ރޮބަޓް ޕެޓިންސަން ބެޓްމޭންގެ ރޯލު ކުޅުނު ފިލްމު "ދަ ބެޓްމޭން" ގެ ސީކުއެލް ރިލީޒްކުރުން ފަސްކޮށްފައިވާއިރު ފިލްމަށް ހަދާނެ ގޮތެއް ނޭނގިގެން އުޅޭކަން ހާމަވެއްޖެއެވެ.
ވޯނާ ބްރޮސްގެ ދަ ބެޓްމޭންގެ ފުރަތަމަ ބައެއް ރިލީޒްކޮށްފައިވަނީ 2022 ވަނަ އަހަރެވެ. ފިލްމުގެ ކާމިޔާބީއާ އެކު ސީކުއަލް އެއް އުފައްދާނެ ކަމަށް ޕްރޮޑަކްޝަނުން އިއުލާނު ކުރިއެވެ. ފިލްމުގެ ރިލީޒްކުރުން އެންމެ ފުރަތަމަ ޕްލޭންކޮށްފައިވަނީ މިއަހަރަށެވެ.
ނަމަވެސް، ފިލްމު ރިލީޒްކުރުމުގެ ތާރީޚު މިހާރު ވަނީ ފަސްކޮށްފައެވެ. ބެޓްމޭން މިހާރު ފަސްކޮށްފައިވަނީ 2027 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހަށެވެ. މިއީ ފިލްމު ރިލީޒްކުރުން މި އަންނަ އަހަރަށް ވެސް ފަސް ކުރުމަށްފަހު ފައިނަލް ކޮށްފައިވާ ތާރީޚެވެ.
ފިލްމު ރިލީޒްކުރާނެ ތާރީޚެއް އިއުލާނު ކޮށްފައިވިނަމަވެސް ފިލްމަށް ހަދާނެ ގޮތެއް ނޭނގެއެވެ. ވޯނަބްރޮސްއިން ފިލްމާ ގުޅޭގޮތުން ދޭ މައުލޫމާތުތަކުން އެނގެނީ މި ފިލްމުގެ މުސްތަގުބަލު ކުންފުންޏަށް ވެސް ނޭނގޭ ކަމެވެ. އެގޮތުން ފިލްމުގެ ސްކްރިޕްޓެއް ވެސް އަދި ނެތް ކަމަށް ވޯނާބްރޮސް އިން ބުނެއެވެ.
މި ފިލްމުގެ ސްކްރިޕްޓް ތައްޔާރު ކުރުމަށްޓަކައި ބަޔަކާ ހަވާލު ކުރެވިފައި ނުވާ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ. އަދި އެ މަސައްކަތް ހަވާލު ކުރާނެ ތާރީހެއް ވެސް ނޭނގެއެވެ. ފިލްމުގެ ލީޑް އެކްޓަރުންނާއެކު ފުރިހަމަ ކުރަން ޖެހޭ އެއްބަސްވުންތައް ވެސް އަދި ފުރިހަމަ ނުވެއެވެ. އެހެންވީމާ ފިލްމުގެ މުސްތަގުބަލާ މެދު ސުވާލުތައް އެބަހުއްޓެވެ. އެއާއެކު ވެސް ފިލްމު ނެރޭ ތާރީހަށް އާންމުންނަށް ފިލްމު ފެންނާނެ ކަމުގެ ޔަގީންކަން ވަރަށް ގަދައަށް ވޯނާބްރޮސް އިން ދެއެވެ.
ޕެޓިންސަން ފެނިގެން ދިޔަ ބެޓްމޭން ފިލްމު ވީ ބޮޑު ހިޓަކަށެވެ. މި ފިލްމުވެފައިވަނީ އެ އަހަރު ނެރުނު އެންމެ ބޮޑު ފިލްމުތަކުގެ ތެރެއިން ފިލްމަކަށެވެ. އެގޮތުން، ފިލްމުގެ އާމްދަނީ 800 މިލިއަން ޑޮލަރާ ގާތް ކުރެއެވެ.
ފުރަތަމަ ފިލްމާ އެއްގޮތަށް ދެވަނަ ފިލްމު ވެސް ޑައިރެކްޓްކުރަން ހަމަޖެހިފައިވަނީ މެޓް ރީވްސެވެ.
ރޮބާޓް ޕެޓިންސަންގެ އިތުރުން ފުރަތަމަ ފިލްމުން ފެނުނު ޒޯއީ ކްރެވިޓްސްއާއި ޕޯލް ޑޭނޯއެވެ. ދެވަނަ ފިލްމުން ވެސް ކްރެވިޓްސް ފެންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.