ބޮލީވުޑް އެކްޓަރު އަބީޝެކް ބައްޗަންގެ ފިލްމު "ބީ ހެޕީ" އަންނަ މަހުގެ 14 ވަނަ ދުވަހު އެމޭޒަން ޕްރައިމްގައި ޕްރީމީއާ ކުރާގޮތަށް ހަމަޖައްސައިފިއެވެ.
އެމޭޒަން ޕްރައިމް ވީޑިއޯގެ އޮރިޖިނަލް ފިލްމެއް ކަމަށްވާ "ބީ ހެޕީ" އެ ޕްލެޓްފޯމްގައި ޕްރީމިއާކުރާނެކަން އިއުލާނުކޮށްފައި ވަނީ ފިލްމުގެ ޕޯސްޓަރަކާ ވެސް އެކުގައެވެ.
މި ފިލްމަކީ ބޮލީވުޑްގެ މަޝްހޫރު ކޮރިއޯގުރާފަރު ރެމޯ ޑިސޫޒާ އާއި އަންހެނުން ލިޒެލް ޑިސޫޒާ ގުޅިގެން ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމެކެވެ.
މި ފިލްމުން އަބީޝޭކްއާ އެކު މުހިއްމު ރޯލްއިން ފެންނާނީ 2020ވަނަ އަހަރު ރިލީޒްކުރި "ލުޑޯ" އަދި 2023ވަނަ އަހަރު ރިލީޒްކުރި ފިލްމު "ތޫ ޖޫތީ މޭ މައްކާރު"އިން ފެނުނު ތުއްތު ކުއްޖާ އިނާޔަތު ވަރުމާއެވެ. އިނާޔަތު ފިލްމުގައި ފެންނާނީ އަބީޝެކްގެ އަންހެން ދަރިފުޅުގެ ރޯލްއިންނެވެ.

އަބިޝޭކް ބައްޗަން ފިލްމީ ތަރި އިނާޔާތުއާ އެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާ
މި ފިލްމަކީ ފިލްމު "އޭބީސީޑީ: އެނީ ބޮޑީ ކެން ޑާންސް" ފިލްމަށްފަހު ރެމޯ ޑައިރެކްޓްކުރާ ތިން ވަނަ ފިލްމެވެ. ފިލްމު "ބީ ހެޕީ"އަކީ ރެމޯގެ މަޝްހޫރު ފްރެންޗައިސް "އޭބީސީޑީ"ގެ ތިން ވަނަ އިންސްޓޯލްމެންޓް ކަމަށް ވެސް ބައެއް ރިޕޯޓުތައް ވަނީ ބުނެފައެވެ.
އަބީޝެކްގެ އެންމެފަހުން ރިލީޒްކުރި ފިލްމަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރިލީޒްކުރި ފިލްމު "އައި ވޯންޓު ޓޯކް"އެވެ.
ޑައިރެކްޓަރު ޝޫޖިތު ސިރުކަރުގެ މި ފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. އަބީޝެކް އަންނަނީ މި އަހަރުގެ ޖޫން މަހު ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާ ފިލްމު "ހައުސްފުލް 5"ގެ މަސައްކަތް ވެސް ކުރަމުންނެވެ.
މިއީ އަބީޝެކްގެ ކެރިއަރުގެ އެންމެ މަގުބޫލު އެއް ފްރެންޗައިސް ފިލްމެވެ.