މެދުރާއްޖެތެރެއަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން ނެރުނު އޮރެންޖު ސަމާލުގެ ވަގުތު އިތުރު ކޮށްފިއެވެ.
ކުރިން އެ ސަމާލު ބ. އަތޮޅުން ފެށިގެން ދ.އަތޮޅާ ހަމައަށް ނެރުނީ މިރޭ 9:45 އިން ފެށިގެން މެންދަމު 2:00އާ ހަމައަށެވެ.
ނަމަވެސް، އެ ސަމާލު މިރޭ 12:00 އިން މެންދަމު 3:00އާ ހަމައަށް މެޓުން ވަނީ ދަންމާލާފައެވެ.
އިއްޔެއިން ފެށިގެން މާލެ ސަރަހައްދަށް ވިއްސާރަ ކުރަމުން އަންނައިރު، މާލޭގެ ގިނަ މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. ވިއްސާރަ އަލިވާނެ ކަމަށް މެޓުން ލަފާކުރަނީ، އަންނަ ހޯމަ ދުވަހަށެވެ.
އެ އިދާރާއިން ސަމާލު ނެރުނީ އެ އަތޮޅުތަކަށް ގުރުގުރުމާ އެކު، ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށްފައެވެ.
އޭގެއިތުރުން، ނ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ވެސް ވަނީ ހުދު ސަމަލު ނެރެފައެވެ. މި ސަމާލު ނެރެފައި ވަނީ، މިރޭ 9:00 ފެށިގެން މެންދަމު 2:00އާ ހަމައަށެވެ. އެ އަތޮޅުތަކަށް ވެސް ބޯކޮށް ވާރެވެހޭނެ ކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން އަންނަނީ މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެގެން، ތިން ސަރަހައްދެއްގައި ފެންހިންދުމަށް ހަރަކާތްތެރިވަމުންނެވެ. އެއީ، އައިޖީއެމްއެޗާއި ވެސްޓް ޕާކު އަދި މާފަންނު ފެރީ ޓަމިނަލް ސަރަހައްދުގައެވެ. އަދި، ވެލިބަސްތާ ޖެހުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި މާލެ އޭރިއާ ކޮމާންޑްގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.