ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މިއަދު ފާސްކުރުމާއެކު، އެ ބިލުގެ މަސައްކަތްކުރުމަށް ހަވީރަށް ކޮމިޓީ ބައްދަލުވުމެއް އެޖެންޑާކޮށްފިއެވެ.
ފަސްދޮޅަސް ހަތަރު މެންބަރުންގެ ވޯޓާއެކު ފާސްކުރި އެ ބިލުގެ ބަހުސް އެއް ދުވަސްތެރޭ ނިންމައި، އިތުރަށް ދިރާސާކުރުމަށް ވަނީ މަޖިލީހުގެ ޖުޑިޝިއަރީ ކޮމިޓީއަށް ފޮނުވައިފައެވެ. ކޮމިޓީ ބައްދަލުވުން ބޭއްވުމަށް ތާވަލުކޮށްފައި ވަނީ މިއަދުގެ ހަވީރު 16:00 އަށެވެ.
މީގެކުރިން ވެސް ބޮޑެތި އިސްލާހުތައް އެއް ދުވަސްތެރޭ މަސައްކަތް ނިންމުމަށްފަހު މަޖިލީހުން ގެނެސްފައިވެއެވެ. އެގޮތުން މި ފަހުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރީ ވެސް އެއް ދުވަސްތެރޭ އިބްތިދާއީ ބަހުސް ނިންމައި، ތަޅުމުން ބަލައިގަނެ، ކޮމިޓީ ބައްދަލުވުން ބޭއްވުމަށްފަހު އެ ދުވަހުގެ ރޭގަނޑު އިތުރު ޖަލްސާއެއް އެޖެންޑާކުރުމަށްފަހު ބިލު ފާސްކޮށްގެންނެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް އެ ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.
ކޯޓުތަކުގެ ގާނޫނުގައި މިހާރު އޮންނަނީ، ސުޕްރީމް ކޯޓު އެކުލެވިގެންވަނީ އުއްތަމަފަނޑިޔާރާއި އެ ކޯޓަށް އައްޔަންކުރާ އިތުރު ހަ ފަނޑިޔާރުންނާއެކު ޖުމްލަ ހަތް ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ.
އާ ބިލުގައިވަނީ، ސުޕްރީމް ކޯޓު އެކުލިވެގެން ވާނީ އުއްތަމަފަނޑިޔާރާ އެކު އެ ކޯޓަށް އައްޔަންކުރެވިފައިވާ ޖުމްލަ ފަސް ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ. އެ ކޯޓުގެ ފަނޑިޔާރުންގެ ޖުމްލަ އަދަދު ވާންވާނީ އޮނަހިރި އަދަދަކަށް ކަމަށް ބަޔާންކޮށްފައިވެއެވެ.
އެ އިސްލާހުގައި އިތުރަށްވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކި ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެ މީހަކު ގާބިލުނޫން ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ގަބޫލުކުރެވިގެން، އެ ފަނޑިޔާރަކު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުން ކަމަށެވެ.
ވެރިކަން ކުރާ ޕާޓީން ސުޕްރީމް ކޯޓަށް ބަދަލު ގެންނަން މަސައްކަތް ފަށައިފައިވަނީ، ފަނޑިޔާރުންތަކެއް ވަކިކުރަން އުޅޭ ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތު ކޮށްފައި ވަނިކޮށެވެ.
އެ ތުހުމަތުތައް ފެންމަތިވީ، މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުންނާއި ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި، ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅި ފަހުންނެވެ. ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި އެ މައްސަލަ އެ ކޯޓުން އަންނަނީ ބަލަމުންނެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބަލަމުން ދަނިކޮށް މިފަދަ ބިލެއް ހުށަހެޅުމަކީ ޖުޑިޝަރީއަށް ނުފޫޒު ފޯރުވައި، ބިރު ދެއްކުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅުން ވަނީ ސިފަކޮށްފައެވެ. ހަމައެއާއެކު ޖުޑިޝަރީ ދާއިރާގެ ބައެއް ބޭފުޅުން ވެސް އެކަމުގެ ކަންބޮޑުވުންތައް ފާޅުކުރައްވާފައިވެއެވެ. އޭގެ އިތުރުން ޕީއެންސީގެ ބައެއް މެންބަރުން ވެސް ވަނީ ފާޅުގައި އެ ބިލާ ދެކޮޅު ހައްދަވާފައެވެ.
އެހެންނަމަވެސް، ޕީއެންސީ ޕީޖީން ނިންމާފައި ވަނީ އެ ބިލާ އެއްކޮޅަށް ވޯޓު ދިނުމަށެވެ.