އިބްރާހީމާއި ޚުޝީގެ 'ނާދާނިޔާން' ޓްރެއިލާ ދައްކާލައިފި

ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާންގެ ދޮށީ ދަރިފުޅު ފިލްމު އިންޑަސްޓްރީއަށް ތައާރަފްވާ ފިލްމު "ނާދާނިޔާން"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

ފިލްމު އިންޑަސްޓްރީގެ ގިނަ ބައެއްގެ އިތުރުން ގާތް އެކުވެރިން (އިގީ)ގެ ނަމުން މުޚާތަބްކުރާ އިބްރާހީމް ބެލުންތެރިންނަށް ފެންނާނެ ފުރަތަމަ ފިލްމު "ނާދާނިޔާން"ގެ ބަތަލާއަކީ ކުރީގެ ފިލްމީތަރި ސްރީދޭވީގެ ހަގު ދަރިފުޅު ޚުޝީ ކަޕޫރެވެ.

ނެޓްފްލިކްސްއިން ގެނެސްދޭ ފިލްމު "ނާދާނިޔާން" ތައާރަފްކުރުމާއެކު މި ފިލްމުގެ ޓީޒާ އަދި ލަވަތަކަށް ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

މިހާރުގެ ޒުވާނުންނާ ގުޅޭ ކަހަލަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ "ނާދާނިޔާން"އަކީ ކޮލެޖުގައި ކިޔަވަމުން އަންނަ ދެ ޒުވާނެއްގެ މެދުގައި އުފެދޭ ލޯބީގެ ގުޅުމުގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

އިބްރާހީމް ފިލްމީތަރިން ކަމަށްވާ ޖުގަލް އަދި ދިއާ މިރުޒާއާ އެކު ފިލްމު "ނާދާނިޔާން"ގެ މަންޒަރެއްގައި--ފޮޓޯ/އޯޓީޓީޕްލޭ

ޝައުނާ ގޯތަމް ޑައިރެކްޓްކުރާ މި ފިލްމުން ދެ ތަރިންގެ މައިންބަފައިންގެ ރޯލްއިން ފެންނާނީ ސުނިލް ޝެޓީ، މަހިމާ ޗައުދަރީ، ދިއާ މިރުޒާ އަދި ޖުގަލް ހަންސްރާޖްއެވެ.

އިބްރާހީމާއި ޚުޝީގެ އޮން ސްކްރީން ޖޯޑު ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވަނީ އަންނަ ހުކުރު ދުވަހެވެ.

ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންސްގެ ވެބް ކޮންޓެންޓްތައް ގެނެސްދޭ ދަރުމެޓިކް އެންޓަޓެއިންމަންޓްގެ މި ފިލްމު ސްޓްރީމްކުރާނީ ނެޓްފްލިކްސްއިންނެވެ. ފިލްމު "ނާދާނިޔާން"އަކީ އިބްރާހީމް ބެލުންތެރިންނަށް ފެންނާނެ ފުރަތަމަ ފިލްމު ނަމަވެސް އޭނާ ވަނީ މި ފިލްމުގެ މަސައްކަތް ފެށުމުގެ މާކުރިން ދަރުމާގެ އެހެން ފިލްމެއްގެ މަސައްކަތް ވެސް ނިންމާފައެވެ.

ބަތަލާ ކާޖޮލް މުހިއްމު ރޯލްއިން ފެންނާނެ އެ ފިލްމުގެ ނަމަކީ "ސަރުޒަމީން"އެވެ. އިބްރާހީމް މި ފިލްމުގައި ކުޅެނީ ޒުވާން އަސްކަރީ އޮފިސަރެއްގެ ރޯލެވެ. މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ވަކި ތާރީޚެއް އަދި ނުނިންމައެވެ.

comment ކޮމެންޓް