މިދިޔަ އަހަރު 417 މީހުންނަށް ވާނުވާ ޖެހި، އަދިވެސް ތިބީ ބަންދުގައި

ގައިދީންތަކެއް: މިދިޔަ އަހަރު ޝަރީއަތް ނިމެންދެން ބަންދުކުރި، 417 މީހުން ޖަލުތަކުގައި އެބަ ތިބި ---- ފޮޓޯ/ ކަރެކްޝަނަލް ސާވިސް

މިދިޔަ އަހަރު 417 މީހުންނަށް ވާނުވާ ބަންދު ޖަހާފައި ވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޕީޖީން އާންމުކުރި އެ ރިޕޯޓުގައިވާ ގޮތުން، ވާނުވާ ބަންދުގައި ތިބި 417 މީހުންގެ ތެރެއިން 57 މީހުންނަކީ ޖާގައިގެ ދަތިކަމުގެ ސަބަބުން ރިމާންޑު ޖަލުތަކަށް ބަދަލު ނުކުރެވި ތިބި މީހުންނެވެ. އޭގެތެރެއިން، 21 މީހުން ތިބީ އަތޮޅު ތެރޭގައި ގާއިމުކޮށްފައިބާ ބަންދު މަރުކަޒުތަކުގައި ކަމަށް ޕީޖީން ބުނެފައިވެއެވެ.

އެ އޮފީހުން ބުނީ، ރިމާންޑު ޖަލުތަކަށް ބަދަލުނުކުރެވި ތިބި މީހުންގެ ތެރޭގައި ދިހަ މީހަކު 200 ދުވަހަށް ވުރެ ގިނަ ދުވަސް ބަންދުގައި ހޭދަކޮށްފައިވާ ކަމަށެވެ.

ރިމާންޑު ޖަލުތަކުގައި 'ވާނުވާ' ބަންދުގައި ތިބި މީހުންނަށް ބަލާއިރު، އެންމެ ގިނަ މީހުން ތިބީ މާފުށީ ޖަލުގައެވެ. މިގޮތުން، އެ ޖަލުގައި 285 މީހަކު ތިބިއިރު، ހުޅުމާލެ ޖަލުގައި ތިބީ 70 މީހުންނެވެ.

ޖަލުގައި ތިބި ގައިދީންތަކެއް އޮފިސަރުންތަކަކާއެކު: މިދިޔަ އަހަރު ޝަރީއަތް ނިމެންދެން ބަންދުކުރި، 417 މީހުން ޖަލުތަކުގައި އެބަ ތިބި -- ފޮޓޯ/ ކަރެކްޝަންސް

މީގެއިތުރުން، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި ދެމީހަކު ގޭ ބަންދުގައި ތިބި އިރު، ތިން ކުއްޖަކު ޖުވެނައިލް ޑިޓެންޝަން ސެންޓަރުގައި އެބަ ތިއްބެވެ.

ވާނުވާ ބަންދުގައި އެންމެ ގިނަ ދުވަސް ހޭދަކުރި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު މީހަކު، ބަންދުގައި ހަ އަހަރު ހޭދަކޮށްފައިވާ ކަމަށް ރިޕޯޓުން ދައްކައެވެ. އަށް މީހަކު ފަސް އަހަރު ބަންދުގައި ހޭދަކޮށްފައިވާއިރު، ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ 22 މީހަކު ޖަލުތަކުގައި އެބަ ތިއްބެވެ.

ތިރީސްނުވަ މީހަކު ތިން އަހަރަށް ވުރެ ގިނަ ދުވަސް ޖަލުގައި ތިބިއިރު، 69 މީހުން ބަންދުގައި ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ހޭދަކޮށްފައެވެ. ޕީޖީން ބުނީ، އެއް އަހަރު ދުވަހަށް ވުރެ ގިނަ ދުވަހު ޝަރީއަތް ނިމެންދެން ބަންދުގައި ތިބީ 83 މީހުން ކަމަށެވެ. އަދި، 192 މީހަކު އެއް އަހަރު ދުވަހަށް ވުރެ މަދު ދުވަސް ޖަލުގައި ވަނީ ހޭދަކޮށްފައެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މުއްދަތަށް 30 ދުވަސް ހަމަވާ މީހުންގެ ބަންދު މުރާޖާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.

އެގޮތުން، މައްސަލައިގެ ހާލަތަށް ބަލައި، ބަންދަށް ލުއި ދެވެން ހުރި މީހުންނަށް އެ އޮފީހުން ލުއި ދީފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.

ބަންދުގައި ތިބި މީހުންނަށް ލުއި ދިން ކަމަށްވިޔަސް، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތާއި ނުރައްކާތެރި ހަތިޔާރު ގެންގުޅުމުގެ ތުހުމަތާއި މީހުން މެރުމުގެ ތުހުމަތާއި މަސްތުވާތަކެތީގެ ނެޓުވޯކުތައް ހަދައިގެން ވިޔަފާރިކުރުން ފަދަ މުޖުތަމައުއަށް ނުރައްކަލެއް ވެދާނެ ކަމަށް ގަބޫލުކުރެވޭ ތުހުމަތުތަކެއް ހުރި މީހަކު ދޫކޮށްލާފައިވާ ނުވަ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.

comment ކޮމެންޓް