އައްޑޫ ސިޓީގައި ޑެންގީ ހުން ފެތުރުން އިތުރުވާތީ އެކަމަށް އާންމުން ސަމާލުވުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އިލްތިމާސްކޮށްފިއެވެ.
އެ ހޮސްޕިޓަލުން ވަނީ މި ދުވަސްވަރަކީ އައްޑޫގައި ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވަމުންދާ ދުވަސްވަރެއް ކަމަށް އެ ހޮސްޕިޓަލުގެ ތަފާސްހިސާބުތަކުން ދައްކާފައި ވާކަމަށެވެ.
އެ ހޮސްޕިޓަލުން "ސަން"އާ ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ މިހާތަނަށް އެ ހިސްޕިޓަލަށް ޑެންގީގެ ހަތަރު ކޭސް ވަނީ ރިޕޯޓު ކޮށްފައެވެ.
މިދިޔަ މަހު ތިން ކޭހެއް ރިޕޯޓުކޮށްފައި ވާއިރު ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައިވެސް ޑެންގީގެ ކޭހެއް ވަނީ ރިޕޯޓުކޮށްފައެވެ.
ޑެންގީ ހުމަކީ މަދިރީގެ ޒަރީއާއިން ފެތުރޭ ވައިރަލް ހުމެކެވެ. ޑެންގީ ހުން ޖައްސާ ވައިރަސް ނުވަތަ ޑެންގީ ވައިރަސްގެ ހަތަރު ވައްތަރެއް މިހާތަނަށް ފެނިފައި ވާއިރު އެ ބަލިޖެހިގެން ފުރާނައަށް ނުރައްކާވާ ފަހަރުވެސް އާދެއެވެ. އަދި ބަލިޖެހިގެން މީހުން މަރުވެފައި ވެސްވެއެވެ.
ޑެންގީގެ އަލާމަތްތަކުގެ ތެރޭގައި:
- ލޮލުގައި ރިއްސުން
- ހަމުގައި ކުދިކުދި ރަތް ބިހި ނެގުން
- ބޮލުގައި ރިއްސުން
- ގައިގައި ރިއްސުން
- ހުންއައުން
އިކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ ޑެންގީއިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކާއި ޑެންގީގެ އަލާމާތެއް ފެނިއްޖެނަމަ ކަންތައް ކުރަންވީ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން ހުން އަންނަނަމަ:
- ހުން ތިރިކުރުމަށް ޕެނެޑޯލް ނުވަތަ ޕެރެސެޓެމޯލްގެ އިތުރުން އެއްވެސް އިތުރު ބޭހެއް ބޭނުން ނުކުރުން
- ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުން
- ތިން ދުވަހަށްވުރެ ގިނަ ދުވަހު ހުން ތިރިނުވެ ދިގުލައިގެން ގޮސްފިނަމަ ސިއްޚީ އެހީތެރިއެއްގެ ލަފަޔާއި އިރުޝާދު ހޯދުން
- އަރާމުކުރުން
މީގެ އިތުރުން ކުޑަކަމުދެވޭ މިންވަރު މަދުވެ އާދަޔާ ޚިލާފަށް ގައިގެ ވަރުދެރަވެ، ހަށިގަނޑުގެ އެއްވެސް ތަނަކުން ލޭ އަންނަނަމަ ލަސްނުކޮށް ވީހާވެސް އަވަހަކަށް ސިއްހީ އެހީތެރިއެއްގެ ލަފަޔާއި އިރުޝާދު ހޯދުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.