ރައީސް ޑރ. މުހައްމަދު މުއިއްޒު ހިންގަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ މަނިކުފާނުގެ ވެރިކަން ވެއްޓެންދިޔައިރު ހިންގެވި މަގުން ކަމަށާއި އެ އުޅުއްވަނީ ގޮތް ހުސްވެގެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް އެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޕީއެންސީން ވަނީ ގާނޫނުއަސާސީ އިސްލާހުކޮށްފައެވެ. އެކަމަކު، އެ އިސްލާހު ގާނޫނުއަސާސީގެ އަސާސްތަކާ ފުށުއަރާ ކަމަށް ބުނެ، ސުޕްރީމް ކޯޓުގައި އަންނަނީ ޝަރީއަތްކުރަމުންނެވެ.
އަޑުއެހުންތައް ކުރިއަށްދަނިކޮށް މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރަކު ވަކިކޮށް، ޖުމުލަ އަދަދު ފަހަކަށް ކުޑަކުރަން ހުށަހަޅާފައެވެ.
ސުޕްރީމް ކޯޓުން ދެ ފަނޑިޔާރު ވަކިކުރާ ބިލު މަޖިލީހުން ފާސްކުރިތާ ކުޑައިރުކޮޅެއް ފަހުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށްފައެވެ. ތިން ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް ޖޭއެސްސީގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (ޖޭއެސްސީ)ން ވެސް އަންނަނީ ބަލަމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: އެ މަނިކުފާނު ވިދާޅުވީ، ނަޝީދުގެ ވެރިކަން ވެއްޓެން ދިޔައިރު އެ މަނިކުފާނު ހިންގެވި މަގުން ރައީސް މުއިއްޒު ވެސް ހިންގަވަނީ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް
ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމީން ރޭ ވަނީ މި ސަރުކާރުން އަމަލުކުރައްވަނީ 'ވަރަށް މުޑުދާރުކޮށް' ކަމަށް ތުހުމަތުކުރައްވާފައެވެ.
އެ މަނިކުފާނު ވިދާޅުވީ، މީގެ ކުރިން 2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގެން ނަޝީދު ވެސް ގޮތް ހުސްވުމުން ދެން އުޅުއްވީ ޖުޑިޝަރީއާ ކުޅެން ކަމަށެވެ. ފެނިވަޑައިގަންނަވަނީ ރައީސް މުއިއްޒު ވެސް ހަމަ އެ މަގުން ހިންގަވާތަން ކަމަށް ވިދާޅުވެ، ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޚާއްސަކޮށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރުމުން ނުރުހުން ފާޅުކުރެއްވިއެވެ.
ސަސްޕެންޑުކުރި ތިން ފަނޑިޔާރުންނަކީ:
- ފަނޑިޔާރު ހުސްނުއްސުއޫދު
- ފަނޑިޔާރު މަހާޒް އަލީ ޒާހިރު
- ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު
"އެއް ވައްތަރު ކަންތައް އެނގޭތޯ، ރައީސް ނަޝީދު ޖުޑިޝަރީއަށް އަތްބާނައިގެން މި ކުރެއްވި ކަންތައްތަކެއް ކުރެއްވީ ރައީސް ނަޝީދުގެ ވެރިކަން ދިފާއުކުރަން އެ ނޫން ގޮތެއް ރައީސް ނަޝީދަށް ނުވިސްނުނީ. ގޯސް ހަދަމުން ހަދަމުން ގޮސް އޭގެ ތެރެއިން ނުކުންނާނެ ގޮތެއް ނޭނގުނީ،" ޔާމީން ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ނަޝީދު ޝަރުއީ ދާއިރާ އެއްކޮށް ބަދަލުކުރަން މަސައްކަތްކުރެއްވި ކަމަށާއި ކޯޓާ 'ކުޅުމަށް ފަހު' ދެން އުޅުއްވީ އިދިކޮޅުގައި އެންމެ ވަރުގަދައަށް އުޅުއްވި ބޭބޭފުޅުން ހައްޔަރުކުރަން ކަމަށެވެ. އެ މަނިކުފާނު ވެސް ހައްޔަރުކުރެއްވިކަން ފާހަގަކުރެއްވިއެވެ. ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރީ ވެސް އެ ކަމުގެ ތެރެއިން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ވެރިކަން ދިފާއުނުކުރެވިގެން ގޮސް ހަތަރު އަނގޮޅި ކަނަށް ގޮސްފައި، ހަމަ ރަނގަޅަށް އަނގޮޅި ޖެހުނީމާ ދެން ކުރެއްވި ކަމަކީ އެއީ. މިހާރު [ރައީސް މުއިއްޒަށް] މި އުޅެނީ އެހެންވެގެން،" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، ހަތް ފަނޑިޔާރުންނަކީ 'މެޖިކް ނަންބަރެއް' ކަމަށް އެ މަނިކުފާނު ވެސް ގަބޫލުނުކުރައްވާ ކަމަށެވެ.
ގާނޫނުއަސާސީން ފުރަތަމަ ސުޕްރީމް ކޯޓު އެކުލަވައިލީ ވެސް ފަސް ފަނޑިޔާރުންގެ މައްޗަށް ކަމަށާއި ފަހުން ނަޝީދު ދާއިމީ ސުޕްރީމް ކޯޓެއް އެކުލަވައިލިއިރު ހަތް ފަނޑިޔާރުން ނެންގެވީ އެ މަނިކުފާނު ބޭނުންފުޅުވި ފަނޑިޔާރުންތަކެއް ހިމަނުއްވަން ވެގެން ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން: ބެންޗުގެ ސައިޒް ފަހަކަށް ކުޑަކުރަން ވަނީ ފާސްކޮށްފައި --
އެ މަނިކުފާނުގެ ވެރިކަމުގައި ސުޕްރީމް ކޯޓު ބެންޗުގެ ސައިޒު ހަތަކުން ފަހަކަށް ކުޑަކުރީ ވެސް އެހެންވެ ކަމަށް ޔާމީން ވިދާޅުވިއެވެ. އެކަމަކު، އޭރާއި މިހާރުގެ ތަފާތަކީ އޭރު އެކަން ކުރެއްވީ ދުސްތޫރީ މައްސަލައެއްގެ މެދުތެރެއިން ނޫން ކަމަށާއި އެކަން ކުރެއްވީ ހަގީގަތުގައި ވެސް ނަންބަރު ފަހަކަށް ކުޑަކުރަން ބޭނުންފުޅުވެގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ހަތެއް އައި ގޮތް އަޅުގަނޑު މި ކިޔައިދެނީ. ރައީސް ނަޝީދު ބޭނުންވި ކަމުދާ ބަޔަކު ގެންނަވަންވެގެން އެއް ބަޔަކު މަދުކޮށްފައި ހަތަކަށް ހައްދަވާފައި ފަހުން ގެންނެވި ބަދަލުތަކެއް ގެންނަވާފައި، ކޯޓުގެ ތެރެއިން ރައީސް ނަޝީދާ ދެކޮޅަށް ކަމެއް ނުކުރެވޭވަރު އެންޝުއާ ކުރެއްވުން،" ޔާމީން ވިދާޅުވިއެވެ.
އޭގެ ފަހުން އެ މަނިކުފާނުގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރި އޭރުގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދު ވެސް ވަކިކުރީ ނެރުނު އަމުރާ ގުޅިގެން ނޫން ކަމަށާއި އެއީ އެ ބޭފުޅުންނާ ދެކޮޅަށް ހުރި ކޮރަޕްޝަންގެ ބޮޑެތި ހެކިތަކެއްގެ އަލީގައި ކޮންމެހެން ކުރަންޖެހިގެން ކުރި ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޔާމީންގެ ސަރުކާރު ނިމެން ދަނިކޮށް ފެބްރުއަރީ 1، 2018 ގައި އޭރު ޖަލުގައި ތިއްބެވި ގިނަ ސިޔާސީ ބޭފުޅުންތަކެއް ވަގުތުން މިނިވަންކުރަން އަމުރުކޮށް ސުޕްރީމް ކޯޓުން ވަނީ ރޭގަނޑުގެ ވަގުތުގައި ކުއްލި އަމުރެއް ނެރެފައެވެ. އެ އަމުރު ނެރުނީ އެއްވެސް އަޑުއެހުމެއް ވެސް ނުބާއްވައި، އެ މައްސަލަ ސުޕްރީމް ކޯޓުން ވެސް ނިންމިތާ އެތައް ދުވަހެއް ފަހުންނެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދު --- ސަން ފައިލް ފޮޓޯ
އެހެންވެ، އޭރު ރައީސްކަމުގައި ހުންނެވި ޔާމީން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވައި، ފަނޑިޔާރު އަލީ ހަމީދާއި އަބްދުﷲ ސައީދު ހައްޔަރުކޮށްފައެވެ. 'ސުޕްރީމް ކޯޓު ފުރާޅުން ޓިނު ނެގި'އޭ ކިޔަނީ އެ މައްސަލައިގައި ފަނޑިޔާރުން ހައްޔަރުކުރިއިރެވެ. އެ ފަނޑިޔާރުންނާ ދެކޮޅަށް ރިޝްވަތުގެ މައްސަލަ ބަލައި، ތަހުގީގަށް ފޯނު ނުދިން މައްސަލައިގައި އެ ދެ ފަނޑިޔާރުން ޖަލަށް ވެސް ލިއެވެ.
އެކަމަކު، ވެރިކަން ބަދަލުވުމުން އެ ހުކުމްތައް ވަނީ ބާތިލުކޮށްފައެވެ. ފަހުން އައި ސަރުކާރުތަކުން ވެސް އެ ދެ ފަނޑިޔާރުން 'ބާކީ ކުރީ' އެ ބޭފުޅުންނާ ދެކޮޅަށް އޭރު އެ ވަރުގެ ހެކިތަކެއް ހޯދާފައި ހުރުމުން ކަމަށް ޔާމީން ގަބޫލުކުރައްވައެވެ.
އޭގެ ފަހުން އެ ބޭފުޅުންގެ ބަދަލުގައި ފަނޑިޔާރުން އައްޔަންކުރެއްވީ ވެސް ގާބިލުކަމަށް ބައްލަވައިގެން ކަމަށް ޔާމީން ގަބޫލުކުރައްވައެވެ.
"މުޅި ޖުޑިޝަރީ ބަދަލުކުރައްވަން މަސައްކަތްކުރެއްވި ހަމައެކަނި ދިވެހިރާއްޖޭގެ ލީޑަރަކަށް ހުންނެވީ ރައީސް ނަޝީދު،" ޔާމީން ފާޑު ވިދާޅުވިއެވެ.

ކުރީގެ ރައީސް ނަޝީދާއި ރައީސް މުއިއްޒު: ޔާމީން ވިދާޅުވީ، ނަޝީދު ވެސް އުޅުއްވީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ވެރިކަން ދިފާއުކުރަން ކަމަށާއި ރައީސް މުއިއްޒު ވެސް ހިންގަވަނީ އެ މަގުން ކަމަށް -- ފޮޓޯ/ މަޖިލިސް
އެ މަނިކުފާނު ވިދާޅުވީ، ނަޝީދު ވެސް އެ ގޮތަށް އަމަލުކުރެއްވީ ވެރިކަން ދިފާއުކުރަން ކުރައްވަމުން ގެންދެވި ކަންކަމުގެ ތެރެއިން 'ދެން އަންނާނީ ސުޕްރީމް ކޯޓުގެ އަމުރުތަކެއް' ކަމަށް ހީފުޅު ކުރައްވައިގެން ކަމަށެވެ. އެކަމަކު، އޭގެ ކުރީގައި ފެބްރުއަރީ 7، 2012 ގައި ނަޝީދު އަމިއްލަފުޅަށް ވެރިކަމުން އިސްތިއުފާ ދެއްވީ ކަމަށް ޔާމީން ވިދާޅުވިއެވެ.
މިހާރު ރައީސް މުއިއްޒު ވެސް ކަންތައް ކުރައްވަނީ އެ މަގުން ކަމަށް ޔާމީން ގަބޫލުކުރައްވައެވެ.
ސުޕްރީމް ކޯޓުގައި ތިއްބެވި ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފަށައި، ސަސްޕެންޑުކުރިއިރު ޖަވާބުދާރީވާން ފުރުސަތު ނުދެއްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަމުދުން ވަގުތީ އަމުރާ މެދު ގޮތެއް ނިންމަން 10 ވަރަކަށް މިނެޓަށްވެފައި އޮއްވައި އެކަން ކުރީ 'ގޮތް ހުސްވެގެން' ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، ފަނޑިޔާރު ސުއޫދާ ގުޅޭ ގޮތުން ވެސް ބައްލަވަނީ 2022 ވަނަ އަހަރު ހިނގައިދިޔަ ކުޑަކުޑަ ކަމެއްގެ މައްސަލަ ކަމަށެވެ. ފަނޑިޔާރު އަޒްމިރަލްދާއާއި މަހާޒްގެ މައްސަލަ ވެސް އޭސީސީން ބަލައި ކަމަށް ބުނި ނަމަވެސް ތަފުސީލެއް ހާމަކުރާތީ ވެސް އެ މަނިކުފާނު ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ.
ޔާމީން: އެ މަނިކުފާނު ވިދާޅުވީ، ރައީސް މުއިއްޒު ހުންނެވީ ގޮތް ހުސްވެފައި ކަމަށް -- ސަން ފޮޓޯ/ އަމަން ލަތީފް
"މި ކަހަލަ ކަންކަން ނަގައިގެން އެ ބޭފުޅުން ގަންހިންގަން ނޫޅޭށޭ،" ފަނޑިޔާރުން ވަކިކުރާވަރުގެ ބޮޑު މައްސަލައެއް މިހާރު ސަސްޕެންޑުކޮށްފައި ތިއްބެވި ތިން ފަނޑިޔާރުންގެ ކިބައިން ނުފެންނަކަން ފާހަގަކުރައްވަމުން ޔާމީން ނުރުހުން ފާޅުކުރެއްވިއެވެ.
"އަޅުގަނޑެއް ހަމަ އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރާނަން މަހާޒާއި އަޒްމިރަލްޑާގެ ކޮރަޕްޝަންގެ މައްސަލައެއް އޮވެދާނެ ކަމަކަށް. ޓްރަމްޕްޑް އަޕް ޗާޖަސްތަކެއް ގެނެވިދާނެ. އެއީކީ މީހުން އަތުން ފައިސާ ނަގައިގެން ވަކި ގޮތަކަށް މައްސަލަ ނިންމާ ވަރަށްވުރެ މާ އިންޓެގްރިޓީ ވަރުގަދަ ބޭފުޅުން،"
ޔާމީން ވިދާޅުވީ، ފަނޑިޔާރުންތަކެއް ސަސްޕެންޑުކުރަން ޖެހޭ ވަރުގެ ބޮޑު މައްސަލައެއް ރައްޔިތުންނަށް ނުދެއްކޭ ކަމަށެވެ. ޚާއްސަކޮށް، ސަރުކާރާ ގުޅޭ ދުސްތޫރީ ބޮޑު މައްސަލައެއް ކޯޓުގައި އޮއްވައި އެކަން އެގޮތަށް ކުރައްވައިގެން ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މީގައި ވެގެން އުޅޭ ގޮތަކީ [ރައީސް] މުއިއްޒު ގޮސް ހަމަ ކުޑަކަކޫ ޖެހޭ ގޮތް ވަނީ،" ރައީސް މުއިއްޒު ވެސް މިހާރު ހިންގަވަނީ ކުރީގެ ރައީސް ނަޝީދު އެ މަނިކުފާނުގެ ވެރިކަން ނިމެންދިޔައިރު ހިންގެވި މަގުންކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވިއެވެ.
"ހަމަ ރައީސް ނަޝީދުގެ ސިންޑްރޯމަށް [ރައީސް] މުއިއްޒު ސިންޑްރޯމް ބަދަލުވެގެން މި ދިޔައީ އެނގޭތޯ،"

ފެބްރުއަރީ 7، 2012 ވަނަ ދުވަހުގެ މެންދުރު ރައީސް އޮފީހުގައި ނަޝީދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން: އެ ބައްދަލުވުމުގައި ނަޝީދު ވަނީ ވެރިކަމުން އިސްތިއުފާދެއްވިކަން އިއުލާނުކުރައްވާފައި -- ފޮޓޯ/ ރައީސް އޮފީސް
ނަޝީދުގެ ވެރިކަން ނިމުނީ އެ ސަރުކާރުން ކުރި ބައެއް ކަންކަމާ ދެކޮޅަށް އޭރުގެ އިދިކޮޅު ލީޑަރުން ސިލްސިލާ ގޮތެއްގައި ކުރަމުންދިޔަ އިހުތިޖާޖުތައް ނުހުއްޓުވި، އެ އިހުތިޖާޖުތަކުގައި ބައެއް ފުލުހުންނާއި ސިފައިން ވެސް ބައިވެރިވެގެންނެވެ. މާލޭގެ ހާލަތު ގޯސްވެ، ފެބްރުއަރީ 7، 2012 ގައި ނަޝީދު އަމިއްލަފުޅަށް އިސްތިއުފާދެއްވީއެވެ.
އެއީ، ބަޣާވާތެއް ކަމަށް އެމްޑީޕީން ބުނި ނަމަވެސް އެ މައްސަލަ ތަހުގީގުކުރަން އުފެއްދި ކޮމިޝަނުން ނެރުނު ކޯނީ ރިޕޯޓުގައިވަނީ އެއީ ބަޣާވާތެއް ނޫން ކަމަށް ނިންމައިފައެވެ.