ވޮޝިންޓަން (3 މާޗް 2025): އިންސާފާބެހޭ ބައިނަލްއަގްވާމީ ކޯޓު ނުވަތަ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއިން ވަކިވާން އިސްރާއީލު ނިންމާފައިވާކަމަށާއި އިސްރާއީލާއެކު އެމެރިކާވެސް ވަކިވާނެކަމަށް ބެލެވޭކަމަށް އިސްރާއީލުން ބުނެފިއެވެ.
އިސްރާއީލުގެ އިސް މަސްއޫލުވެރިންނާ ހަވާލާދީ އިސްރާއީލުގެ "އައިޓުވެންޓީފޯ" ބުނާގޮތުން އދ.ގެ މުއައްސަސާތަކުން އިސްރާއީލަށް ބުލީ ކުރުމާއި ބިރުދެއްކުމާއި މުނާފިގުކަމާއި އިސްރާއީލު ކުށްވެރި ކުރުން ފަދަ އަމަލުތައް ގެންދަނީ ހިންގަމުންނެވެ. އެެހެންކަމުން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއިން ވަކިވާން އިސްރާއީލުގެ ސަރުކާރުން މިހާރުވަނީ ނިންމާފައެވެ.
އިސްރާއީލުގެ ނޫސް ބުނާގޮތުން އިސްރާއީލަށް ހަމްދަރުދީ ފާޅުކުރުމުގެ ގޮތުންނާއި އދ.އާ ދެކޮޅަށް އިސްރާއީލަށް ހިތްވަރު ދިނުމުގެ ގޮތުން އެމެރިކާވެސް އެކޯޓުން ވަކިވުމަކީ އެކަށީގެންވާ ކަމެކެވެ. އެމެރިކާ މިހާރު ގެންދަނީ މިކަން ދިރާސާކޮށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއިން ވަކިވުމާމެދު ވިސްނަމުންނެވެ.
އިސްރާއީލުގެ ނޫސް ބުނާގޮތުން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއިން އިސްރާއީލު ވަކިވުމާބެހޭގޮތުން ކުރަންޖެހޭ ގާނޫނީ ކަންކަން ކުރުމުގައި އިސްކޮށް އުޅެނީ އިސްރާއީލުގެ ސްޓްރެޓީޖިކް ކަންތައްތަކާބެހޭ ވަޒީރު ރޮން ދަރުމަރު އެވެ. ދަރުމަރުވަނީ މިމައްސަލައިގައި އެމެރިކާއާއެކު މަޝްވަރާކުރުމަށްޓަކައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން އެމެރިކާއަށް ގޮސްފައެވެ.
ދަރުމަރު އެމެރިކާއަށް ކުރާ ދަތުރުގެ ބޭނުމަކީ އިސްރާއީލާއެކު އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއިން އެމެރިކާ ވެސް ވަކިވުމުގެ މުހިއްމުކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ވިސްނައި ދިނުމެވެ. އަދި އެމެރިކާގެ ކިބައިން މިކަމަށް އެދޭކަން ރައީސް ޓްރަމްޕަށް ދެންނެވުމެވެ.
އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކަކީ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުންކަމަށް ކަނޑައަޅައި ދިނުމަށް ދެކުނު އެފްރިކާއިން ވަނީ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއަށް މައްސަލަ ހުށަހަޅައި އިސްރާއީލާ ދެކޮޅަށް ދައުވާ އުފުލާފައެވެ.
މިމައްސަލަ ބެލެމަށްފަހު މިދިޔަ އަހަރު އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އިންވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމުގެ އަމަލުތައް އިސްރާއީލުން ހިންގާކަމަށް ތުހުމަތުކޮށް ނަސްލު ނައްތާލުންކަމަށް ބެލެވޭނެ އެއްވެސް އަމަލެއް ނުހިންގުމަށް އިސްރާއީލުގެ މައްޗަށް އަމުރުކޮށްފައެވެ. އަދި ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ޖަރީމާތަކާބެހޭ ރިޕޯޓެއް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އަށް ހުށަހެޅުމަށްވެސް އިސްރާއީލުގެ މައްޗަށް އަމަރުކޮށްފައެވެ.
ނަމަވެސް މިއިން އެއްވެސް އަމުރަކަށް އިސްރާއީލު އިޖާބަ ދީފައެއް ނުވެއެވެ. އަދި އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އަށް ބޭނުންވާ މައުލޫމާތު ދިނުމުގައިވެސް އިސްރާއީލުން އެކޯޓަށް އެއްވެސް ވަރަަކަށް އެއްބާރުލުން ދީފައެއް ނުވެއެވެ.
ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް މަސައްކަތްކުރާ ކަމުގެ ދައުވާ، އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ގައި އިސްރާއީލުގެ މައްޗަށް ހުށަހެޅިފައިވާއިރު މިދައުވާގައި އިސްރާއީލާ ދެކޮޅަށް ދުނިޔޭގެ އެތަށް ގައުމަކުންވަނީ ތަދައްޚުލު ވެފައެވެ. ތަދައްޚުލު ވެފައިވާ ގައުމުތަކުގެ ތެރޭގައި އިސްލާމީ ގައުމުތަކާއި އެނޫން ގައުމުތައްވެސް ހިމެނެއެވެ.
މިހާތަނަށް ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު އަދި އިސްރާއީލުން ޣައްޒާގެ އާންމުންގެ 60 ހާހަށްވުރެ ގިނަމީހުން މަރާފައިވާތީއާއި ޣައްޒާގެ ހޮސްޕިޓަލްތަކާއި މަދަނީ ތަންތަނަށް ގަސްދުގައި އިސްރާއީލު ހަމަލާދޭކަން ވަރަށް ރަނގަނޅަށް ހާމަވެފައިވާކަމަށް މިމައްސަލާގައި އިސްރާއީލާ ދެކޮޅަށް ވަކާލާތުކުރާ ވަކީލުން ވިދާޅުވެއެވެ.
މިއާއެކު ބައިނަލްއަގްވާމީ ކޯޓުގެ ތުހުމަތުތަކާ ދެކޮޅަށް އިސްރާއީލަށް މާބޮޑު ހުއްޖަތެއް ދެއްކިފައި ނުވާތީ، ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމުގެ ދައުވާ އިސްރާއީލުގެ މައްޗަށް ސާބިތުވާނެކަމުގެ ޔަގީންކަން ބޮޑުކަމަށް ގާނޫނީ ތަޖުރިބާކާރުން ދެކެވަޑައިގަންނަވައެވެ.
އިސްރާއީލުގެ ބޭނުމަކީ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އިން އިސްރާއީލުގެ މައްޗަށް ހުކުމް ކުރުމުގެ ކުރިން އެކޯޓުން ވަކިވުންކަމަށް ވަނީ ބެލެވިފައެވެ. ނަމަވެސް އެކޯޓުން ވަކިވުމުގެ މައްސަލާގައި އެމެރިކާ އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ހުރިހާ ގަތުލުއާންމުތަކެއްވެސް ހިންގަނީ އެމެރިކާގެ އެއްބާރުލުމާއެކުގައެވެ. އެމެރިކާ ދޭ ހަތިޔާރާއި ޖާސޫސީ މައުލޫމާތުގެ އެހީގައެވެ. އަދި އިސްރާއީލުގެ ޓެރަރިސްޓް ހަރަކާތްތައް ސްޕޮންސަރ ކުރާ މައިގަނޑު ގައުމަކީވެސް އެމެރިކާ އެވެ. ދެން ޔޫރަޕްގެ ގައުމުތަކެވެ.
އެމެރިކާވަނީ އިސްރާއީލުގެ ބޮޑުވަޒީރު ހައްޔަރު ކުރުމުގެ އަމުރު ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ނެރުމުން އެކޯޓު ކުށްވެރިކޮށް އެކޯޓުގެ ފަނޑިޔާރުންނަށާއި ޕްރޮސެކިއުޓަރަށް ބިރުދައްކައި އެބޭފުޅުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ބައިނަލްއަގްވާމީ އިންސާފާއި އަދާލަތަށް ހުރަސްއަޅާފައެވެ.