އަޕްޓައިމް އިންސްޓިޓިއުޓުން ޑޭޓާ ސެންޓާ ރިލައިބިލިޓީއަށް ކަނޑައަޅައިފައިވާ އެންމެ މަތީ މިންގަޑުގެ އެންމެ ފުރަތަމަ ޓިއާ ހަތަރެއްގެ ސެޓިފިކޭޝަން ހޯދައިފައިވާ ޑޭޓާ ސެންޓަރެއް އިއްޔެ ދިރާގުން ހުޅުމާލޭގައި ހުޅުވައިފިއެވެ.
ދިރާގުން ބުނީ، އަޕްޓައިމް އިންސްޓިޓިއުޓުން ދޭ މި ސެޓިފިކޭޝަންއަކީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު، އެންމެ އިތުބާރު ކުރެވޭ ޑޭޓާ ސެންޓަރުތަކަށް ދޭ ސެޓިފިކޭޝަނަކަށް ވާތީ، އެ ކަމުން ދައްކުވައިދެނީ ދިރާގު ކަސްޓަމަރުންނަށް އިތުބާރު ހިފޭ، ދުނިޔޭގެ ފެންވަރުގެ އެންމެ މަތީ ފަންތީގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
އެ ޒަމާނީ ޑާޓާ ސެންޓަރާ އެކު ދިރާގުން ވަނީ ދިވެހިރާއްޖޭގެ ޑޭޓާ ސެންޓާ އިންފްރާސްޓްރަކްޗާ ހުންނަންޖެހޭ މިންގަޑު އިތުރަށް ހަރުދަނާކޮށްދީފައި ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގު ހުޅުމާލޭ ޑޭޓާ ސެންޓަރު އިފުތިތާހު ކޮށްދެއްވައިފައިވަނީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ޢަލީ އިހުސާނެވެ.

ދިރާގުން ހުޅުމާލޭގައި ޓިއަރ-4 ޑޭޓާ ސެންޓަރެއް ހުޅުވައިފި:ޓިއަރ-4 ޑޭޓާ ސެންޓާ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--ޕޮޓޯ/ދިރާގު
އެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދިރާގުން ރާއްޖޭގެ ފުރުތަމަ ޓިއާ ހަތަރެއްގެ ސެޓިފައިޑް ޑޭޓާ ސެންޓަރު ހުޅުވައި ތާރީޚީ ކުރިއެރުމެއް ހޯދިފައި ކަމަށެވެ. ސަރުކާރުން އަބަދު ވެސް މަސައްކަތްކުރަމުން މި ދަނީ ރާއްޖޭގެ ވިޔަފާރިވެރިންނަށް އެންމެ ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދޭނެ ވަސީލަތްތައް ހޯދައި ދިނުމަށް ކަމަށެވެ.
ދިރާގުން އެ ހޯދި ކާމިޔާބީއާ އެކު، މިހާރު ދިވެހިރާއްޖެ ވެސް މި ތިބީ ދުނިޔޭގެ އެހެން ގައުމުތަކާ އެއް ހަމައެއްގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހަފުލާގައި ވާހަކަދައްކަވަމުން ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ، ދިރާގުން ރާއްޖޭގެ އެންމެ ފުރަތަމަ މި ފެންވަރުގެ ޑޭޓާ ސެންޓަރު ހުޅުވުމަކީ އެ ބޭފުޅުންނަށް ލިބޭ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ. އެ ޑޭޓާ ސެންޓަރަކީ އިންފްރާސްޓްރަކްޗާއަށް ބެލިއަސް، ރިލައިބިލިޓީއަށް ބެލިއަސް، ސެކިއުރިޓީއަށް ބެލިކަމުގައި ވިއަސް އެންމެ މަތީ މިންގަނޑުތަކަށް ހެދިފައި ހުރި ޑޭޓާ ސެންޓަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ ސަބަބުން، ވިޔަފާރިވެރިންގެ ވިޔަފާރިތަކުގެ ބިޒްނަސް ކޮންޓިނިއުޓީ އިތުރަށް ވަރުގަދަކޮށް، ކްލައުޑު ސާވިސަސް ބޭނުންކުރާ ފަރާތްތަކާއި، އެކި ކަހަލަ އެޕްލިކޭޝަންތައް ބޭނުން ކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާގުން ހުޅުމާލޭގައި ޓިއަރ-4 ޑޭޓާ ސެންޓަރެއް ހުޅުވައިފި:ޓިއަރ-4 ޑޭޓާ ސެންޓާ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ޕޮޓޯ/ދިރާގު
އެ ކުންފުނިން ބުނީ، އެ ސެޓިފިކޭޝަންއާ އެކު، ދިރާގުން މި ވަނީ ދިރާގުގެ ކްލައުޑް އައިއޭއޭއެސްގެ އިތުބާރު ހިފޭ މިންވަރު، ސެކިއުރިޓީ އަދި ރެޒިލިއެންސް މިންގަނޑުތައް ވަރުގަދަކޮށް، ވިޔަފާރިކުރުމުގައި އަދި މުހިންމު އެޕްލިކޭޝަންތައް ބޭނުންކުރުމަށް ވިޔަފާރިވެރިން އިތުރަށް ބާރުވެރިކޮށްދީފައި ކަމަށެވެ.
އެ ކަމުގެ ސަބަބުން، ވިޔަފާރިވެރިންނަށް ޒަމާނީ ޚިދުމަތްތައް އެންމެ ރަނގަޅު އަގުތަކުގައި ލިބި، ބަދަލުވަމުންދާ ޑިޖިޓަލް އިކޮނޮމީގައި ކުރިއަރައިގެން ދިއުމަށް އެހީތެރިކަން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުން ދަނީ ދިވެހިރާއްޖޭއަށް އެންމެ ފަހުގެ ޓެކްނޮލޮޖީގެ ޒަރިއްޔާއިން އެންމެ ވަރުގަދަ ޚިދުމަތްތައް ތައާރަފުކޮށް ރާއްޖޭގެ ޑިޖިޓަލް އިކޮނޮމީ ހަރުދަނާކުރުމަށް ކުރާ މަސައްކަތުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންނެވެ.