ވޮޝިންޓަން (3 މާޗް 2025): ޔުކްރެއިންގެ ރައީސް ވްލަޑިމިޔާ ޒެލެންސްކީ މަގާމުން ދުރުކުރުމަށް އެމެރިކާ ކުރިމަތިކުރާ ފިއްތުންތައް ވަރަށް ބޮޑަށް އިތުރު ވެއްޖެއެވެ.
ޓްރަމްޕްގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު މައިކް ވޯލްޓްޒް ޒެލެންސްކީއަށް ގޮވާލެއްވީ ޔުކްރެއިންއަށް ބޭނުންވަނީ އެމެރިކާއާ މުއާމަލާތް ކުރަންކެރޭ އަދި ރަޝިއާ އާ ވާހަކަ ދައްކައިގެން ޔުކްރެއިން ހަނގުރާމަ ހުއްޓާލުމުގެ ނިންމުން ނިންމަން ކެރޭ ވަރުގެ ހިއްވަރާއި ފަންވަރުހުރި ލީޑަރެއްކަމުގައެވެ. މިލީޑަޝިޕް ޒެލެންސްކީގެ ފަރާތުން ފެނިފައި ނުވާކަމަށް ވޯލްޓްޒް ވިދާޅުވިއެވެ.
ސީއެންއެންއަށް ދެއްވި ބަސްދީގަތުމެއްގައި ވޯލްޓްޒް ވިދާޅުވީ އެމެރިކާއާއި ރަޝިއާ އާ ވާހަކަދައްކައިގެން ހަނގުރާމަ ހުއްޓާލަން ކެރޭވަރުގެ ލީޑަރެއް ޔުކްރެއިންއަށް ބޭނުންވާ ކަމުގައެވެ. ނަމަވެސް ޔުކްރެއިންގެ މިހާރުގެ ރައީސް ވްލަޑިމިޔާ ޒެލެންސްކީ ފެނިގެންގޮސްފައިވަނީ އެފަދަ ނިންމުންތައް ނިންމަންކެރޭ ލީޑަރެއްގެ ގޮތުގައި ކަމަށް ނުވާތީ ޔުކްރެއިންއަށް އައުލީޑަރެއް ބޭނުންވާ ކަމުގައެވެ. މީގެކުރިން އެމެރިކާގެ ރައީސް ޓްރަމްްޕް ވަނީ ޒެލެންސްކީ އަކީ ޑިކްޓޭޓަރެއްކަމަށް ވެސް ސިފަކުރައްވާފައެވެ.
ވޯލްޓްޒް ވިދާޅުވިގޮތުގައި ޒެލެންސްކީ އަކީ ސިޔާސީ މަގްސަދުތަކާ ގުޅިގެންނާ އަދި އަމިއްލަ ޒާތީ ބޭނުންތަކާ ގުޅިގެން މިފަދަ ނިންމުމެއް ނިންމަން ކެރޭ ލީޑަރެއްގެ ގޮތުގައި ނުފެނުމަކީ އެމެރިކާއަށް ވަރަށް ބޮޑު މައްސަލައެއް ކަމުގައެވެ. އެއީ ޔުކްރެއިން ހަނގުރާމައަށް ޚަރަދުކުރަން އެމެރިކާ ބޭނުންނުވާތީއެވެ. އަދި އެހަނގުރާމަ ހުއްޓުވުމަށް ރައީސް ޓްރަމްޕް ބޭނުންފުޅު ވާތީއެވެ.

ވޯލްޓްޒް : ޔުކްރެެއިން އަށް ބޭނުންވަނީ ހަނގުރާމަ ހުއްޓާލަން ކެރޭވަރުގެ ވަރުގަދަ ލީޑަރެއް
ވޯލްޓްޒް މިހެން ވިދާޅުވެފައިވަނީ ޒެލެންސްކީ މިދިޔަ ހަފުތާގައި އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑޮނަލްޑް ޓްރަމްޕް އާ ވައިޓް ހައުސް ގައި ބޭއްވި ރަސްމީ ބައްދަލު ކުރެއްވުމުގައި ހިނގި ޒުވާބަށްފަހު އެމެރިކާ ގެ މަސްއޫލުވެރިން ޒެލެންސްކީއަށް ކުރިމަތިކުރާ ފިއްތުންތަކުގެ ތެރެއިންނެވެ.
ވައިޓް ހައުސްގައި ޓްރަމްޕް އާއި ޒެލެންސްކީ އާ ދެމެދު ހިނގި ޒުވާބަށްފަހު ޒެލެންސްކީ ވަނީ މީޓިންތަކުގައި އޮންނަ ޕްރޮޓޮކޯލްތަކާ ޚިލާފަށް ކުއްލި ގޮތަކަށް ވައިޓް ހައުސްއިން ނުކުމެ ވަޑައިގެންފައެވެ. އެއަށްފަހު އަވަސް ގޮތަކަށް އެމެރިކާއިން ފުރާވަޑައިގެން އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ. އިނގިރޭސި ބޮޑުވަޒީރު ވަނީ ޒެލެންސްކީއަށް ހޫނު މަރުހަބާ އެއް ވިދާޅުވެ ތިން ބިލިޔަން ޑޮލަރުގެ ލޯނެއް ޔުކްރެއިންއަށް ދޭނެކަމަށް ވިދާޅުވެފައެވެ.
މުރާސިލުން ބުނާގޮތުގައި ޒުވާބަށްފަހު ޒެލެންސްކީ ކުއްލިގޮތަކަށް ނުކުމެވަޑައިގަތީ ޒެލެންސްކީ ވައިޓް ހައުސް އިން ވަގުތުން ބޭރުވުމަށް ޒެލެންސްކީގެ ޓީމުގައި ހިމެނޭ ޑިޕްލޮމެޓުންނަށް ވައިޓް ހައުސްގެ އިސްބޭފުޅުން އެންގުމާ ގުޅިގެންނެވެ. މިއީ ޒެލެންސްކީ ވައިޓް ހައުސްއިން ބޭރުކޮށްލުންކަމަށް މި ބައްދަލުކުރެއްވުން ކަވަރުކުރި ގިނަ ނޫސްވެރިންވަނީ ސިފަކޮށްފައެވެ.
މިއީ އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން މުސްތަގިއްލު ގައުމެއްގެ އެންމެ އިސް ވެރިއަކަށް ޓްރަމްޕް ކުރެއްވި ވަރަށް ބޮޑު އިހާނާތެއްކަމަށާ އެމެރިކާގެ ތާރީޚުގައިވެސް މިފަދަ ހާދިސާއެއް ހިނގާފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ޒެލެންސްކީ އާއި ޓްރަމްޕް ގެ ޒުވާބަށްފަހު ވައިޓް ހައުސް އިންވަނީ ޒެލެންސްކީ އަދަބާއި އިހްތިރާމް ކުޑަގޮތަކަށް ޓްރަމްޕް އާ މުއާމަލާތް ކުރިކަމަށް ބުނެ މި މައްސަލާގައި ރަސްމީ ސިފައެއްގައި ޒެލެންސްކީ، ޓްރަމްޕްގެ އަރިހުން މައާފަށް އެދެންޖެހޭނެކަމަށް ބުނެފައެވެ.
ނަމަވެސް މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ޒެލެންސްކީ ވިދާޅުވެފައިވަނީ ޒުވާބާ ގުޅިގެން ޓްރަމްޕްގެ ކިބައިން މައާފަށް އެދިވަޑައި ނުގަންނަވާނެކަމުގައެވެ. ނަމަވެސް ޓްރަމްޕާއި އޭނާއާ ދެމެދު ގޯސްވެގެން ދިޔަ ގުޅުންތައް އަލުން ރަނގަނޅު ކުރުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވިއެވެ. އަދި އެމެރިކާއާއި ޔުކްރެއިން އާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ ޔުކްރެއިންގެ ނާދިރު މައުދަންތައް އެމެރިކާއަށް ދިނުމާބެހޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައް ކުރިޔަށް ގެންދަން ތައްޔާރަށް ހުންނެވި ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.
މީގެއިތުރުން ޒެެލެންސްކީ ވަނީ އެމެރިކާއަކީ ޔުކްރެއިންގެ ސްޓްރެޓީޖިކް ބައިވެރިއެއް ކަމަށް އަދިވެސް ދެކޭ ކަމަށާ ޔުކްރެއިން އާއި ރަޝިއާގެ ގުޅުންތަކަށް ބުރޫ އަރުވަން ބޭނުން ނުވާކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
ޔުކްރެއިން އަށް ދިމާވާ މައްސަލައަކީ އެމެރިކާދޭ އަސްކަރީ އަދި އިގްތިސާދީ އެހީތަކާނުލައި ރަޝިއާ އާ ދެކޮޅަށް ހަނގުރާމަ ކުރެވޭ ވަރުގެ ފެންވަރު ނެތުމެވެ. އެމެރިކާ އެހީތައް ކަނޑާލައިފިނަމަ އެކަން ފޫބެއްދުމަކީ ޔޫރަޕްގެ ގައުމުތަކަށްވެސް ކުޅަދާނަކަމަށް ނުވާނެއެވެ. ނަތީޖާއަކަށްވާތީ ރަޝިއާގެ ކުރިމަތީގައި އިނދަޖެހޭ ހިސާބަށް ކަންތައްތައް ދިޔުމެވެ.
ރަޝިއާ ޔުކްރެއިންއަށް އަރައިގަންނަ ހިސާބަށް ޔުކްރެއިން ރަޝިއާ އާ ޖެއްސީ އަދި ރަޝިއާ އާއެކު ސުލްހައިގެ ވާހަކަތައް ދެއްކުމުގެ ބަދަލުގައި ހަނގުރާމަ ކޮށްގެން ރަޝިއާ އިނދަޖައްސާލެވޭނެކަމަށް ބުނެ ޔުކްރެއިން ލައްވައި ހަނގުރާމަ ކުރިޔަށް ގެންދިޔައީ ޔޫރަޕްގެ ބާރުތަކާއި އެމެރިކާގެ ކުރީގެ ސަރުކާރުންނެވެ.
ހަނގުރާމަ ހުއްޓުވުމަށްޓަކައި އެމެރިކާ ޔުކްރެއިންގެ ކިބައިން މިހާރު އެދެނީ އަދި މިކަމުގައި އެމެރިކާގެ އައު ސިޔާސަތު ބިނާކޮށްފައިވަނީ ހަނގުރާމައިގައި ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ބިންތައް ޔުކްރެއިނުން ރަޝިއާއަށް ދޫކޮށްލުމަށާއި ރަޝިއާ އެދޭގޮތަށް ނޭޓޯގެ މެންބަރުކަން ވެސް ޔުކްރެއިން އަށް ނުދިނުމަށެވެ.