ސަލްމާންގެ ފިލްމު 'ސިކަންދަރު'ގެ ފުރަތަމަ ޓީޒާ ދައްކާލައިފި

ފިލްމު 'ސިކަންދަރު'ގެ ޓީޒާގެ މަންޒަރެއްގައި ސަލްމާން ޚާން--ފޮޓޯ/އެންޑީޓީވީ

މި އަހަރުގެ ފިޠުރު ޢީދާ ދިމާކޮށް ސިނަމާތަކަށް ގެނައުމުގެ މަސައްކަތް ފަށާފައިވާ ފިލްމު "ސިކަންދަރު"ގެ ފުރަތަމަ ޓީޒާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

މި ފިލްމަކީ ލީޑް ރޯލުން ސަލްމާން ޚާން އަދި ބަތަލާގެ ރޯލުން ސައުތު ސިނަމާގެ މަގުބޫލު ފިލްމީ ތަރި ރަޝްމިކާ މަންދަންނާ ބެލުންތެރިންނަށް ފެންނާނެ ފިލްމެކެވެ. ސަލްމާން މި ފިލްމުގައި ފެންނާނީ ޑަބަލް ރޯލްއިންނެވެ.

މި ދެ ތަރިންގެ އިތުރުން "ސިކަންދަރު"ގެ ކާސްޓުންގެތެރޭ ކާޖަލް އަގަރުވާލް، ޝަރުމަން ޖޯޝީ، ޕްރަތީކް ބައްބަރު އަދި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ބާހޫބަލީ"ގެ މަޝްހޫރު ކެރެކްޓަ ކަޓައްޕާގެ ރޯލް ކުޅުނު ސަތިއަރާޖް ހިމެނެއެވެ.

ފިލްމުގައި ސަތިއަރާޖް ފެންނާނީ ވަރަށް ވަރުގަދަ ސިޔާސީ ލީޑަރެއްގެ ރޯލްއިންނެވެ. ސަތިއަރާޖް ފިލްމުގައި ކުޅެނީ ވިލެންއެއްގެ ރޯލެވެ.

ސަލްމާން ޚާން ފިލްމު "ސިކަންދަރު"ގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ސާޖިދު ނަދިއަދުވާލާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްއިން ސާޖިދު ޕްރޮޑިއުސްކޮށް އޭއާރު މުރްގަދޯސް ޑައިރެކްޓް ކުރާ މި ފިލްމަކީ ވަރަށް ވަރުގަދަ އެކްޝަން ތުރިލާއެކެވެ. ފިލްމުގެ ޓީޒާ ރިލީޒްކުރުމާ އެކު ސަލްމާން ބުނެފައި ވަނީ މި ފިލްމަކީ ބެލުންތެރިން މުނިފޫހިފިލުވައިދޭނެ ފިލްމަކަށްވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

ސަލްމާން ލީޑް ރޯލް ކުޅެފައިވާ ފިލްމެއް އެންމެފަހުން ރިލީޒްކޮށްފައި ވަނީ 2023ވަނަ އަހަރެވެ. އެއީ ފިލްމު "ޓައިގާ 3" އަދި "ކިސީ ކާ ބާއި ކިސީ ކީ ޖާން"އެވެ. ސަލްމާން ވަނީ ވައިއާރްއެފްއިން އުފައްދާ "ޓައިގާ ވާސަސް ޕަތާން"އަށް ވެސް ސޮއިކޮށްފައެވެ.

ފިލްމު "ޕަތާން"ގެ ޑައިރެކްޓަރު ސިދާދު އާނަންދުގެ މި ފިލްމު އޮތީ ޕްރީ-ޕްރޮޑަކްޝަން މަރުހަލާގައެވެ.

comment ކޮމެންޓް