ވިދްޔާގެ އޭއައި ވީޑިއޯތަކެއް ދައުރުވާތީ ސަމާލުވާން އެދެފި

ބަތަލާ ވިދްޔާ ބާލަން. ވިދްޔާގެ ފޭކް ވީޑިއޯތަކެއް އިންޓަނެޓުގައި ދައުރުވަމުން އަންނާތީ ސަމާލުވުމަށް ވަނީ އެދިފައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ބޮލީވުޑް ބަތަލާ ވިދްޔާ ބާލަންގެ ވީޑިއޯއެއް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ތައްޔާރުކޮށް އިންޓަނެޓުގައި ދައުރުވަމުން އަންނާތީ އެ ކަމަށް ސަމާލުވުމަށް ވިދްޔާގެ ސަޕޯޓަރުންގެ ގާތު ބަތަލާ އެދެފިއެވެ.

ވިދްޔާގެ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި ވީޑިއޯއެއްގައި ބުނެފައިވަނީ، ބަތަލާގެ އެފަދަ ވީޑިއޯއެއް އާއްމުންނާ ހިއްސާކުރުމުގެ ކުރިން އޭގެ ހަގީގަތް ބެލުން މުހިންމު ކަމަށާއި އޭއައި-ޖެނެރޭޓެޑް ވީޑިއޯތަކަކީ މިހާރު ވަރަށް އާންމު ވީޑިއޯތަކެއް ކަމަށެވެ.

އެފަދަ ވީޑިއޯތަކުގެ ސަބަބުން ވަރަށް ގިނަ ފިލްމީތަރިންނާއި މަޝްހޫރު މީހުންނާ މެދު އާއްމުން ދެކޭގޮތް ބަދަލުކޮށްލާ ކަމަށާއި ބަތަލާގެ ސަޕޯޓަރުން އެ ކަމަށް ސަމާލުވުމަށް ވިދްޔާ ވަނީ އެދިފައެވެ.

ބަތަލާ ވިދްޔާ ބާލަން ލީޑްރޯލް ކުޅުނު ފުރަތަމަ ފިލްމު "ޕަރިނީތާ"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު "ޕަރިނީތާ"ގެ ބަތަލާގެ ފޮޓޯތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ގިނަ އަދަދެއްގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގެ އިތުރުން ވަޓްސްއަޕް ގްރޫޕްތަކުގައި ވެސް ދަރުވަމުން އަންނަ ކަމަށާއި އެފަދަ އެއްވެސް ވީޑިއޯއަކީ ބަތަލާގެ އަސްލު ވީޑިއޯތަކެއް ނޫން ކަމަށް ވެސް އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި ވިދްޔާ ވަނީ ބުނެފައެވެ.

ބައެއް އުފެއްދުންތައް އިޝްތިހާރުކުރުމުގެ ބޭނުމުގައި ވެސް ބަޔަކު މީހުން އެފަދަ ވީޑިއޯތައް އުފައްދާ ކަމަށާއި ވިދްޔާ މިހާތަނަށް އެންޑޯސްކޮށްފައިވާ އުފެއްދުންތަކުގެ ވީޑިއޯތައް އަމިއްލައަށް ބެލުންތެރިންނާ ހިއްސާކޮށްފައިވާނެ ކަމަށް ވަނީ ބުނެފައެވެ.

އިންޑިއާގެ ފިލްމީތަރިންގެ މިފަދަ ފޭކް ވީޑިއޯތައް އޭއައިން ޖެނެރޭޓްކޮށް އާންމުކުރުމަކީ މި ފަހަކަށް އައިސް ވަރަށް އާންމުކަމެކެވެ.

އޭގެ ތެރޭގައި ސައުތު ބަތަލާ ރަޝްމިކާ މަންދަންނާ، ބޮލީވުޑްގެ ފިލްމީތަރިން ކަމަށްވާ އާލިއާ ބަޓް،ދީޕިކާ ޕަދުކޯން، ކެޓްރީނާ ކައިފް، އާމިރު ޚާން، ރަންވީރު ސިންގް އަދި ކުރީގެ ކުރިކެޓް ކުޅުންތެރިޔާ ސަޗިން ޓެންޑުލްކަރު ހިމެނެއެވެ.

comment ކޮމެންޓް