ރޯދަމަހަށް ޑައިޓީޝަން އާސިގެ ލަފާ: ފޮނި ކާތަކެއްޗާއި ފަނި މަދުކޮށްލާ

ޑައިޓީޝަން އާސިޔާ އަބްދުލްރަހީމް: އޭނާ ވަނީ ރޯދަމަހު ފޮނި ކާތަކެއްޗާއި ފަނި މަދުކުރުމަށް ލަފާދެއްވައިފައި --

މިއަދަކީ ރޯދަމަހުގެ ފުރަތަމަ ދުވަސް ކަމަށްވާއިރު، މި މަހު ފޮނި ކާތަކެއްޗާއި ފަނި މަދުކުރުމަށް ޑައިޓީޝަން އާސިޔާ އަބްދުލްރަހީމް ލަފާދެއްވައިފިއެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް)ގެ ސީނިއާ ޑައިޓިޝަން އާސިޔާގެ އިރުޝާދުތަކާއެކު އެ ހޮސްޕިޓަލުން ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި އޭނާ ވިދާޅުވީ، ރޯދައަށް ހުރުމަކީ ރަނގަޅަށް ކުރެވިއްޖެ ނަމަ ސިއްހީ ގޮތުން ވަރަށް ގިނަ ފައިދާތަކެއް ކުރާ ކަމެއްކަމަށެވެ.

ރޯދައަށް ހުރުމުން ގިނަ ފައިދާތަކެއް ލިބޭ ކަމަށާއި އޭގެ ތެރޭގައި ހަށިގަނޑުން ވިހަ ނައްތާލުމާއި ސަރުބީ އެންދުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ރޯދަމަހު ކެއިން ބުއިމާއި ދިރިއުޅުމުގެ ވަށްޓަފާޅިޔަށް ގެނެވޭ ނޭދެވޭ ބަދަލުތަކެއްގެ ސަބަބުން ބަރުދަން އިތުރުވުމާއި، ފުރަމޭގައި ސަރުބީ ހިފުމާއި، ހަކުރު ކޮންޓޮރޯލުން ނެއްޓުމާއި، ހަށިގަނޑުން ފެން މަދުވުމާއި، ގޭސް މައްސަލަތައް ދިމާވުންފަދަ ސިއްހީ ބައެއް މައްސަލަތައް ދިމާވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެފަދަ މައްސަލަތަކުން ދުރުވުމަށް ޓަކައި، ރޯދަމަހު ކުރެވިދާނެ ބައެއް ކަންތައްތައް ވެސް އާސިޔާ ކިޔައިދެއްވިއެވެ.

އެގޮތުން އޭނާ ފާހަގަަ ކުރެއްވި ކަންކަމުގެ ތެރޭގައި:

  • އިސްރާފުކުރުން މަދުކުރުން
  • ކެއުމުގައި މެދުމިންވަރު އިޚްތިޔާރު ކުރުން
  • ހާރު ގަޑި ލަސްކުރުން
  • ރޯދަވީއްލާ ގަޑީގައި އަވަސް އަރައިގަނެގެން ނުކެއުން
  • ފަނީގެ ބާވަތްތަކާއި ފޮނީގެ ބާވަތްތައް މަދުކުރުން
  • ކެއުމުގައި ހިމަނަން ޖެހޭ ހުރިހައި ބާވަތެއް ހިމަނައިގެން ކެއުން

މީގެ އިތުރުން، ހަކުރު ބަލިފަދަ ބައްޔެއް ހުރިކަމަށް ވާނަމަ ޑައިޓީޝަނެއްގެ އިރުޝާދާ އެއްކޮށް ކެއިންބުއިން ބައްޓަންކުރުން ވަރަށް މުހިންމު ކަމަށް އާސިޔާ ވިދާޅުވިއެވެ.

comment ކޮމެންޓް