މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން، މި ސަރުކާރުން އާންމުކުރި ފްލެޓު ލިބޭ މީހުންގެ ލިސްޓާމެދު ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދަ ޑިމޮކްރެޓްސްއިން މިރޭ ނިންމައިފިއެވެ.
ފްލެޓް ލިބެން ޝަރުތު ހަމަވާކަމަށް ކުރީ ސަރުކާރުން އެކުލަވައިލި ލިސްޓުގައި 8،000 އަށްވުރެ ގިނަ މީހުން ތިބިއިރު، އެ ލިސްޓު ރިވިއުކުރަން މި ސަރުކާރުން އަހަރަކަށްވުރެ ގިނަ ދުވަސް ހޭދަކޮށް، ލިސްޓު އާންމުކުރިއިރު ޝަރުތު ހަމަވީ އެންމެ 1،820 މީހުންނެވެ.
މި ކަމާ ގުޅިގެން ޑިމޮކްރެޓްސްއިން ނެރުނު ބަޔާނެއްގައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވައުދުވެ ވަޑައިގެންނެވި ގޮތާ ޚިލާފަށް ފްލެޓު ލިސްޓު ރީ-އިވެލުއޭޓްކޮށްފައިވަނީ މާލެ ސިޓީ ކައުންސިލްގެ އެއްވެސް ދައުރެއް ނެތިކަން ފާހަގަކޮށްފައެވެ. އަދި އެ މަރުހަލާ ހިންގާފައިވަނީ ދެފުށް ފެންނަ ގޮތެއްގައި ނޫން ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
ޑިމޮކްރެޓުން ބުނީ ފްލެޓު ލިސްޓު ބަލައި، ދިރާސާކޮށް ހައްގުވެރިން ކަނޑައަޅަންވާނީ ލޯކަލް ކައުންސިލްގެ ބައިވެރިވުން އޮންނަ ގޮތަށް "ތިންވަނަ ލޮލެއް"ގެ ކުރިމަތީގައި ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ.
އަދި މާލޭ ރައްވެހީންގެ ޖަމިއްޔާތައް ފަދަ މަދަނީ ޖަމިއްޔާތަކަށް ވެސް ރީ-އިވެލުއޭޝަން މަރުހަލާ ހިނގާނުހިނގާ ގޮތް ބެލެން ޖެހޭނެ ކަމަށް އެ ޕާޓީން ދެކެއެވެ.
ޑިމޮކްރެޓުން ވެސް ފާހަގަކޮށްފައިވަނީ މިއަދު ސަރުކާރުން އާންމުކުރި ފްލެޓު ލިސްޓުގައި، ފްލެޓަށް ޝަރުތު ހަމަވާ އެތައް ބަޔަކަށް ފްލެޓު ނުލިބޭ ކަމަށް ކަނޑައަޅާފައިވާކަން ފާހަގަކޮށް، ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެން ކަމުން އެ ޕާޓީން ނިންމާފައިވަނީ ލިސްޓުން އުނިކޮށްފައިވާ ފަރާތްތަކުން ކަމާބެހޭ ފަރާތަކަށް މައްސަލަ ހުށަހަޅާނަމަ އެ ކަމުގައި އެންމެހައި އެހީތެރިކަމެއް ފޯރުކޮށްދިނުމަށެވެ.
"ލިސްޓުގައި އުނިކޮށްފައިވާ ހައްގުވެރިން، ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށާއި، ދައުލަތުގެ ކަމާބެހޭ އެހެން މުއްސަސާތަކަށް މައްސަލަ ހުށަހެޅުމުގައި ބޭނުންފުޅުވާ އެންމެހައި އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ އިންތިޒާމު މި ޕާޓީން ހަމަޖައްސާފައިވާނެ ވާހަކަ ދަންނަވަމެވެ." ޑިމޮކްރެޓުން ބުންޏެވެ.
ފްލެޓު ލިސްޓާމެދު ޝަކުވާ ހުށަހަޅަން ބޭނުންފުޅުވާ ބޭފުޅުން ޑިމޮކްރެޓްސްގެ ހޮޓްލައިން 9597119 އަށް ވަޓްސްއެޕް، ވައިބާ ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ގުޅުއްވައިގެންނާއި، އީމެއިލް ކުރައްވައިގެން ވެސް އެހީތެރިކަން ހޯދޭނެ ކަމަށް އެ ޕާޓީން ބުނެއެވެ.
މީގެ އިތުރުން ޑިމޮކްރެޓުންވަނީ، މި ކަމުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މާލެ ސިޓީ ކައުންސިލުން ވެސް އިންތިޒާމުތައް ހަމަޖެއްސުމަށް މޭޔަރު އާދަމް އާޒިމަށް ގޮވައިލައްވައިފައެވެ.
ޑިމޮކްރެޓުން ބުނެފައިވަނީ، އެ ޕާޓީގެ ބޯހިޔާވަހިކަމާބެހޭ ކޮމިޓީއާއި ގާނޫނީ ޓީމުގެ އަމިއްލަ އިސްނެގުމުގެ މަތީން، ފްލެޓު ލިސްޓު ދިރާސާ ކުރާނެ ކަމަށެވެ. އަދި ގާނޫނީ ގޮތުން ހޯދެންހުރި ފަރުވާތަކުގެ މައްޗަށް ނަޒަރު ހިންގައި، އެ މަގަށް މަސައްކަތް ކުރަމުންގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މިއަދު އާންމުކުރި ފްލެޓަށް ޝަރުތު ހަމަވީ މީހުންގެ ލިސްޓުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވެސް ހިމެނެއެވެ. ނަމަވެސް ފަހުން ހައިދަރު ވަނީ ފްލެޓް ދޫކޮށްލައްވަން ނިންމަވައިފައެވެ.