ދިވެހި ފިލްމުތަކަށް ބިޒީ އަހަރަކަށް ފަހު އޮލިމްޕަސް ހުސްކޮށް އޮތުމަށްފަހު މި އަހަރުގެ ފުރަތަމަ ފިލްމު އެޅުވުމަށް ތައްޔާރުވެއްޖެއެވެ.
މިދިޔަ އަހަރު ވެގެން ގޮސްފައިވަނީ ދިވެހި ފިލްމު އިންޑަސްޓްރީއަށް ބިޒީ އަހަރަކަށެވެ. ފިލްމަކަށްފަހު ފިލްމެއް އެޅުވިއިރު ތަފާތު އެކި ޖޯންރާގެ ފިލްމުތައް ވަނީ އާންމުންނަށް މިދިޔަ އަހަރު ފެނިގެން ގޮސްފައެވެ. ނަމަވެސް އެ ބިޒީކަމެއް އަދި މިއަހަރު ނުފެނެއެވެ.
މިއަހަރުގެ ފުރަތަމަ ފިލްމު އޮލިމްޕަހުގައި ދައްކަން ތައްޔާރުވަމުން އަންނަ އިރު މިއަހަރު އެންމެ ފުރަތަމަ ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މޫމިން ފުއާދު ލިޔެ، ޑައިރެކްޓު ކުރާ ފިލްމު، "އަބަދަށް" ފިލްމެވެ.
އަބަދަށް ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 28 ގައެވެ. ފިލްމު އިއުލާނުކޮށް ފިލްމުގެ ފުރަތަމަ ޓީޒަރު ވަނީ މިހާރު އާންމުކޮށްފައެވެ.
ޓީޒަރުން ފެނިގެން ދާ ގޮތުގައި ފިލްމަކީ ޑްރާމާ އަދި ތުރިލާ ފިލްމަކަށް ވެގެންދާނެއެވެ. ފިލްމުގައި އިޖުތިމާއީ މައްސަލަތަކެއް މައިގަނޑު ތީމަކަށް ހަދާނެކަމަށް ވެސް ޓްރެއިލަރުން އިޝާރާތް ކޮށްފައިވެއެވެ.
އަލަށް ނެރޭ މި ފިލްމުގެ ކާސްޓުންގެ ގޮތުގައި ހިމެނެނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އިސްމާއީ ރަޝީދު (ކޮޕީ އިއްސެ) އާއި ވާޝިޔާ މުހައްމަދުގެ އިތުރުން ޝާރިފް އަހުމަދު އަދި ސޫޒަން އިބްރާހީމްފުޅެވެ.
ނޫރު އެން މޫވީސްގެ ދަށުން ގެނެސްދިނުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ކާސްޓަކީ މީގެ ކުރީން ވެސް މޫމިންއާއެކު މަސައްކަތް ކޮށްފައިވާ ކާސްޓެކެވެ.
"ލޫދިފާ" އާއި "ގޮށްރާޅު" އަދި "ނިވައިރޯޅި" ފަދަ ފިލްމުތައް ގެނެސްދީފައިވާ މޫމިންގެ އާ ފިލްމުން ވެސް މިފަދަ ތީމުތަކެއް ފެންނަނެ ކަމަށް ބެލެވެއެވެ.
އަންނަ މަހު ފުރަތަމަ ފިލްމު އެޅުވުމަށް ހަމަޖެހިފައިވާއިރު މި އަހަރު އިތުރު ދެ ފިލްމެއް ރިލީޒްކުރާނެ ކަމަށް ބެލެވެއެވެ. މިއަހަރު ދެން ރިލީޒްކުރާނެ ކަމަށް ބެލެވެނީ ފާތިމަތު ނަހުލާގެ "ސޮރީ" އާއި ޑާކްރެއިން އެންޓަޓެއިންމެންޓްގެ "ޕްރޮޖެކްޓް 37" އެވެ. މިއިން އެއްވެސް ފިލްމެއް ރިލީޒް ކުރާނެ ތާރީހެއް އަދި އާންމުކޮށްފައެއް ނުވެއެވެ.