ރައީސް މުއިއްޒު އުޅުއްވަނީ 2028 ގައި އިންތިޚާބެއް ނުބާއްވަން: ފައްޔާޒު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް: ވިދާޅުވީ ރައީސް މުއިއްޒު އުޅުއްވަނީ ހުދުމުޚުތާރު ވެރިކަމެއްކޮށް، އިންތިޚާބެއްވެސް ނުބާއްވަން ކަމަށް -- ފޮޓޯ/ އެމްޑީޕީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އުޅުއްވަނީ ހުދުމުޚުތާރު ވެރިކަމެއް ކުރައްވައި، ދިވެހިރާއްޖޭގައި އިންތިޚާބެއް ވެސް ނުބާއްވަން ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ފައްޔާޒް ވިދާޅުވީ، މިއަދު އެންމެން ވެސް ތިބީ ގާނޫނުއަސާސީއެއް އަލުން ހޯދަން އޭރު ނުކުތް ދުވަހު ތިބި ހާލަތަށް ވުރެ ވެސް ދެރަ ހާލަތެއްގައި ކަމަށެވެ.

"[ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް] އިބޫ ނޫންގޮތެއް ހޯދައިގެން މި ތިބީ. އަޅުގަނޑުމެން މިތިބީ އިބޫ ނޫންގޮތެއް ހޯދައިގެން. ވަރަށް ރީތިވެއްޖެނޫންތޯ؟ އާދެ އިބޫ ނޫން ގޮތެއް ހޯދަން ނުކުންނެވި ބޭފުޅުން މިތިބީ މި ގައުމު މުއިއްޒު [ރައީސް ޑރ. މުހައްމަދު މުއިއްޒު] ކޮށްލައްވައިގެން،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، ރައީސް މުއިއްޒުގެ ވިސްނުން ހުންނަވަނީ 2013 ވަނަ އަހަރު ސުޕްރީމް ކޯޓުން ގައިޑްލައިންތަކެއް ނެރެ، އިންތިޚާބު އޮޅައިލި ހިސާބަށް އަނެއްކާ ވެސް ގެންދިއުމަށް ކަމަށެވެ. ސަބަބަކީ މިއަދު ވޯޓެއް ނެގި ނަމަވެސް ރައްޔިތުން އެ މަނިކުފާނަށް ނޫނެކޭ ބުނާނެތީ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"މުއިއްޒުގެ ވިސްނުން އެހުރީ ހުދުމުޚުތާރު ވެރިކަމެއްކޮށް، ކުރިއަށް އޮތް ތަނުގައި ދިވެހިރާއްޖޭގައި އިންތިޚާބެއް ވެސް ނުބޭއްވުން. އިންތިޚާބެއް ނުބޭއްވުމަށް 2013ގައި ސުޕްރިމް ކޯޓުން ގައިޑްލައިންތަކެއް ނެރެ އިންތިޚާބު އޮޅާލީ. އެ ދިމާލަށް ގެންދެވުމުގެ ވިސްނުމުގައި މިއަދު މުއިއްޒު އެ ހުންނެވީ. ކަނޑައެޅިގެން އެބަ އެނގޭ ސައްހަ ވޯޓެއް ލައިފިއްޔާ ދިވެހި ރައްޔިތުން މިއަދު ވޯޓު ނުދޭނެކަން،" ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް: ވިދާޅުވީ ރައީސް މުއިއްޒު އުޅުއްވަނީ ހުދުމުޚުތާރު ވެރިކަމެއްކޮށް، އިންތިޚާބެއްވެސް ނުބާއްވަން ކަމަށް -- ފޮޓޯ/ އެމްޑީޕީ

ފައްޔާޒު ވިދާޅުވީ، މި ސަރުކާރަށް އާ ކަމެއް ކުރާކަށް ވެސް ނޭނގުނު ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރެއްވި މަގުން ކަންތައްތައް ތަކުރާރުކުރެވޭތޯ ބަލަނީ ކަމަށާއި ނަމަވެސް އެކަން ވެސް ރަނގަޅަށް ކުރާކަށް މި ސަރުކާރަކަށް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދެން އޮތީ އެމްޑީޕީން އިހުތިޖާޖުކޮށްގެން މި ވެރިކަން ނިންމަންކުރަންޖެހޭ މަސައްކަތްކުރުން ކަމަށެވެ. މީގެ ކުރިން ވެސް މި ގައުމު އެ ހާލަތުގައި އޮއްވައި ބިރު ކަނޑުވައިދިނީ އެމްޑީޕީ ކަމަށް އެނާ ވިދާޅުވިއެވެ.

ސެޕްޓެމްބަރު 7، 2013ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވީ އޭރު ވެރިކަމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި، އެ ދައުރުގެ ކުރީކޮޅު ވެރިކަމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޔާމީންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ. އެބުރުގެ ނަތީޖާއިން ކުރީގައި އުޅުއްވީ ނަޝީދެވެ. ދެވަނައިގައި އޮތީ ޔާމީނެވެ. ނަމަވެސް، ފުރަތަމަ ބުރުގައި ވޯޓުލީ މީހުންގެ ލިސްޓު ސައްހަ ނޫން ކަމަށް ވިދާޅުވެ ގާސިމް ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

އެއާއެކު އެ އިންތިޚާބަކީ ލެޖިޓިމަސީ ގެއްލިފައިވާ ބާތިލު އިންތިޚާބެއް ކަމަށް ސުޕްރީމް ކޯޓުން އޭރު ވަނީ ކަނޑައަޅައި ހުކުމްކޮށްފައެވެ. އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ)ން އޭރު ބުނީ ސުޕްރީމް ކޯޓުން އިންތިޚާބު ބާތިލުކޮށްފައިވަނީ، ވޯޓުލީ މީހުންގެ ނަމާއި އެޑްރެހުގައި ހުރި ކުދިކުދި ފުށުއެރުންތަކެއްގެ ސަބަބުން ކަމަށެވެ.

ސުޕްރީމް ކޯޓުގެ އަމުރާ އެކު އަލުން ފުރަތަމަ ބުރުގެ އިންތިޚާބު ބޭއްވިއިރު ވެސް ނަތީޖާ އައީ އެއްގޮތަކަށެވެ. ދެވަނަ ބުރުގެ ވޯޓުލުން ބޭއްވިއިރު ރައީސްކަމުގެ ހުވާކުރާ މުއްދަތު ވެސް ވަނީ ފަހަނައަޅައިގޮސްފައެވެ. އެ ބުރު އިންތިޚާބު ޔާމީން ކާމިޔާބުކުރައްވައި ހުވާކުރެއްވީ ނޮވެމްބަރު 17 ގައެވެ.

އެކަމާ ގުޅިގެން އެމްޑީޕީން ބުނީ ސުޕްރީމް ކޯޓުން އެ ޝަރީއަތް ހިންގާފައިވަނީ ގާނޫނުއަސާސީއާއި، ގާނޫނާ ޚިލާފު އިޖުރާއަތުތަކެއްގެ މައްޗަށް ކަމަށެވެ. އަދި، އެ ޝަރީއަތް ހިންގާފައިވަނީ ނަތީޖާ ވަކިގޮތަކަށްނެރެ، ނުފޫޒުފޯރުވުމަށް ކަމަށް އެމްޑީޕީން ބުންޏެވެ.

comment ކޮމެންޓް