަޝީދު ވިދާޅުވީ އޫކްލާއިން ދޭ 'ފާސްޓަސްޓް 5ޖީ ނެޓްވޯކް އިން މޯލްޑިވްސް' އެވޯޑު ލިބުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު ފަހުރެއްކަމަށެވެ. އަދި އެ ކާމިޔާބީން ދައްކުވައިދެނީ އެންމެ ފެންވަރު ރަނގަޅު ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާކަމަށް އޭނާވަނީ ވިދާޅުވެފައެވެ.

ދިރާގުގެ ހަލުވި 5ޖީ އާއެކު، ފަރުދުންނާއި ވިޔަފާރިތަކަށް މަސައްކަތްތައް ފަސޭހަވެ، ކުރިއެރުމަށް އެހީއަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ދިރާގުން އަބަދުވެސް ދާނީ އެންމެ ފަހުގެ ޓެކްނޮލޮޖީއަށް އިންވެސްޓްކޮށް ޑިޖިޓަލް އިނޮވޭޝަންގެ ގޮތުން ރާއްޖެ އެންމެ ކުރީ ސަފުގައި ބޭއްވުމަށް މަސައްކަތްކުރަމުންކަމަށް ވެސް ސީއީއޯ ވިދާޅުވިއެވެ.

ދިރާގުން ވަނީ އޫކްލާއިން ދޭ 'މޯލްޑިވްސް ފާސްޓަސްޓް ނެޓްވޯކް' އެވޯޑް، ފާއިތުވި ދެ އަހަރު ވެސް ހޯދައިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް