ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ގޯވިންދާގެ 37 އަހަރުވީ ކައިވެނި ރޫޅުނު ވާހަކައަކީ މިދިޔަ ހަފްތާގެ ތެރޭ, މީޑިއާގައި އެންމެ ބޮޑަށް ބަހުސްކުރެވުނު އެއް މައުޟޫއެވެ.
އިންޑިއާގެ އިތުރުން ބޭރުގެ ބައެއް މީޑިއާތަކުން ވެސް އެކި ގޮތްގޮތަށް މި ޚަބަރު ފެތުރި ނަމަވެސް ގޯވިންދާއާއި ސުނީތާ ވަކިކުރުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި ދެމަފިރިން އަދިވެސް ތިބީ އެކުގައި ކަމަށް ގޯވިންދާގެ އަންހެނުން ސުނީތާ އަހޫޖާ ބުނެފިއެވެ.
ސުނީތާ އާއި ގޯވިންދާގެ ކައިވެނީގައި މައްސަލަތަކެއްޖެހި ދެ މީހުން ވަރިވާން އުޅޭ ކަމުގެ އަޑުތައް ފެތުރުނީ ދާދިފަހުން ސުނީތާ މީޑިއާއަށް ދިން އިންޓަވިއުއަކާ ގުޅިގެންނެވެ. މި އިންޓަވިއުގައި ގޯވިންދާގެ އަންހެނުން ބުނެފައި ވަނީ ދެ މީހުން ދިރިއުޅެމުން އަންނަނީ ވަކިން ދެ ގެއެއްގައި ކަމަށެވެ.

ގޯވިންދާ އާއި އަންހެނުން ސުނީތާ ދެ ކުދިންނާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
ދެ ގެ އެއްގައި ދިރިއުޅުމަށް ނިންމީ ގޯވިންދާ ސިޔާސީ ދާއިރާއިން ކުރިއަށްދާން ނިންމުމާ ގުޅިގެން ގެއަށް ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީގެ މީހުންތައް ޒިޔާރަތްކުރުން ގިނަވުމާ ގުޅިގެންކަމަށް ސުނީތާ މި އިންޓަވިއުގައި ބުނެފައިވެއެވެ.
އޭގެ ސަބަބުން ސުނީތާ އަށާއި އަންހެން ދަރިފުޅު ޓީނާ އަހޫޖާއަށް މިނިވަންކަމާ އެކު ގޭގައި އުޅުމުގެ ފުރުސަތު ހަނިވުމުން އިތުރު ގެއެއް ގަނެ ވަކިން އުޅެން ނިންމީ ކަމަށް ސުނީތާ ވަނީ ބުނެފައެވެ.
ވަކިން ދިރިއުޅެމުން އަންނަ އެޕާޓްމަންޓް ހުންނަނީ ވެސް ކުރިން އުޅުނު ބަންގްލޯ ކުރިމަތީގައި ކަމަށާއި ސިޔާސީ މަސައްކަތްތައް ނިންމާލުމަށްފަހު ގޯވިންދާ ސުނީތާމެން ދިރިއުޅޭ އެޕާޓްމަންޓަށް އަންނަކަމަށް ވެސް މި އިންޓަވިއުގައި ސުނީތާ ވަނީ ބުނެފައެވެ.
ގޯވިންދާ އަކީ އަބަދުވެސް މީހުން އެއްކޮށްގެން އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަގުތު ހޭދަކުރާ ހިތްވާ މީހެއް ކަމަށާއި ނަމަވެސް ސުނީތާ އާއި ދެ ކުދިންނަކީ އެއާ ޚިލާފަށް މީހުންނާ މާގިނަ ވާހަކަދައްކާ ބައެއް ނޫންކަމުން ދެބައި މީހުން ވެސް ދެ ތަނެއްގައި ދިރިއުޅުމަކީ ވަރަށް ބޮޑަށް ދިރިއުޅުން ފަސޭހަވިކަމެއް ކަމަށް ސުނީތާ ވަނީ ބުނެފައެވެ.
ބަޔަކު ކިތަންމެ އުއްމީދެއް ކުރި ނަމަވެސް ސުނީތާ އާއި ގޯވިންދާގެ ގުޅުމަކީ އެހާ ފަސޭހައިން ނިމުމެއް ގެނެވޭނެ ގުޅުމެއް ނޫން ކަމަށާއި އެފަދަ ވާހަކަތައް ފަތުރާ މީހުންނަށް ދޭނެ ޖަވާބެއް ނެތް ކަމަށް ސުނީތާ ވަނީ ބުނެފައެވެ.
އިންޑިއާގެ އެންމެ މަގުބޫލު އެކްޓަރުންގެތެރޭ ހިމެނޭ 61 އަހަރުގެ ގޯވިންދާ އާއި ސުނީތާގެ ކައިވެނި ކުރެވުނީ ކެރިއަރުގެ ވަރަށް ކުރީކޮޅެވެ.