ދ. މީދޫގައި ބީއެމްއެލްގެ އޭޓީއެމްއެއް ހުޅުވައިފި

ބީއެމްއެލްއިން ދ. މީދޫގައި އޭޓީއެމް ހުޅުވުން ---- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދ. މީދޫގައި މިއަދު އޭޓީއެމްއެއް ހުޅުވައިފިއެވެ.

މީދޫގައި އޭޓިއެމް ހުޅުވައި، އިފުތިތާހުކޮށްދެއްވީ މިހާރު ދ. އަތޮޅަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، އެ ރަށުގައި އޭޓީއެމްއެއް ހުޅުވައި، އެ ޚިދުމަތް ފުޅާކުރެވުމުން އެކަމާ އުފާކުރާ ކަމަށެވެ.

ދ.މީދޫގައި އޭޓީއެމްގެ ޚިދުމަތް ފެށުން ---- ފޮޓޯ/ބީއެމްއެލް

އެގޮތުން، އެއީ ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި ބޭންކިންގެ ޚިދުމަތް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށާއި މާލީ ޚިދުމަތްތައް މުޖުތަމައުއަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

"މި އައު އޭޓީއެމްގެ ސަބަބުން މީދޫގެ ރައްޔިތުންނަށް ދުވަހުން ދުވަހަށް ކުރަންޖެހޭ ޒަރޫރީ ބޭންކިން މުޢާމަލާތްތައް ރަށުން ކުރެވޭނެ. މީގެ ސަބަބުން މިރަށު ރައްޔިތުންގެ އަގުހުރި ވަގުތާއި ވަސީލަތްތައް ސަލާމަތްކުރެވޭނެ،" ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްއިން އަންނަނީ 20 އަތޮޅެއްގައި 39 ބްރާންޗާއި 98 ސެލްފްސާވިސް ބޭންކިން ސެންޓަރާއި 155 އޭޓީއެމް ހިންގަމުންނެވެ.

comment ކޮމެންޓް