ރޯދަވެރިޔާ ދުރުވާންޖެހޭ ކަންތައްތަކުން ދުރުނުވާނަމަ، ހަމައެކަނި ކެއިންބުއިމާ ދުރުވެގެން ހުރުމުގެ ބޭނުމެއް ނެތް: ޚުތުބާ

އިސްލާމިކް މަރުކަޒުގައި ހުކުރު ނަމާދު ކުރުން: ޚުތުބާގައި ބުނީ ރޯދަވެރިޔާ ދުރުވާންޖެހޭ ކަންތައްތަކުން ދުރުނުވާނަމަ، ހަމައެކަނި ކެއިންބުއިމާ ދުރުވެގެން ހުރުމުގެ ބޭނުމެއް ނެތް ކަމަށް -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ރޯދަވެރިޔާ ދުރުހެލިވާންޖެހޭ ކަންތައްތަކުން ދުރުހެލިނުވާނަމަ، ހަމައެކަނި ކެއިންބުއިމާ ދުރުހެލިވެގެން ހުރުމުގެ ބޭނުމެއް ނެތް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ "ރޯދަވެރިޔާ އަމަލުތައް ބަހައްޓާންވީ ގޮތް"، މި މައުޟޫއުގެ މައްޗަށެވެ.

ޚުތުބާގައި ބުނީ ބަރަކާތްތެރި ރަމަޟާން މަހަކީ ކީރިތި ޤުރްއާން ބާވައިލެއްވުނު މަސްކަމަށާއި، އެ މަހު ހިފާ ރޯދައާއި ކުރާ ހެއު އަމަލުތަކުގެ ދަރުމަ އެތައް ގުނައަކަށް އިތުރުވެގެންވާނެ ކަމަށެވެ. އެންމެ ރެއެއްގެ އަޅުކަން، އެއްހާސް މައްސަރަށް ވުރެ ހެޔޮވެގެންވާ ރެއެއް އެ މަހުގައިވާ ކަމަށާއި އެއީ ނަރަކައިން ދިންނެވުމުގެ މަސް ކަމަށް ވަނީ ބުނެފައެވެ. އަދި އެ މަހަކީ ހެޔޮ އަމަލުތަކަށް މަގުފަހިވާ މަސް ކަމަށާއި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ބަންދުކުރެވި، ޝައިޠާނުން ކަސްތަޅުއެޅުވޭ އަދި ނުބައިކަންތަކަށް ހުރަސްއެޅޭ މަސް ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ ރޯދައަކީ ހުރިހައި މާނައެއްގައިމެ ކުށްތަކާއި، ފާފަތަކަށް އަރައިގަތުމުން ނަފުސު ރައްކާތެރިކޮށްދޭ އަޅުކަމެއް ކަމަށެވެ. އަދި ރޯދަމަހަކީ، ތަޤުވާވެރިކަމުގެ މަސް ކަމަށާއި، ރޯދަހިފުން މާތްﷲ ވަނީ ފަރުޟުކުރައްވައިފައި ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ރޯދައިގެ މައިގަނޑު މަގުސަދަކީ ތަގުވާވެރިވުންކަން ފާހަގަކުރައްވައި ޚުތުބާގައި ބުނީ ތަގުވާގެ މާނައިގައި، ހެޔޮ އަމަލުކުރުމާއި، އެންމެހައި ފާފަތަކާ ދުރުހެލިވުން ހިމެނޭ ކަމަށެވެ. އަދި ރޯދައަކީ ކެތްތެރިކަމުގެ މަތިވެރި ތަމްރީނެއް ކަމަށާއި ރޯދަވެރިޔާ ކުރުމަށް އާދަވެފައިވާ ދުނިޔެވީ އެދުންތަކާ ނަފުސު ދުރުކުރުމަށް ލިބޭ ތަރުބަވީ ފިލާވަޅެއް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

"މުޅި ދުވާލު ކެއިންބުއިމުން އެއްކިބާވެ ހުރުމުގެ ސަބަބުން، ދުނިޔޭގެ އެދުންތަކާ ދުރުވެ، ދަހިވެތިކަން ކުޑަވެ، ރޫޙާނީ ބާރު އިތުރުވޭ. ރޯދައިގެ ފުރިހަމަ ދަރުމަ ލިބޭނީ ފާފައިގެ އިތުރަށް، ނޭދެވޭ ކަންތަކާ ވެސް ދުރުހެލިވެގެން. ނުބައި ބަސްތައް ބުނުމާއި، އެ ފަދަ އަމަލުތައް ކުރުން ހުއްޓައިލައިގެން. އަރައިރުންވުމާއި، ޒުވާބުކުރުމުން ދުރުހެލިވެގެން،" ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ ރޯދަވެރިޔާ ދުރުހެލިވާންޖެހޭ ކަންތައްތަކުން ދުރުހެލިނުވާނަމަ، ހަމައެކަނި ކެއިންބުއިމާ ދުރުހެލިވެގެން ހުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.

"ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައިވޭ. އެ މީހެއްގެ ރޯދައިން، ބަނޑުހައި ހޫނުކަން ނޫން އެހެން ކަމެއް ނުލިބޭ ކިތައް ރޯދަވެރީން ވޭހެއްޔެވެ؟ މި ޙަދީޘުގެ މުރާދަކީ، ރޯދައަށް ތިބޭ މީހުންގެ ތެރޭގައި އެ ފަދަ މީހުން ވަރަށް ގިނަ،" ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން ދޮގުހެދުމާއި، ދެބައޮޑުވުމާއި، ނެތިމޮށުމާއި، މަކަރުހެދުން ފަދަ އަމަލުތައްކުރާ މީހާގެ ރޯދަ ނުގެއްލުނެއް ކަމަކު، އެ ރޯދައިން މާބޮޑު ފައިދާއެއް ނުކުރާނެ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ޝަރީޢަތުގައި ރޯދަ ގެއްލޭ ކަންތައްތަކެއް ހުރިއިރު އޭގެ ތެރެއިން ބައެއް ކަންކަމަކީ:

  • ގަދަކަމުން ހޮޑުލުން
  • ކެއިންބުއިން
  • ޖިމާއުވުން
  • މުޅި ދުވާލު މަސްތުގެ ހާލަތުގައި ހުރުން

އިސްލާމިކް މަރުކަޒުގައި ހުކުރު ނަމާދު ކުރުން -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ނަމަވެސް ރޯދައަށް ހުރިކަން ހަނދާންނެތި އެއްޗެއް ކެވުނަސް އަދި ފެންފޮދެއް ބޮވުނަސް އޭނާގެ ރޯދައެއް ނުގެއްލޭނެ ކަމަށާއި އަނެއްބައި ކަންކަމަކީ ރޯދަވެރިޔާގެ އިޚުތިޔާރެއް ނެތި ކުރިމަތިވާ ކަންކަން ކަމަށް ޚުތުބާގައި ބުންޏެވެ. އެއީ މުޅި ދުވާލު ހޭނެތިފައި އޮތުމާއި، ޙައިޟުވެރިކަމާއި ނިފާސްވެރިކަމެވެ.

ރޯދަމަހަކީ މުސްލިމުންގެ ހުރިހައި ޢަމަލެއް އެންމެ ހެޔޮ ގޮތުގައި ބަހައްޓާންޖެހޭ މަސްކަން ފާހަގަކޮށް ޚުތުބާގައި ވަނީ ހެޔޮ އަމަލުތައް ކުރަން ގޮވާލައިފައެވެ. އޭގެ ތެރޭގައި..

  • ރަޙިމުގެ ގުޅުން ދެމެހެއްޓުން.
  • ނިކަމެތީންނަށް އެހީވުން.
  • ނަމާދުކުރުން.
  • ކީރިތި ޤުރްއާން ކިޔެވުން.
  • ދަމުނަމާދުކުރުން.
  • އިޢުތިކާފުކުރުން.
  • ގޭތެރޭގައި ކުރާން ޖެހޭ މަސައްކަތް ވަކި ބަޔަކަށް ނުޖައްސައި، އެ ކަންކަމުގައި އެކަކު އަނެކަކަށް އެހީތެރިވުން.
  • ވިޔަފާރިވެރީން އެ މީހުންގެ މުދަލުގެ އަގުތައް ކޮންޓުރޯލުކުރުން.

ރޯދަމަހަކީ ހަށިގަނޑަށް ފައިދާ ހުރި، ހަލާލު ތަކެތި ކެއުމަށް ބާރުއަޅާންޖެހޭ މަހެއް ކަމަށާއި ނަމަވެސް ކެއިންބުއިމުގައި އިސްރާފުކޮށްގެން ނުވާނެ ކަމަށް ޚުތުބާގައި ބުންޏެވެ. އަދި އެއީ މާތް ﷲ ނުހަނު ބޮޑަށް ކޯފާވެވޮޑިގެންވާ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.

"ރޯދައިގެ މަގުސަދަކީ، ދުންޔަވީ އެންމެހައި އެދުންތަކުން ނަފުސު ޠާހިރުކޮށް، އުޚްރަވީ ޙަޔާތުން ލާބަހޯދުންކަން ތިޔަބައިމީހުން ދަންނާށެވެ! މި ބަރަކާތްތެރި މައްސަރުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ޙާޞިލުކުރެވޭތޯ މަސައްކަތްކުރާށެވެ! އަދި ވޭތުވެދިޔަ ދުވަސްތަކުގައި، ފަރުވާކުޑަކުރެވުނު ކަންތައްތައް އިޞްލާޙުކޮށް، ރަމަޟާންމަހުގެ ދުވަސްތަކުގައި، އޭގެ ހިސާބެއް ނެތް ރަޙުމަތާއި، މަޣުފިރަތާއި، ރުއްސެވުން ޙާޞިލުކުރުމަށް ޢަޒުމު ކަނޑައަޅާށެވެ!،" ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

ރަމަޟާން މަސް ފާއިތުވުމުގެ ކުރީން، އެ މަހުން ފައިދާ ޙާޞިލުނުކުރެވުނު މީހަކަށްވުރެ، ވަކީން ބޮޑު އަބާއްޖަވެރިޔަކު ނުހުންނާނެ ކަމަށް ބުނެ ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

comment ކޮމެންޓް