ކަރަންޓު ކޭބަލަކަށް ގެއްލުންވުމާ ގުޅިގެން، ހުޅުމާލޭގައި ރެޑްވޭވް މެގަމޯލް ހުންނަ ސަރަހައްދުން މިރޭ ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ރެޑްވޭވް މެގަމޯލް ހިމެނޭ ސަރަހައްދުގެ ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވުމާއި ގުޅިގެން އެ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
އެ މައްސަލަ ހައްލުކޮށް ވީއެންމެ އަވަހަކަށް އެ ސަރަހައްދަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯއިން "ސަން"އަށް މައުލޫމާތު ދެމުން ބުނީ ކަރަންޓު ކެނޑިފައިވަނީ ބޮޑު ސަރަހައްދެއްގައި ނޫން ކަމަށާއި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރޯދަމަހަކީ އާންމު ގޮތެއްގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ މައްސަރަކަށް ވާއިރު، މި އަހަރުގެ މުލަރޯދަ ދިމާވީ ވިއްސާރަ ދުވަހަކާއެވެ. އެހެންވެ، އިއްޔެ ކަރަންޓު ބޭނުންކުރި މިންވަރު ދަށްވެފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
މީގެ އިތުރުން، މި ރޯދަމަހަށް މާލެ ސަރަހައްދުގައި ކަރަންޓު އިތުރަށް އުފެއްދޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށް މީގެ ކުރިން ސްޓެލްކޯއުން ބުނެފައިވެއެވެ.