ކިއާރާ ބަލިވެއިންކަން އިއުލާނުކުރީ ލޯބި ޕޯސްޓަކުން

ސިދާތު އާއި ކިއާރާއަށް ކުއްޖަކު ލިބޭކަން އިއުލާނުކުރީ އިންސްޓަގްރާމް މެދުވެރިކޮށް--ފޮޓޯ/ޕިންކްވިލާ

ބޮލީވުޑްގެ މަގުބޫލު ފިލްމީ ތަރިން ކަމަށްވާ ސިދާތު މަލްހޯތުރާއާއި ކިއާރާ އަދުވާނީއަށް ކުއްޖަކު ލިބޭކަން އިއުލާނުކޮށްފިއެވެ.

ދެމަފިރިން ގުޅިގެން ކުރި އިންސްޓަގްރާމް ޕޯސްޓުގައި ބަތަލާ ކިއާރާ އަދުވާނީ ބަލިވެއިންކަން ހާމަކުރީ ތުއްތު ކުއްޖެއްގެ ލޯބި އިސްޓާކީނު ޖޯޑެއްގެ ފޮޓޯއާ އެކުއެވެ. މި ފޮޓޯގެ ކެޕްޝަންގައި ބުނެފައިވަނީ މިއީ ދިރިއުޅުމުގައި ލިބުނު އެންމެ އަގުހުރި ހަދިޔާ ކަމަށެވެ.

މި ޕޯސްޓާ އެކު ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު އަންނަނީ ސިދާތުގެ ދެމަފިރިންނަށް މަރުހަބާ ކިޔާފައެވެ. އޭގެ ތެރޭގައި، ފިލްމީތަރިން ކަމަށްވާ ކަރީނާ ކަޕޫރު ޚާން، ޝިލްޕާ ޝެޓީ، ޖެކްލީން ފެނާންޑެޒް، ވަރުން ދަވަން، ފަރުހާން އަޚްތަރު އަދި ފެޝަން ޑިޒައިނަރު މަނިޝް މަލްހޯތުރާ ހިމެނެއެވެ.

ސިދާތު އާއި ކިއާރާގެ ކައިވެނީގެ ތެރެއިން--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ކިއާރާއާއި ސިދާތުގެ ކައިވެނިކުރީ ގިނަ ދުވަސްތަކެއްވަންދެން ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހެވެ. ކިއާރާއާ ލޯބީގެ ގޮތުން ގުޅުމުގެ ކުރިން ސިދާތު ރައްޓެހިވެގެން އުޅުނީ ބަތަލާ އާލިއާ ބަޓްއާއެވެ.

ފިލްމު "ލަސްޓް ސްޓޯރީސް"އިން ބެލުންތެރިންގެ މެދުގައި މަގުބޫލުވި ބަތަލާ ކިއާރާއާއި ސިދާތުގެ ލޯބީގެ ގުޅުން ފެށުނީ "ލަސްޓް ސްޓޯރީ"ގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވުނު ޕާޓީއެއްތެރެއިން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދެ ތަރިން އެކީގައި ކުޅުނު ފިލްމު "ޝޭރުޝާހް"އަށްފަހު ސިދާތާއި ކިއާރާގެ ލޯބީގެ ގުޅުމުގެ ވާހަކަ ވަރަށް ބޮޑަށް މީޑިއާގައި ދެކެވެން ފެށިއެވެ. ނަމަވެސް، ކައިވެނި ކުރުމުގެ މުއްދަތު ކައިރީވީއިރު ވެސް ސިދާތާއި ކިއާރާ ދިޔައީ ދެ މީހުންގެ ގުޅުން މީޑިއާއަށް ސިއްރުކުރަމުންނެވެ.

ތެލުގޫ ފިލްމު "ގޭމް ޗޭންޖާ"އިން ބެލުންތެރިންނަށް އެންމެ ފަހުން ފެނުނު ބަތަލާ ބަލިވެއިންކަން އިއުލާނުކޮށްފައިވާއިރު މި އަހަރު ދެ ފިލްމެއްގެ މަސައްކަތް ވަނީ ފަށާފައެވެ.

އޭގެ ތެރޭގައި ކަންނާޑާ ފިލްމެއްގެ އިތުރުން ވައިއާރްއެފްގެ ސްޕައި ޔުނިވާސްއިން ގެނެސްދޭ "ވޯ 2" ވެސް ހިމެނެއެވެ. ރިޕޯޓުތައް ބުނާގޮތުން ޑައިރެކްޓަރު ފަރުހާން އަހްތަރުގެ ފިލްމު "ޑޮން 3"ގެ ބަތަލާއަކީ ވެސް ކިއާރާއެވެ.

comment ކޮމެންޓް