ރޯދަމަހުގެ ފުރަތަމަ ދުވަހު މޭވާއާއި ތަރުކާރީގެ އަގުތަކަށް ބަދަލެއް ނާދޭ

ރޯދަމަހަށް ތައްޔާރުވުމަށް ތަރުކާރީ އާއި މޭވާ ގަންނަ މީހުން ވަނީ ބާޒާރުމަތި ފުރާލާފައި: މިދިޔަ ހަފުތާއާ އަޅައިބަލާއިރު، މޭވާއާއި ތަރުކާރީގެ އަގުތަކަށް ބަދަލެއް ނާދޭ -- ސަން ފޮޓޯ/ މުޙައްމަދު މާވީ

ރޯދަ މަސް ފެށުނު އިރުވެސް ބާޒާރުގެ އަގުތަކަށް ބަދަލެއް ނާންނަ ކަމަށް މާރުކޭޓުގައި ތަކެތި ވިއްކާ ވިޔަފާރިވެރީން ބުނެފިއެވެ.

ރޯދަ މަހު ބާޒާރުގައި ތަކެތީގެ އަގުތައް އުފުލޭނެ ކަމަށް ލަފާކުރެވޭ ކަމަށް މީގެ ކުރިން ވިޔަފާރިވެރިން ވަނީ ބުނެފައެވެ.

އެހެންނަމަވެސް، ދަތުރުވެރީންގެ މަރުކޭޓުގެ ގޮޅިއަކުން 'ސަން'އާ ވާހަކަދެއްކި އާދަމް މޫސާ ބުނީ، މިއަދަކީ މުލަ ރޯދަ ދުވަސް ކަމަށްވާއިރު، ބާޒާރުގައި އަގުތައް ހުރީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ހުރި ވަރުގައި ހިފެހެއްޓިފައި ކަމަށެވެ.

އެގޮތުން އާންމުކޮށް ކެއިންބުއިމަށް ބޭނުންކުރާ ބާވަތްތައް މިހާރު ވެސް ވިއްކަމުން އަންނަނީ މިދިޔަ މަހުގެ 20ހާ ހިސާބުގައި ވިއްކަމުން އައި އަގާ އެއް އަގެއްގައި ކަމަށް އޭނާ ބުންޏެވެ.

މާރުކޭޓުގައި ތަރުކާރީއާއި މޭވާގެ ބާވަތްތައް ލިބެން ހުރި އަގުތަކަށް ބަލާއިރު:

  • ލުނބޯ ކިލޯއެއް: 45 އާއި 50 ރުފިޔާއާ ދެމެދު
  • ޗައިނީސް ކިއުކަމްބާ ކިލޯއެއް: 45 ރުފިޔާއަށް
  • ކަރާ ކިލޯއެއް: 25 ރުފިޔާއަށް
  • ޓޮމާޓޯ ކިލޯއެއް: 25 ރުފިޔާއަށް
  • ދިވެހި މިރުސް ކިލޯއެއް: 220 ރުފިޔާއަށް
  • އަލުވި ކިލޯއެއް: 18އާއި 20 ރުފިޔާއާ ދެމެދު
  • ފިޔާ ކިލޯއެއް: 14އާއި 16 ރުފިޔާއާ ދެމެދުގައި
  • ތޮޅި މިރުސް ކިލޯއެއް: 175 ރުފިޔާއަށް
  • ތޮރާ ކިލޯއެއް: 35 ރުފިޔާއަށް
  • ޕެޝަން ފްރުޓް: 130 ރުފިޔާއަށް

މޭވާއާ ތަރުކާރީގެ އަގުތަކަށް އަދި ބަދަލެއް ނާދޭ -- ސަން ފޮޓޯ/ މުޙައްމަދު މާވީ

މީގެ އިތުރުން އަލުވި ކޭހެއް މިދިޔަ ހަފުތާއެކޭ އެއްގޮތަށް، 390 ރުފިޔާއަށް ލިބެން ހުރިއިރު، ބިސް ކޭހެއް މިހާރު ލިބެން ހުރީ 380 ރުފިޔާއަށެވެ. އަދި، ހިކަނދިފަތް ވިއްކަނީ ބޮނޑިއެއް 10 ރުފިޔާއަށެވެ.

އާދަމް ބުނީ މި ދުވަސްވަރު ބާޒާރުމަތީގައި އެންމެ ތިޔާގީ ފަތްޕިލާވެލީގެ ބާވަތްތައް ކަމަށެވެ.

އޭގެ ތެރެއިން ކުއްޅަފިލާ ފަތާއި ލެޓިއުސްފަތާއި ކޮޕީފަތުގެ އިތުރުން ކަންކުންފަތް ބާޒާރުމަތީގައި ތިޔާގިވެފައި ވާކަމަށް އޭނާ ވަނީ ބުނެފައެވެ. މިދިޔަ ހަފުތާއާ އަޅައިބަލާއިރު މި ބާވަތްތަކުގެ އަގަށްވެސް ބަދަލެއް ނާންނަ ކަމަށާއި މި ބާވަތްތައް ވިއްކަނީ 100 ގުރާމު 10 ރުފިޔާއަށް ކަމަށް އާދަމް ވަނީ މައުލޫމާތު ދީފައެވެ.

comment ކޮމެންޓް