ދުނިޔޭގެ އެކިކަންކޮޅުތަކުގައި ސެޓެލައިޓް އިންޓަނެޓް ފޯރުކޮށްދޭ ކުންފުންޏެއް ކަމަށްވާ ސްޓާލިންކުން އެއް މަހަށް ބޭނުންކުރެވޭނެ، 80 ޑޮލަރުގެ އަންލިމިޓެޑް އައު ޕްލޭނެއް ތައާރަފުކޮށްފިއެވެ.
މި "ރެސިޑެންޝަލް ލައިޓް" ޕްލޭނަކީ މިހާރު ޚިދުމަތް ދެމުންދާ 120 ޑޮލަރުގެ ރެސިޑެންޝަލް ޕްލޭނަށްވުރެ އަގުހެޔޮ ޚިދުމަތެކެވެ. ނަމަވެސް އައު ޕްލޭންގައި ސްޕީޑު ލިބެނީ 50-100 އެމްބީޕީއެސް އަށްވުރެ މަދުންނެވެ. މިއީ 120 ޑޮލަރުގެ ޕްލޭނުން ލިބޭ 150-200 އެމްބީޕީއެސްއަށްވުރެ މަދު މިންވަރެކެވެ.
ސްޓާލިންކުގެ އައު 80 ޑޮލަރުގެ ޕްލޭން ތައާރަފުކޮށްފައި ވަނީ އެމެރިކާގެ ބައެއް ސްޓޭޓުތަކަށެވެ. ނަމަވެސް ދުނިޔޭގެ ހުރިހާ ހިސާބަކަށް މި ޕްލޭން ވެސް ވަރަށް އަވަހަށް ތައާރަފުކުރާނެކަމަށް އެ ކުންފުނިން ބުނެއެވެ.
ސްޓާލިންކުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން، ގިނަ ބަޔަކު އޮންލައިންކޮށް އުޅޭ ވަގުތުތަކުގައި ރެސިޑެންޝަލް ލައިޓް ޕްލޭންގެ ކަސްޓަމަރުންނަށް ޚިދުމަތް ލިބޭނީ ސްޕީޑް ދަށްކޮށެވެ.
އެ ކުންފުނިން ބުނެފައިވާ ގޮތުގައި މި ޕްލޭނަކީ މަދުން އިންޓަނެޓް ބޭނުންކުރާ އަދި ކުދި ގޭބިސީތަކަށް އަމާޒުކޮށްފައިވާ ޕްލޭނެކެވެ.
ސްޓާލިންކަކީ ސްޕޭސްއެކްސްގެ ސެޓެލައިޓް އިންޓަނެޓް ޚިދުމަތެވެ. މިހާތަނަށް 125 ގައުމުގައި ފަސް މިލިއަނަށްވުރެ ގިނަ މީހުންނަށް މި ޚިދުމަތް ފޯރުކޮށްދެއެވެ.
ސްޕޭސްއެކްސްއިން 8000 އަށްވުރެ ގިނަ ސެޓެލައިޓް މިހާތަނަށް ލޯ އޯބިޓަށް ފޮނުވާފައިވެއެވެ. އޭގެ ތެރެއިން 6000 ސެޓެލައިޓް މިހާރު ދަނީ މަސައްކަތްކުރަމުންނެވެ.