ޓެލްއަވީވު (26 ފެބްރުއަރީ 2025): ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފަށް, ފަލަސްތީނުގެ 620 އަސީރަކު މިނިވަން ކުރުން މުއްދަތެއް ނެތްގޮތަށް ފަސްކުރަން ދާދިފަހުން އިސްރާއީލުން ނިންމި ނިންމުން އެންމެ ފަހުން ބަދަލުކޮށްފިއެވެ.
އިސްރާއީލުގެ މަސްއޫލުވެރިއަކާ ހަވާލާދީ އެގައުމުގެ ނޫހެއްކަމަށްވާ "ހާއާރެޓްސް" ބުނާގޮތުން މި އެއްބަސްވުމުގެ މެދުވެރިއެއްކަމަށްވާ މިސްރާއެކު އިސްރާއީލު ކުރި މަޝްވަރާތަކަކަށްފަހު ބޮޑުވަޒީރު ނަތަންޔާހޫ މިހާރުވަނީ މި 620 އަސީރުން މާދަމާ މިނިވަން ކުރާނެކަމުގެ ޔަގީންކަން މިސްރަށް ދީފައެވެ. މިސްރުގެ ރަސްމީ މީޑިއާ ތަކުންވެސްވަނީ މިކަން ކަށަވަރު ކޮށްދީފައެވެ.
ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައިވާ ގޮތުން މި 620 އަސީރުން މިނިވަންކުރަން ޖެހޭނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ އެއްބަސްވުމުގައި ވާގޮތަށް ހަމާސް ޖަމާއަތުން ހޮނިހިރު ދުވަހު ވަނީ އިސްރާއީލުގެ 6 އަސީރަކު މިނިވަންކޮށްފައެވެ.
ނަމަވެސް އިސްރާއީލުވަނީ އެކި ބަހަނާތައް ދެއްކުމަށްފަހު މި 620 އަސީރުން މިނިވަންކުރުން މުއްދަތެއްނެތި ފަސްކުރިކަން ހާމަކޮށްފައެވެ. އަދި ހަމާސް އިން ޖެހޭނީ އިސްރާއީލުގެ ހުރިހާ އަސީރުން މިނިވަންކުރަން ކަމަށާ އެހެން ނޫންނަމަ ޣައްޒާއަށް ހަމަލާދީ އަލުން ގަތުލުއާންމުތައް ފަށާނެކަމުގެ އިންޒާރު ވެސް ނަތަންޔާހޫ ދިނެވެ.
ނަތަންޔާހޫ ގެ އިންޒާރާއެކު ހަމާސްއިން ވަނީ ޣައްޒާއާބެހޭ އެއްވެސް ވާހަކައެއް އިސްރާއީލާއެކު ނުދައްކާނެކަމަށް ބުނެ ބަޔާނެއް ނެރުމަށްފަހު ވާހަކަތަކުން ބޭރުވެފައެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު މިނިވަންކުރަންޖެހޭ އަސީރުން މާދަމާ މިނިވަންކޮށް ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އަލުން އިހުތިރާމް ކުރާނެކަމުގެ ޔަގީންކަން މިސްރު މެދުވެރިކޮށް އިސްރާއީލް ހަމާސް އަށް ދިނުމުން ހަމާސް އިންވަނީ އިސްރާއީލުން މިއަސީރުންތައް މާދަމާ މިނިވަންކޮށްފި ހާލަތެއްގައި އެއްބަސްވުމާ އެއްގޮތަށް ހަމާސް އިން މާދަމާ މިނިވަން ކުރަންޖެހޭ އިސްރާއީލުގެ ހަތަރު އަސީރުން މިނިވަން ކުރަން ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ.
ރިޕޯޓްތައް ބުނާގޮތުން ގޮތްދޫކުރަން އިސްރާއީލަށް މަޖުބޫރުވީ އަދި އަސީރުން މިނިވަންކުރަން އަލުން ނިންމީ ހަނގުރާމަ އަލުން ފެށުމަށް ނަތަންޔާހޫ ގެންގުޅުނު ފިކުރަށް އޭނާ އުންމީދުކުރި ގޮތަށް އެމެރިކާގެ މާބޮޑު އެއްބާރުލުމެއް ނުލިބުމުގެ ސަބަބުންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޣައްޒާގެ ކަންކަމުގެ ތެރެއަށް ދެން އޭނާ ވަދެވަޑައިނުގަންނަވާނެކަމަށާ ޣައްޒާގައި އަލުން ހަނގުރާމަ ފެށުމަށް ތާއީދު ނުކުރާނެކަން ހާމަކުރައްވާފައެވެ.
ގަތަރާއި ސައޫދީ ފަދަ އަރަބި ގައުމުތައް ވެސް ބޭނުންވަނީ ހަމަޖެހުމާއި ސުލްހަކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ޣައްޒާގެ ކަންކަން އެމެރިކާއާ ނުބައްސައި ނަތަންޔާހޫއަށް ފެންނަ ގޮތަކަށް ގެންދިޔުމަށް އެދިވަޑައިގެންފައެވެ.
އެއްބަސްވުމަށް އެނބުރި ރުޖޫއަވުމަށް ނަތަންޔާހޫއަށް މަޖުބޫރުވި އަނެއް ސަބަބަކީ އެއްބަސްވުމާ އެއްގޮތަށް އިސްރާއީލުގެ ހުރިހާ އަސީރުން މިނިވަންކުރުމަށް އިސްރާއީލުގެ އެތެރެއިން އޭނާއަށް ކުރިމަތިވާ ބޮޑެތި ފިއްތުންތައް ކަމަށް "ހާއާރެޓްސް" ނޫސް ބުނެއެވެ.
އެއްބަސްވުމާ ޚިލާފުވެ ހަނގުރާމަ އަލުން ފެށިނަމަވެސް ހަމާސް ޖަމާއަތް ބަލިނުކުރެވޭނެކަން ނަަަތަންޔާހޫއަށް އިހުސާސް ކުރެވުމަކީވެސް ގޮތްދޫކުރަން ޖެހުނު ސަބަބެއްކަމަށް މުހައްލިލުން ސިފަކުރައްވައެވެ.