ފިލްމު އިންޑަސްޓްރީގެ އެންމެ ކަމުނުދާ އަދި އެންމެ ހަޑި އުފެއްދުންތަކަށް "ރެޒީސް" އިން ދޭ މިދިޔަ އަހަރުގެ އެންމެ ކަމު ނުދާ ފިލްމުގެ އެވޯޑު، "މެޑޭމް ވެބް"އަށް ލިބިއްޖެއެވެ.
މާވެލްގެ ދުނިޔެއަށް ބިނާކޮށް ސޮނީއިން މިދިޔަ އަހަރު ނެރުނު ސުޕަހީރޯ ފިލްމު "މެޑޭމް ވެބް" އަކީ ގިނަ ބައެއްގެ މެދުގައި ބޮޑު ފާޑުކިޔުމެއް ރައްދުވި ފިލްމެކެވެ. އައިއެމްޑީބީގައި ފިލްމަށް 10 އިން ހަތަރެއްގެ ރޭޓިން އެއް ލިބުނު އިރު ރޮޓެން ޓޮމާޓޯސްގައި ފިލްމަށް ލިބިފައިވަނީ 100 އިން 11 އެވެ.
މި ފިލްމަށް އެތައް ބަޔަކު ޖޯކު ޖަހާފައިވާއިރު ފިލްމުގެ ބަޖެޓާއި ފިލްމުގެ ކޮލިޓީ އާ ނުގުޅޭ ކަމަށް ވެސް އެތައް ބަޔަކު ދިޔައީ ބުނަމުންނެވެ.
ނަމަވެސް ފިލްމަށް މިއޮތީ އެވޯޑެއް ލިބިފައެވެ. އެއީ އަހަރުގެ އެންމެ "ސަކަރާތް" ފިލްމުގެ އެވޯޑެވެ.
މި ކެޓަގަރީއަށް ވާދަކޮށްފައިވަނީ މެޑޭމް ވެބްގެ އިތުރުން "ބޯޑަލޭންޑްސް" އާއި "ޖޯކާ : ފޮލީ އަ ޑޫ" އާއި "މެގަލޯޕޮލިސް" އަދި "ރޭގަން"އެވެ.
މެޑޭމް ވެބްއަށް އިތުރު ދެ އެވޯޑެއް ވެސް ލިބިފައިވެއެވެ. އެއީ އެންމެ ކަމު ނުދާ ލީޑިން އެކްޓަރާއި ސްކްރީން ޕްލޭގެ އެވޯޑެވެ. އެގޮތުން ފިލްމުގެ އެކްޓަރު ޑަކޯޓާ ޖޯންސަންއަށް ވަނީ އެންމެ ކަމު ނުދާ އެކްޓަރުގެ އެވޯޑު ލިބިފައެވެ.
ލިސްޓުގެ ދެވަނައިގައި އުޅެނީ ޖޯކަރެވެ. އެގޮތުން ފިލްމުގެ ލީޑް އެކްޓަރު ވާކީން ފީނިކްސްއަށް ވެސް ކަމު ނުދާ އެކްޓުގެ އެވޯޑު ލިބިފައިވާއިރު އޭނާއާއި ލޭޑީ ގާގާގެ ޖޯޑަށް ވެސް އިތުރު އެވޯޑެއް ލިބުނެވެ.
މަޖަލަކަށް ދޭން ފެށި ރެޒީ އެންމެ ފުރަތަމަ ފަހަރަށް އާންމުކޮށްފައިވަނީ 1981 ވަނަ އަހަރެވެ. ގޯލްޑެން ރަސްބެރީ އެވޯޑްސްގެ ގޮތުގައި ދޭން ފެށި އެވޯޑު ވައިގައި ހިފައި މިހާރު ވަނީ ގިނަ ބަޔަކު އިންތިޒާރު ކުރާ އެވޯޑަކަށް ވެފައެވެ. މިއީ އަހަރުގެ އެންމެ ކަމު ނުދާ ފިލްމުތަކާއި އެކްޓުތަކަށް ފާޑު ކިޔުމުގެ ގޮތުން ދޭ އެވޯޑެކެވެ.