ދިވެހި އަމިއްލަ ފަރާތެއްގެ އެހީގައި ބަންގްލަދޭޝްގެ ޗަކަރިޔާ އަވަށުގައި މިއަދު މިސްކިތެއް ހުޅުވި އިރު، މި މިސްކިތުގައި އެންމެ ފުރަތަމަ ބަންގި ގޮވީ އަލީ ރަމީޒެވެ.
މި މިސްކިތް ބަންގްލަދޭޝްގައި ބިނާކުރީ، ޚިދުމަތް ޖަމިއްޔާ މެދުވެރިކޮށެވެ.
މިކަމާ ގުޅިގެން ޚިދުމަތް ޖަމިއްޔާއިން ވަނީ ވީޑިއޯ މެސެޖެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. މި ވީޑިއޯގައި އަލީ ރަމީޒު ބުނީ، އޭނާ އެ ހުރީ ބަންގްލަދޭޝްގެ މާލްޑީވް މަސްޖިދް މަދަރުސާ ކޮމްޕްލެކްސްގެ ތިންވަނަ ފަންގިފިލާގައި ކަމަށެވެ.
މި ފަންގިފިލާ ޚާއްސަވެފައި ވަނީ މިސްކިތަކަށް ކަމަށް އޭނާ ބުންޏެވެ.
"މި މިސްކިތަކީ ފާއިތުވި ރަމަޟާން މަހު ޚިދުމަތް ޖަމިއްޔާގެ ފަރާތުން އިއުލާނު ކޮށްގެން ދިވެހި ރައްޔިތުންގެ އެހީތެރިކަމުގައި މިއަދު ހުޅުވިގެންދާ މިސްކިތެއް،" އޭނާ ބުންޏެވެ.
މިއަދަކީ މާލްޑީވް މަސްޖިދް މަދަރުސާ ކޮމްޕްލެކްސްގެ ދަރިވަރުންނަށާއި އެންމެންނަށް ވަރަށް އުފާވެރި ދުވަހެއް ކަމަށް އޭނާ ބުންޏެވެ.
"މުޅި މި އިމާރާތަކީ ވެސް ދިވެހި ރައްޔިތުންގެ އެހީތެރިކަމުގައި ބިނާކޮށްފައިވާ އިމާރާތެއް،" އޭނާ ބުންޏެވެ.
މި ވީޑިއޯގައި މާލްޑީވް މަސްޖިދް މަދަރުސާ ކޮމްޕްލެކްސްގެ ފަރާތުން ވެސް މީހަކު ވަނީ ވާހަކަ ދައްކާފައެވެ. އޭނާ ވަނީ އެ މަދަރުސާ ކޮމްޕެލެކްސްގެ ކަންކަން ފުރިހަމަކަމާއެކު ކުރިއަށްގެންދާތީ ޚިދުމަތް ޖަމިއްޔާއަށް ޝުކުރު އަދާކޮށްފައެވެ.
އަލީ ރަމީޒަކީ ދީނީ އަހުލުވެރިކަން އިތުރުކުރުމަށް ރާއްޖޭގައި މަސައްކަތްކުރާ ފަރާތެކެވެ. ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާ، ޖަމިއްޔަތުއް ސަލަފުގައި ވެސް އޭނާ ވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް، ދާދި ފަހުން އެ ޖަމިއްޔާއިން އަލީ ރަމީޒު ވަނީ އިސްތިއުފާ ދީފައެވެ. އޭނާ އަކީ އެ ޖަމިއްޔާގެ މުއައްސިސެއް ވެސްމެއެވެ.
އެ ޖަމިއްޔާއިން އިސްތިއުފާ ދިނުމަށްފަހު "މަންފާ"ގެ ނަމުގައި އަމިއްލަ ޖަމިއްޔާއެއް އޭނާ ވަނީ އުފައްދާފައެވެ.