މާލޭގައި އުޅޭ ބުޅާތައް ގެންދިއުމަށް ހަދާފައިވާ ކެޓް ޝެލްޓަރު، "އޮޅުހިޔާ" ފެސިލިޓީއަށް މިއަދު ބުޅާތައް ގެންދަން ފަށައިފިއެވެ.
މާލޭގައި ބުޅާ ގިނަވެ، ބުޅަލުގެ އުނދަގޫ ބޮޑުވުމުގެ ސަބަބުން އެ ތަކެތި ފެސިލިޓީއަކަށް ގެންދިއުމަށް ހުޅުމާލެ ދެވަނަ ފިޔަވައްސާ ގުޅިފައި އޮތް ފަރުކޮޅުފުށީގައި ބުޅާ ފެސިލިޓީއެއް ސިޓީ ކައުންސިލުން ވަނީ ގާއިމްކޮށްފައެވެ. މި ފެސިލިޓީ ހުޅުވީ މިދިޔަ ނޮވެންބަރު މަހުގެ ދެވަނަ ދުވަހެވެ.
ބުޅާތައް ފެސިލިޓީއަށް ގެންދިޔުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށަން ތައްޔާރުވެފައި ވަނިކޮށް، އެގްރިކަލްޗާ މިނިސްޓްރީން ވަނީ އެ ފެސިލީޓީ ސަރުކާރާ ހަވާލުކުރުމަށް އެދިފައެވެ. އެއީ އެ މިނިސްޓްރީން ފުރިހަމަ ކުރަން ބުނި ބައެއް މަސައްކަތްތައް ކައުންސިލުން ކޮށްފައި ނުވާތީ ކަމަށް ބުނެއެވެ.
އެއާއެކު މިދިޔަ ޑިސެންބަރު ހަތަރެއްގައި ސިޓީ ކައުންސިލުން ނިންމީ، ފެސިލިޓީ އެޅުމަށް ކުރި ޚަރަދު ހޯދާގޮތަށް އެގްރިކަލްޗާ މިނިސްޓްރީއާ އެ ތަން ހަވާލުކުރާށެވެ. އެހެން ނަމަވެސް އޭގެ ފަހުން އެގްރިކަލްޗާ މިނިސްޓްރީން އޮޅުހިޔާއާ ހަވާލުނުވެ ގިނަ ދުވަސްވާތީ ސިޓީ ކައުންސިލުން އައީ އެ ކަމުގެ ކަންބޮޑުން ފާޅު ކުރަމުންނެވެ. އެއަށްފަހު ދެމަސްފަހުން، މިދިޔަ ބުދަ ދުވަހު މިނިސްޓްރީން ވަނީ އެތަނާ ހަވާލުވެފައެވެ.
އެކްރިކަލްޗާ މިނިސްޓްރީން މިއަދު 'އެކްސް'ގައި ކުރި ޕޯސްޓުގައި ބުނީ އޮޅު ހިޔާ ފެސިލިޓީއާ އެ މިނިސްޓްރީން ހަވާލުވިތާ އެންމެ 16 ގަޑިއިރުތެރޭ މިނިސްޓްރީގެ ޓީމުން އައު ކަރަންޓީނު ސަރަޙައްދަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް އެންމެހާ ކަންކަން ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް، 15 ބުޅާ އެތަނަށް ގެނެވިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އަދި އެކަން ހާސިލް ކުރެވުނީ މިނިސްޓްރީގެ ޓާސްކް ފޯހުން ހުއްޓުމެއްނެތި ކުރި މަސައްކަތާއި، ހިތްވަރާއިއެކު އެއްބާރުލުން ދެއްވި އެންޖީއޯތަކުގެ މިންނެތް މަސައްކަތުގެ ސަބަބުން ކަމަށް މިނިސްޓްރީން ބުންޏެވެ.
މާލޭގެ އެކި ސަރައްހައްދުތަކުގައި ބުޅާ ގިނަވެފައިވާއިރު އޭގެ ސަބަބުން މަގުމަތީ ހިނގާބިނގާވެ އުޅޭ މީހުންނަށް ވެސް ދައްޗާ ކުރިމަތިވެއެވެ.
އެ ގޮތުން ފަރުކޮޅުފުށީގައި ކެޓް ޝެލްޓާ ގާއިމުކޮށްފައި އެ ވަނީ އެޗްޑީސީއިން ކައުންސިލަށް ދޫކުރި 5،000 އަކަފޫޓުގެ ބިމެއްގައެވެ.